ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އޮންނާނީ އެޕްރީލް 4 ގައި
4 ޑިސެމްބަރު 2025 - 11:13

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް 4 ވާ ހޮނިހިރު ދުވަހުކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން ބުނީ މި އިންތިޚާބުގައި ޖުމްލަ 226 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބުކުރެވޭނެކަމަށެވެ.

Ad by Hajj Corporation
އެގޮތުން މި އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވުމަށް ބޭނުންވާ 7,000 އަށްވުރެ ގިނަ އޮފިޝަލުން ހޯދުމަށް މިހާރުވަނީ އިޢުލާނުކޮށްފައެވެ. އަދި އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2025 ޑިސެންބަރު 21 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން އީ-ފާސް މެދުވެރިކޮށް my.elections.gov ޕޯޓަލް އިން އެޕްލިކޭޝަން ހުށަހެޅޭނެއެވެ.
މީގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ވެސް ވަނީ ޢިއުލާންކޮށްފައެވެ. މި މަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ކޮމިޝަނުގެ އީމެއިލް jobs@elections.gov.mv މެދުވެރިކޮށް ހުށަހެޅޭނެ އިންތިޒާމު މިހާރުވަނީ ހުޅުވާލާފައެވެ. އިންތިޚާބުގެ މަސައްކަތްތަކަށް ނަގާ މުވައްޒަފުން ބޭނުންވާ ދާއިރާތަކުގެ ތެރޭގައި ހިއުމަން ރިސޯސް، އެޑްމިނިސްޓްރޭޝަން، މީޑިއާ، ޕަބްލިކް ރިލޭޝަންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ފައިނޭންސް އަދި ލީގަލް ހިމެނެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަންނަ އެޕްރީލްމަހު ބާއްވަން ނިންމާފައިވާއިރު ސިޔާސީ ޕާޓީތަކުން ވަނީ އިންތިހާބުގެ އެތެރޭގެ ޕްރައިމަރީތަކަށް މިހާރު ހުޅުވާލާފައެވެ.


