logo
Bank of Maldives

Bank of Maldives

ވިޔަފާރި

މަޝްރޫއުތަކާއި މުސާރަ ހަމަހަމަކުރުމުގެ ސިޔާސަތަކާއެކުވެސް އާމްދަނީ އިތުރުވެ، ޑެފިސިޓް ކުޑަވެއްޖެ

އާމިނަތު ޝަފާ
1 ޑިސެމްބަރު 2025 - 09:36
މަޝްރޫއުތަކާއި މުސާރަ ހަމަހަމަކުރުމުގެ ސިޔާސަތަކާއެކުވެސް އާމްދަނީ އިތުރުވެ، ޑެފިސިޓް ކުޑަވެއްޖެ

މަޝްރޫއުތަކާއި މުސާރަ ހަމަހަމަކުރުމުގެ ސިޔާސަތަކާއެކުވެސް އާމްދަނީ އިތުރުވެ، ޑެފިސިޓް ކުޑަވެއްޖެއެވެ.

މާާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އާންމުކުރި 20 ނޮވެމްބަރ 2025  ވަނަ ދުވަހުގެ ނިޔަލަށް އެކުލަވާލާފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި، އާމްދަނީ އިތުރުވެ، ޑެފިސިޓް ކުޑަވެ، މަޝްރޫއުތަކާއި އިޖުތިމާޢީ ޕްރޮގްރާމްތަކަށް ކުރާ އިންވެސްޓްމަންޓްތައް ކުރިއަށް އެބަދެއެވެ. ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 33.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 30.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 9.5 އިންސައްތައިގެ އިތުރުވުމެކެވެ. ޖުމްލަ ހަރަދުތައް ވަނީ 12.6 އިންސައްތަ ދަށްވެ، މިދިޔަ އަހަރުގެ އެމުއްދަތުގައި ހުރި 40.1 ބިލިއަން ރުފިޔާއިން 35.1 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. ނަތީޖާއެއްގެ ގޮތުން، މި މުއްދަތުގެ އޯވަރޯލް ޑެފިސިޓް ވަނީ 2024 ވަނަ އަހަރުގެ 9.5 ބިލިއަން ރުފިޔާއިން 1.5 ބިލިއަން ރުފިޔާއަށް ކުޑަވެފައެވެ. މިއީ ގާތްގަނޑަކަށް 84 އިންސައްތައިގެ ދަށްވުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓެކްސް އާމްދަނީއާއި ޓެކްސް ނޫން އާމްދަނީ ވެސް ވަނީ ރަނގަޅު ކުރިއެރުމެއް ހޯދާފައެވެ. ޓެކްސް އާމްދަނީ ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 8.5 އިންސައްތަ އިތުރުވެ، 2024 ވަނަ އަހަރުގެ އެއް މުއްދަތުގައި ލިބުނު 23.3 ބިލިއަން ރުފިޔާއިން 25.2 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މައިގަނޑު ގޮތެއްގައި ޖީ.އެސް.ޓީ. އިތުރުވުމުގެ ސަބަބުންނެވެ. ޖުމްލަ ޖީ.އެސް.ޓީ. އާމްދަނީ ވަނީ 12.0 އިންސައްތަ އިތުރުވެ، 12.2 ބިލިއަން ރުފިޔާއިން 13.7 ބިލިއަން ރުފިޔާއަށް އަރާފައެވެ. އޭގެ ތެރެއިން ޖީ.ޖީ.އެސް.ޓީ. ވަނީ 8.0 އިންސައްތަ އިތުރުވެ 4.6 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ޓޫރިޒަމް ޖީ.އެސް.ޓީ. ވަނީ 14.2 އިންސައްތަ އިތުރުވެ 9.1 ބިލިއަން ރުފިޔާއަށް އަރާފައެވެ. ގްރީން ޓެކުހުގެ އާމްދަނީ ވަނީ ދެގުނައަށް ނުވަތަ 107.1 އިންސައްތަ އިތުރުވެ 914.0 މިލިއަން ރުފިޔާއިން 1.9 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަދި ޑިޕާޗަރ ޓެކްސް ވަނީ 60.5 އިންސައްތަ އިތުރުވެ 988.3 މިލިއަން ރުފިޔާއިން 1.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. ޓެކްސް ނޫން އާމްދަނީ ވެސް ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން، އެއަރޕޯޓް ތަރައްގީކުރުމަށް ނެގޭ ފީ އިން ލިބޭ އާމްދަނީ 150.5 އިންސައްތަ އިތުރުވެ 1.3 ބިލިއަން ރުފިޔާއަށް އަރާފައިވުމާއި، ރިސޯޓު ބިމުކުލި 2.1 އިންސައްތަ އިތުރުވެ 1.5 ބިލިއަން ރުފިޔާއަށް އަރާފައިވުމުގެ ސަބަބުން، ޓެކްސް ނޫން އާމްދަނީ ވަނީ 17.6 އިންސައްތަ އިތުރުވެ 6.8 ބިލިއަން ރުފިޔާއިން 8.0 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ 75.2 އިންސައްތަ ލިބިފައިވަނީ ޓެކްސް އާމްދަނީގެ ގޮތުގައެވެ. 23.9 އިންސައްތަ ލިބިފައިވަނީ ޓެކްސް ނޫން އާމްދަނީގެ ގޮތުގައެވެ. 20 ނޮވެންބަރގެ ނިޔަލަށް، މިއަހަރަށް ލަފާކުރި ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ 39.8 ބިލިއަން ރުފިޔާގެ ތެރެއިން ގާތްގަނޑަކަށް 84 އިންސައްތަ ވަނީ މިހާތަނަށް ދައުލަތަށް ލިބިފައެވެ.

