މާލެ ސަރަހައްދުގެ ސިލްސިލާ ބައްދަލުވުންތައް: ހަތަރުވަނަ ބައްދަލުވުން ހެންވޭރު ރައްޔިތުންނާއެކު
5 ޑިސެމްބަރު 2025 - 10:40

މާލޭގެ އަވަށްތަކަށް އަމާޒުކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބާއްވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަތުގެ ތެރެއިން އަންނަ އާދިއްތާ ދުވަހުގެ ރޭ އެމަނިކުފާނު ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ހަމަޖެހިއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ހެންވޭރު ރައްޔިތުންނާ ބައްދަލުކުރެއްވުން އޮންނާނީ އާދިއްތަ ދުވަހުގެ ރޭ 8:30 ގައި ކަލާފާނު ސުކޫލުގައެވެ.

Ad by Hajj Corporation
މި ޖަލްސާއަށް ވަޑައިގެންދެއްވުމަށް ސަރުކާރުންވަނީ ހެންވޭރުގެ ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.
މާލޭގެ އަވަށްތަކުގެ ތަރައްގީ ކުރިއަށްގެންދާނޭ ގޮތުގެ މަޝްވަރާ ކުރެެއްވުމަށް، މާލޭގެ އަވަށްތަކަށް އަމާޒުކޮށްގެން މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ ފަރާތްތަކާއެކު ބައްދަލުވުންތަކެއް ބާއްވަވަން ނިންމަވާފައިވާ ކަން ރައީސް ހާމަކުރެއްވީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، "ރައްޔިތުންނާއެކު ކުރިއަށް- ހަފުތާ 104" މިނަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގައުމީ ތަރައްގީގެ އަމާޒުގެ ދަށުން ހުރިހާ އަތޮޅުތަކަށް ވަޑައިގެން ކައުންސިލްތަކާއި، އ.ތ.މ. ކޮމިޓީ، އަދި އަތޮޅުތަކުގެ އިސް ހިންގުންތެރިންނާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި، މި ބައްދަލުވުންތަކަކީ ވަރަށްވެސް ކާމިޔާބު، ނަތީޖާ ފެނިގެންދިޔަ ބައްދަލުކުރެއްވުންތަކެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަތޮޅުތަކުގައި މި ބައްދަލުވުންތައް ކުރިއަށް ގެންދެވުނު ފަދައިން މާލޭ ސަރަހައްދުގައި މިފަދަ ބައްދަލުވުންތަކެއް ވަރަށް އަވަހަށް ކުރިއަށް ގެންދެވުމަށް ނިންމަވާފައިވާ ކަމަށާއި މި ބައްދަލުވުންތަކުގައި މާލޭގެ ހަތަރު އަވަށާއި، ވިލިނގިލި، އަދި ހުޅުމާލޭގެ ދެ ފޭސްގައި ދިރިއުޅޭ ރައްޔިތުންނާއެކު މަޝްވަރާ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ނިންމެވުމާ އެއްގޮތަށް ބޭއްވި ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ ވިލިމާލެ ރައްޔިތުންނާއެކުގައެވެ. ދެވަނަ ބައްދަލުވުން މައްޗަންގޮޅީ ރައްޔިތުންނާއެކު ބާއްވާފައިވާއިރު ތިންވަނަ ބައްދަލުވުން ބާއްވާފައިވަނީ މާފަންނު ރައްޔިތުންނާއެކުގައެވެ.


