ކޯޓުގެ ހުކުމާއެކު ލޭބަރ ޕާޓީ އިއާދަކޮށްފި، ރާއްޖޭގައި ޖުމްލަ 9 ސިޔާސީ ޕާޓީ
2 ނޮވެމްބަރު 2025 - 06:31

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުން ޤާނޫނާ ޚިލާފުކަމަށް ސިވިލް ކޯޓުން ކުރި ހުކުމާއެކު އެ ޕާޓީ އަލުން އިއާދަކޮށްފިއެވެ.
އެ ޕާޓީ އުވާލަން އީސީން ނިންމާފައިވަނީ 2023 ވަނަ އަހަރުއެވެ. އެއީ ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ބޭނުންވާ 3000 މެމްބަރުން ހަމަނުވާކަމަށް ބުނެއެވެ. އުވާލި އިރު އެ ޕާޓީގައި ތިބީ 2556 މެންބަރުންނެވެ.

Ad by Hajj Corporation
އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އިއާދަކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަނުން ޕާޓީ އުވާލީ ޤާނޫނާ ޚިލާފަށް ކަމަށްބުނެ ސިވިލް ކޯޓަށް އެ ޕާޓީން ހުށަހެޅި މައްސަލަ ވަނީ މިދިޔަ މަހު ނިމިފައެވެ. ކޯޓުން ނިންމީ ޕާޓީ އުވާލީ ޤާނޫނާ ޚިލާފަށް ކަމަށެވެ.
ކޯޓުހުކުމާއެކު ލޭބަރ ޕާޓީ އަލުން ދަފްތަރުގައި ހިމަނާފައިވާއިރު އެ ޕާޓީގައި މިހާރު ތިބީ 1874 މެންބަރުންނެވެ. އެއީ އެ ޕާޓީ އުވާލުމާ ހަމައަށް ތިބި މެންބަރުންގެ ތެރެއިން އެހެނިހެން ޕާޓީތަކަށް މިހާރު ސޮއިކޮށްފައިވާ މެންބަރުން އުނިކުރުމަށްފަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
ލޭބަރ ޕާޓީ އިއާދަކުރުމާއެކު މިވަގުތު ރާއްޖޭގައި ނުވަ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައި އެބައޮތެވެ. އެއީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)، އިދިކޮޅު މައި ޕާޓީ އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، އެމްޑީއޭ، ޕީއެންއެފް، ދަ ޑިމޮކްރެޓްސް، އެމްއެންޕީ އަދި ލޭބަރ ޕާޓީއެވެ.
އީސީގެ ދަފްތަރުން ބުނާ ގޮތުގައި މިވަގުތު އުވާލާފައިވާ ޕާޓީތަކުގެ ގޮތުގައި އޮތީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އާއި މި އަހަރު ޖެނުއަރީ މަހުގެ ތެރޭގައި އުވާލި ޕީޕީއެމްގެ އިތުރުން މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސްއާއި ރައީސް މައުމޫންގެ އެމްއާރުއެމް އެވެ.


