ބައިނަލްއަޤްވާމީ ގުޅުންތަކުގެ ތެރެއިން ހަމަހަމަކާއެކު ކޮންމެ ރައްޔިތަކަށްވެސް ޞިއްޙީ ފަރުވާ ކަށަވަރުކުރަން ޖެހޭ :ރައީސް
1 ޑިސެމްބަރު 2025 - 10:48

ބައިނަލްއަޤްވާމީ ގުޅުންތަކުގެ ތެރެއިން ހަމަހަމަކާއެކު ކޮންމެ ރައްޔިތަކަށްވެސް ޞިއްޙީ ފަރުވާ ކަށަވަރުކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ދުނިޔޭގެ އެއިޑްސް ދުވަހާއި ގުޅިގެން މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation
ދުނިޔޭގެ އެއިޑްސް ދުވަހާއި ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ މިދުވަހުގެ ޝިޢާރު ކަމަށްވާ "އުނދަގޫތަކުން އަރައިގަނެ، އެއިޑްސްއާއި މެދު ދެކޭގޮތް ބަދަލުކުރުން" މިޝިޢާރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެއިޑްސް ބަލި ނައްތާލުމަކީ ވަކި ޤައުމަކަށް އެކަނި ކުރެވޭނެ މަސައްކަތެއް ނޫން ކަމަށާއި އެއީ ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ޒިންމާއެއް ކަމަށެވެ.
މީގެއިތުރުން ފަރުދުންގެ ކަރާމާތް ރައްކާކޮށް ހަމަހަމަކަމާއެކު ޞިއްޙީ އެހީތެރިކަން ލިބިގަތުމަށް ބައިނަލްއަޤްވާމީ ގުޅުންތައް އިތުރަށް ވަރުގަދަކުރަން މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް އެމަނިކުފާނުގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.
ޞިއްޙީ ދާއިރާއިން މިއަހަރު ރާއްޖެ ހޯދާފައިވާ އެއް ކާމިޔާބީ ކަމަށްވާ މައިންގެ ފުށުން ދަރިފުޅަށް އެޗްއައިވީ، ސިފިލިސް އަދި ހެޕެޓައިޓިސް ބީ ޖެހުން އެއްކޮށް ނައްތާލެވުނު ފުރަތަމަ ޤައުމަކަށް ރާއްޖެވެގެން ދިއުން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި މިކަމަކީ ހުރިހާ އެންމެންނަށް ހަމަހަމަކާއެކު ޞިއްޙީ ފަރުވާ ކަށަވަރުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ދައްކުވައިދޭ ކާމިޔާބީއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ރާއްޖެއިން ހޯދާފައިވާ މިފަދަ ކާމިޔާބީތަކަކީ ބައިނަލްއަޤްވާމީ ގުޅުންތަކާއި އެއްބައިވަންތަކަމާއެކު ޢިލްމު ބަދަލު ކުރުމުގެ ތެރެއިން އެކުގައި އިޖާދީ ގޮތުން ކުރެވުނު މަސައްކަތުން ހާސިލްވި ކާމިޔާބީއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރަން ފަށާފައިވަނީ މީގެ 37 އަހަރު ކުރިން 1988 ވަނަ އަހަރުއެވެ.
މި ދުވަހަކީ މި ބައްޔާއި މެދު ހޭލުންތެރިކަން އިތުރުކޮށް ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް، މަސައްކަތް ކުރުމުގެ މަޤްޞަދުގައި ފާހަގަކުރާ ދުވަހެކެވެ.


