ރައުދަށް 27 ދުވަހުގެ ހުކުމެއް، ޖަލަށް ދާކަށް ނުޖެހޭނެ
26 ނޮވެމްބަރު 2025 - 09:33
.webp&w=1920&q=75)
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޙައްވާ ޔުމްނު ރަޝީދުއާ އެއްކޮށް ހާދިސާ ހިނގި ވަގުތު ހުރި ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލުގެ މައްޗަށް 27 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
މި ހާދިސާއާ ގުޅިގެން ރައުދުގެ މައްޗަށް، އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ކުށުގެ ދައުވާކުރަން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅީ މެއި މަހުގެ ފަހުކޮޅެވެ. ރައުދު ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާއަށް އިއުތިރާފުވެފައެވެ. އެހެންކަމުން މި މައްސަލަ ކުރިއަށްގެންގޮސްފައިވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.

Ad by Hajj Corporation
ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އަދަބު 27 ދުވަހަށް ލުއިކޮށްދިނީ ކުށަށް އޭނާ އިއުތިރާފުވެފައިވާތީއެވެ. ރައުދުގެ މައްޗަށް 27 ދުވަހުގެ ޖަލު ހުކުމެއް އިއްވިނަމަވެސް ތަޙްޤީޤު މަރުހަލާގައި ބަންދުކޮށްފައި ހުރި މުއްދަތު 27 ދުވަހަށްވުރެ އިތުރުވާތީ އޭނާއަށް އިއްވި ހުކުމުން ތަންފީޒު ކުރާނޭ އަދަބެއް ނެތް ކަމަށް ވަނީ ނިންމާފައެވެ.


