އައްޑޫގެ އެންމެ ބޮޑު އެއް ޑްރަގް ނެޓްވޯކުގެ އިސް މީހުންތަކެއް ހައްޔަރުކޮށްފި
4 ޑިސެމްބަރު 2025 - 07:52

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި އައްޑޫ ސިޓީގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އައިސްފައިވާ ނެޓްވޯކެއްގެ އިސް ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އެ ނެޓްވޯރކްގެ އިސް މީހުންނަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރކުރުމުގެ ތަޙުޤީޤެއް ފެށީ މި އަހަރު މާރިޗު މަހުގެ ތެރޭގައި ކަމަށާއި،އެގޮތުން 2017 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ހޯދިފައިވާކަމަށެވެ.

Ad by Hajj Corporation
އަދި ފާއިތުވި 5 އަހަރު މި ނެޓްވޯރކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިޔަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނަކީ މިހާރުވެސް ކުރިއަށްދާ އޮޕަރޭޝަނަކަށްވުމާއެކު މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން އިތުރު މައުލޫމާތު ހިއްސާކުރަމުން ގެންދަވާނެ ކަމަށެވެ.
ފުލުހުންގެ ޚިދުމަތުން "އޮޕަރޭޝަން އަލިމަގު" ފެށީ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މި އޮޕަރޭޝަނުގައި މިދިޔަ މަހުގެ 13ވަނަ ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއް ވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމުގެ ބޮޑު އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ.
މި އޮޕަރޭޝަނަކީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މި އޮޕަރޭޝަން ކުރިއަށްދާނެކަމަށް ފުލުހުން ވިދާޅުވިއެވެ.


