ހަޤީޤީ މާނައިގައި ޝާމިލު މުޖުތަމަޢެއް ޤާއިމުކުރެވޭނީ ހަމަހަމަ ފުރުޞަތާއި އިޤްތިޞާދީ ބާރުވެރިކަން ލިބިގެން: ރައީސް
3 ޑިސެމްބަރު 2025 - 13:44

ހަޤީޤީ މާނައިގައި ޝާމިލު މުޖުތަމަޢެއް ޤާއިމުކުރެވޭނީ، ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދީ، އިޤްތިޞާދީ ބާރުވެރިކަން ލިބިދީގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެންވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަރާމާތާއި ޙައްޤުތައް ރައްކާތެރިކުރުމަށް ސަރުކާރުން ދެއްވާ އަހުމިއްޔަތު ފާހަގަކުރައްވައި، ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ. އެމަނިކުފާނުގެ މެސެޖުގައި، މި ގިޔަމުތައް މޫލާފައިވަނީ، ކޮންމެ އިންސާނަކާމެދުވެސް ކަރާމާތާއި ހަމަހަމަކަމާއެކު މުޢާމަލާތްކުރުމަށް ބާރުއަޅާ އިސްލާމީ ރިވެތި އުޞޫލުތަކުގެ މަތީގައިކަން ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މި އަހަރުގެ ޝިޢާރު ބިނާކޮށްފައިވަނީ، އިޖުތިމާޢީ ކުރިއެރުން ހޯދުމަށްޓަކައި ނުކުޅެދުންތެރިކަން ހުންނަ މީހުން ޝާމިލުވާ މުޖުތަމަޢުތައް ބިނާކުރުމުގެ މައްޗަށެވެ. މިކަމުން ރަމްޒުކޮށްދެނީ މުޖުތަމަޢުގެ ހުރިހާ ފަންތިއެއްގައިވެސް އެފަރާތްތައް ޝާމިލުކޮށް، އެކަމަކަށް އިޖާބަދޭ މުޖުތަމަޢެއް ބިނާކުރުމުގެ މުހިންމުކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުތައް ބިނާކޮށްފައިވަނީ، ނުކުޅެދުންތެރިކަން ދުރާލާ ދެނެގަތުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމުގެ މައްޗަށްކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. މިގޮތުން، މި އަހަރު އެކަނިވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 300 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު ފަހިކޮށްދެވިފައިވާކަން ފާހަގަކުރައްވައި، މިއީ އެފަރާތްތަކުގެ އިޤްތިޞާދީ ފުދުންތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި މަސައްކަތުގައި ހުރި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން އެމަނިކުފާނު ވަނީ، ޚިދުމަތްތައް ހޯދުމާއި، ޢާންމު ތަންތަނަށް ވަދެނިކުމެއުޅުމުގައި ހުރި ދަތިތަކާއި، މަޢުލޫމާތު ލިބިގަތުމުގައި ހުރި ހުރަސްތައް ނައްތާލުމަކީ، އިތުރު މަސައްކަތްތަކެއް ކުރުން މުހިންމު ދާއިރާތަކެއްކަން ފާހަގަކުރައްވާފައެވެ. އަދި މިފަދަ ހުރަސްތައް ގިރާކޮށް، ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. ހަމައެއާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުން އުޖާލާކުރުމަށް މަސައްކަތްކުރާ ޢާއިލާތަކަށާއި، ޖަމުޢިއްޔާތަކަށާއި، ދަރުމަވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިޚުލާޞްތެރިކަމާއެކު ޝުކުރުއަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓު މެދުވެރިކުރައްވައި، އުނގެނުމުގައި ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް މުދައްރިސުން ތަމްރީނުކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ފަށްޓަވާފައިވާކަން ފާހަގަކުރައްވާފައެވެ. ހަމައެއާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމަށް ސަރުކާރުން އެކުލަވައިލައްވާފައިވާ އެކްޝަން ޕްލޭންގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވައިލެއްވިއެވެ. އަދި ކޮންމެ ފަރުދެއްގެވެސް ޤާބިލުކަމުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފޭނެފަދަ މުޖުތަމަޢެއް ބިނާކުރެއްވުމުގެ އަޒުމުގައި ހުންނެވިކަމުގެ ޔަޤީންކަން، އެ މެސެޖުގައި އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ އެކަމަނާގެ ރަސްމީ އެކްސް އެކައުންޓުގައި ދުވަހާ ގުޅޭ ޚާއްޞަ މެސެޖެއް ޙިއްޞާކުރައްވާފައެވެ. އެކަމަނާގެ މެސެޖުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުން ހޯދަމުންދާ ކާމިޔާބީތަކާއި އެފަރާތްތަކުގެ ކިބައިގައިވާ ހުނަރުވެރިކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެހީތެރިކަން ފޯރުކޮށްދިނުމާއި ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ދިރިއުޅުމުގެ ޢާންމު ޙާލަތަށް ހުރަސްއެޅޭ ކަންކަން ނައްތާލުމަށް މަސައްކަތްކުރުމަށް އެކަމަނާ ވަނީ ބާރުއަޅުއްވާފައެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ގޮތުގައި ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެންބަރު މަހުގެ 3 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ މުޖުތަމަޢުގެ ހުރިހާ ދާއިރާއެއްގައިވެސް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކުރިއަރުވައި، އެފަރާތްތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމެވެ.


