ޓޯކުރުމުގެ މަސައްކަތް ލުއިފަސޭހަ ކުރުމަށް ހާއްސަ އުޅަނދެއް ބޭނުންކުރަން ފަށައިފި
5 ޑިސެމްބަރު 2025 - 10:10

ޓޯކުރުމުގެ މަސައްކަތް ލުއިފަސޭހަ ކުރުމަށް އެކަމަށް ހާއްސަ އުޅަނދެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބޭނުންކުރަން ފަށައިފިއެވެ.
ޕާކުނުކުރެވޭ ސަރަހައްދުތަކާއި އާންމު އެހެނިހެން ތަންތަނުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނަގަން ފުލުހުން މިހާތަނަށްވެސް ބޭނުންކުރަމުން އައީ ފޯކްލިފްޓެވެ. އުޅަނދު ޓޯކުރަން ފޯކްލިފްޓް ބޭނުންކުރުމުން ބައެއް ހާލަތްތަކުގައި އުޅަނދަށް ގެއްލުން ވެސް ވެއެވެ.

Ad by Hajj Corporation
ސޯޝަލްމީޑިއާގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރި ޕޯސްޓުގައި ބުނީ ހަތަރު ފުރޮޅުލީ ވެހިކަލްތައް ނަގަން ހާއްސަ ޓޯ އުޅަނދެއް ބޭނުންކުރަން ފެށުމުން، ޓޯ ކުރުމުގެ މަސައްކަތަށް ބޮޑު ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.
ޓޯކުރުމަށް ހާއްސަކޮށްފަައިވާ އުޅަނދު.-- ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް
އެ ޚިދުމަތުން ބުނެފައިވާ ގޮތުގައި، މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި އާންމު ދަތުރުފަތުރަށް އުނދަގޫވާ ގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
އޭގެ ތެރޭގައި ޒިބްރާ ކްރޮސްގައި ލައިން ދަމާފައިވާ ސަރަހައްދުތަކާއި ގޯޅިކަންމަތީގައި ޕާކު ކޮށްފައިވާ އުޅަނދުތައް ހިމެނެއެވެ.
ގަވާއިދާ ޚިލާފަށް ޕާކުރުމަކީ މާލޭ ސަރަހައްދުގައި ވަރަށް އާންމު މައްސަލައެކެވެ.


