ވޯލްޑް ކަޕަށް ކުރިމަތިލާއިރު ނަފްސާނީ ދުޅަހެޔޮކަން އިސްކުރުމަށް އިލްތިމާސްކުރައްވައިފި
28 ނޮވެމްބަރު 2025 - 07:19

ކެރަމް ގައުމީ ޓީމުން ވޯލްޑް ކަޕާ ކުރިމަތިލާއިރު ކުޅުންތެރިންގެ ނަފްސާނީ ދުޅަހެޔޮކަމާއި ބުރޫއަރާ އެންމެހާ ކަންކަމުން ދުރުވެތިބުމަށް ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤު އިބްރާހިމް އިލްތިމާސްކުރައްވައިފިއެވެ.
ބުރާސްފަތި ދުވަހުގެ ހަވީރު ހެންވޭރު ބޯޅަގޭގައި ބޭއްވި ގައުމީ ކެރަމް ޓީމުގެ ހާއްސަ ޕްރެސް ކޮންފަރެންސްގައި ކެރަމް ގައުމީ ޓީމުގެ ކުޅުންތެރިންގެ އިތުރުން މެނޭޖަރު ވަނީ މުބާރާތް ކުޅެމުންދާ ވަގުތުތަކުގައި ބާސެލޯ ނަސަންދުރާ އަށް އައިސް ސަޕޯޓަރުންގެ ތަރުހީބުން އިތުރު ހިތްވަރުދިނުމަށް އެދޭކަން ހާމަކޮށްފައެވެ.

Ad by Hajj Corporation
މި ޕްރެސް ކޮންފަރެންސްގައި ގައުމީ ކެރަމް ޓީމުގެ ކުޅުންތެރިންނާ މުހާތަބްކުރައްވާ، ދެއްކެވި ވާހަކަފުޅުގައި ޝަރަފުވެރި މެހެމާން، ޢަބްދުއްރައްޒާޤު އިބްރާހިމް ވިދާޅުވީ، ވޯލްޑް ކަޕަށް ކުރިމަތިލާއިރު ރާއްޖޭގެ ކުޅުންތެރިން މެންޓަލީ އަދި ފިޒިކަލީ ރަނގަޅު ހާލަތުގައި ތިބުމަކީ މުހިއްމު ކަމެއް ކަމަށެވެ.
ކޮންމެ ކުޅުންތެރިއެއްގެ ކާމިޔާބީގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ކަމަކީ، މެންޓަލް ސްޓޭޓަސް އަށް ކަމަށްވުމުން އެކަމަށް ބުރޫ އަރާފަދަ ކަންކަމުން ހުރިހާ ކުޅުންތެރިން ދުރުހެލިވެ ތިބުމަށް ވެސް ރައްޒާޤު ވަނީ އިލްތިމާސްކުރައްވާފައެވެ.
މި ޕްރެސް ކޮންފަރެންސްގައި ޝަރަފުވެރި މެހެމާން، ރައްޒާޤު ވަނީ، މުބާރާތާ ދިމާކޮށް ކެރަމް ގައުމީ ޓީމަށް ހާއްސަކޮށް ނެރުނު ލަވަ ލޯންޗްކޮށް ދެއްވާފައެވެ.
މި ޕްރެސް ކޮންފަރެންސްގައި ކެރަމް ވޯލްޑް ކަޕްގެ ޓޯނަމަންޓް ކޮމިޓީގެ މެންބަރުންނާއި، ކުޅިވަރު ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އަންނަ ޑިސެންބަރު މަހުގެ 2 އިން 6 ގެ ނިޔަލަށް މާލޭގައި ބާސެލޯ ނަސަންދުރާގައި ބާއްވާ މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި މުޅި ދުނިޔޭގެ އެކި ބައްރުތަކުން 17 ގައުމަކުން 152 އެތުލީޓުން ވާދަކުރާނެ އެވެ. ކެރަމްގެ ތާރީޚުގައި ވެސް މިހާތަނަށް އެންމެ ގިނަ އަދަދެއްގެ އެތުލީޓުން ބައިވެރިވާ ކެރަމް ވޯލްޑް ކަޕްގެ ގޮތުގައި މި މުބާރާތް ރާއްޖޭގައި ބޭއްވިގެންދިއުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ފަޚުރެކެވެ.
ކެރަމް ވޯލްޑް ކަޕަކީ އައީސީއެފް އިން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ. ރާއްޖޭގައި އެންމެ ފަހުން ކެރަމް ވޯލްޑް ކަޕެއް ބޭއްވީ މީގެ 11 އަހަރު ކުރީންނެވެ. އެއީ، 2014 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތް ބޭއްވީ ސަން އައިލެންޑް ރިސޯޓްގައެވެ.
މިއީ ކެރަމް ވޯލްޑް ކަޕްގެ ހަތްވަނަ މުބާރާތެވެ. މިދިޔަ އަހަރު އެމެރިކާގައި ކުރިއަށްދިޔަ ހަވަނަ ވޯލްޑް ކަޕްގައި ރާއްޖޭން ވަނީ އަންހެން އަދި ފިރިހެން ޓީމް އިވެންޓުން ބްރޯންޒް މެޑެލް ހާސިލްކޮށްފައެވެ.