ހަރަދުތަކަށް ބަލާއިރު، ސަރުކާރުން ދަނީ ޖުމްލަ ހަރަދުތައް ކުޑަކޮށް، އަސާސީ ހިދުމަތްތަކާއި މަޝްރޫއުތަކަށް އިސްކަންދެމުންނެވެ. ރިކަރަންޓް ހަރަދުތައް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ކުޑަ މިންވަރަކަށް އިތުރުވެ، 29.2 ބިލިއަން ރުފިޔާއިން 30.0 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން، މުސާރައާއި، އުޖޫރައާއި، ޕެންޝަނަށް ކުރާ ހަރަދުތައް ވަނީ 6.6 އިންސައްތަ އިތުރުވެ 11.3 ބިލިއަން ރުފިޔާއިން 12.1 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ޕޭ ހާމަނައިޒޭޝަން ފަދަ ސިޔާސަތުތަކާއި، މުހިންމު ހިދުމަތްތައް ފޯރުކޮށްދިނުން ހަރުދަނާ ކުރުމުގެ މަސައްކަތްތަކުގެ ސަބަބުން އިތުރުވި އިތުރުވުމެކެވެ. ކެޕިޓަލް ހަރަދުތައް ވަނީ 53.7 އިންސައްތަ ދަށްވެ، 10.9 ބިލިއަން ރުފިޔާއިން 5.0 ބިލިއަން ރުފިޔާއަށް ކުޑަވެފައެވެ. މިއީ ބޮޑެތި މަޝްރޫއުތަކަށް އަލުން އިސްކަންދީ، އެ މަޝްރޫއުތައް ރަނގަޅަށް ތަރުތީބުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ސަރުކާރުން މުހިންމު ތަރައްޤީގެ މަޝްރޫޢުތައް ހިންގުމާއި މުސާރަ ހަމަހަމަކުރުމުގެ ސިޔާސަތު 1 ނޮވެމްބަރ 2025 އިން ފެށިގެން ތަންފީޒްކުރަން ފެށުމާ ގުޅިގެން އޮކްޓޯބަރ މަހުގެ ނިޔަލަށް އޯވަރޯލް ބެލެންސް ޑެފިސިޓެއް ދައްކާފައިވީ ނަމަވެސް، 2025 ވަނަ އަހަރުގެ ފުރަތަމަ 40 ހަފްތާގައި ބެލެންސް ހުރީ ސަރޕްލަސްއެއްގައެވެ. ނޮވެމްބަރު 20 ގެ ނިޔަލަށް، އޯވަރޯލް ބެލެންސް ހުރީ 1.5 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ. އަދި ޕްރައިމަރީ ޑެފިސިޓް ހުރީ 2.6 ބިލިއަން ރުފިޔާގެ ސަރޕްލަސް އެއްގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަޝްރޫއުތަކާއި މުސާރަ ހަމަހަމަކުރުމުގެ ސިޔާސަތަކާއެކުވެސް އާމްދަނީ އިތުރުވެ، ޑެފިސިޓް ކުޑަވެއްޖެވިޔަފާރި | ގަޑިއިރެއް ކުރިން