އުސޫލުން ބޭރުން ލިޔުމެއް ދޫކޮށްފައި ނުވާނެ: އަކުރަމު
20 ޑިސެމްބަރު 2024 - 14:04

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ނުހިމެނޭ ފަރާތްތަކަށް ގޯތި ދޫކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، އެއްވެސް ލިޔުމެއް އުސޫލުން ބޭރުން ނުވަތަ ގަވާއިދާ ހިލާފަށް ނުވަތަ ނުރަސްމީކޮށް ދޫކޮށްފައި ނުވާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެެއެވެ.
އަކުރަމް މިއަދު ވިދާޅުވީ އެގްރީމަންޓެއް ކަމަށް ދެއްކުމަށް ޓަކައި ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓަކާ މެދު ސުވާލު އުފެދުމުން ވެސް، އެ ޑޮކިއުމަންޓްގެ ސައްހަކަން ކަށަވަރުކުރުމަށް ފޮރެންސިކް ތަހުލީލެއް ވެސް ނުހަދައި، ކުރީ ސަރުކާރުން ދޫކުރި ލިޔުމެއްގެ ގޮތުގައި އެވާހަކަ ދެއްކީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް ކަމަށެވެ.

Ad by Hajj Corporation
އަދި ފުލުހުން އެމްޑަބުލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުއާ ދުވަހަކު ވެސް ބައްދަލުވެފައި ނުވާ ކމަށާއި އަދި އުސޫލުން ބޭރުން އެއްވެސް ލިޔުމެއް ދޫކޮށްފައި ނުވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.
"ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެއްވެސް ލިޔުމެއް އުސޫލުން ބޭރުން ނުވަތަ ގަވާއިދާ ހިލާފަށް ނުވަތަ ނުރަސްމީކޮށް އެއްވެސް ފަރާތަކަށް ކުރީގެ ހައުސިންގ މިނިސްޓްރީން ދޫކޮށްފައި ނުވާނެކަމުގެ ޔަގީންކަން އަރުވަން."
އަކްރަމް އިތުރަށް ވިދާޅުވީ ސަރުކާރުގައި އަދާކުރި މަޤާމުގެ ހައިސިއްޔަތުން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ޖަވާބުދާރީ ނުވެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.
މި މައްސަލައިގެ ތަޙްޤީޤު މިހާރުދަނީ ކުރިއަށެވެ.


