ކެރަމް ވޯލްޑް ކަޕުން ބްރޯންޒް ހޯދި ޓީމު އެނބުރި ރާއްޖެއަށް
20 ނޮވެމްބަރު 2024 - 13:26

އެމެރިކާގެ ކެލެފޯނިއާގައި ކުޅުނު ހަވަނަ ކެރަމް ވޯލްޑް ކަޕްއިން ބްރޯންޒް ހޯދި ރާއްޖޭގެ ޓީމު އެނބުރި ރާއްޖެއަށް އައިސްފިއެވެ.
ދިގު ދަތުރަކަށް ފަހު، އެ ޓީމު ރާއްޖެއަށް އައިސްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އެގޮތުން އެ ޓީމަށް މަރުޙަބާ ދެންނެވީ ކޮމިޝަނާ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލްގެ އިތުރުން، މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު އަދި ކެރަމް އެސޯސިއޭޝަނުގެ ބޭފުޅުންނެވެ.

Ad by Hajj Corporation
ވޯލްޑް ކަޕްގެ ދަތުރުގައި ރާއްޖޭގެ ޓީމުގެ މެނޭޖަރުގެ މަގާމުގައި ދަތުރުކުރި ހުސައިން އަލީ ވިދާޅުވީ، ރާއްޖޭގެ ޓީމު އެ މުބާރާތަށް ފުރީ ފައިނަލް ކުޅުމުގެ އުންމީދުގައި ކަމަށާއި، އެހެން ނަމަވެސް ދަތުރުގެ ގޮތުންނާއި، ޓީމު އިވެންޓްތައް އޮތް ގޮތުން ރާއްޖޭގެ ޓީމަށް އެންމެ ފުރިހަމަ ކުޅުމެއް ނުދެއްކުނު ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގެ ކެރަމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިއެއް ކަމުގައިވާ ހަސަން ނާޒިމް ވިދާޅުވީ، މީގެ ކުރީގެ އަހަރުތަކާ އަޅާބަލާއިރު މި އަހަރުގެ މުބާރާތަށް ޓީމު ވަރަށް ތައްޔާރުވި ކަމަށާއި، އެގޮތުން މުބާރާތް ފެށުމުގެ ތިން މަސްކުރިން ޕްރެކްޓިސްތައް ފެށި ކަމުގައި ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، ރާއްޖޭގެ ޓީމު އެފަދައިން ތައްޔާރުވާނަމަ، ކުރިއަށް އޮންނަ މުބާރާތްތަކުން އެއްވަނަ ހޯދޭނެ ކަމުގެ ޔަގީންކަން ވެސް އެބައޮތް ކަމަށެވެ.
މި އަހަރުގެ ކެރަމް ވޯލްޑް ކަޕުން ރާއްޖޭގެ ދެ ޓީމު ވެސް ބްރޯންޒް ހޯދިއިރު، މިއީ ރާއްޖޭގެ ފިރިހެން ޓީމަށް ތާރީޚުގައި ވެސް ބައިނަލްއަގުވާމީ މުބާރާތަކުން މެޑަލެއް ލިބުނު ފުރަތަމަ މުބާރާތެވެ. އެ މުބާރާތުގައި ރާއްޖޭގެ އަންހެނުންގެ ޓީމު އިވެންޓުގައި ރާއްޖެއިން ތިންވަނަ ހޯދީ ސްރީލަންކާގެ ޓީމާ ވާދަކޮށްގެންނެވެ. އަދި ފިރިހެނުންގެ ޓީމު އިވެންޓުގައި ރާއްޖެއިން ތިންވަނަ ހޯދީ ވެސް ލަންކާގެ ޓީމާ ވާދަކޮށްގެންނެވެ.
އެ މުބާރާތުގައި ޖުމްލަ 12 ކުޅުންތެރިއަކު ވަނީ ރާއްޖެ ތަމްސީލުކޮށްފައެވެ.


