މަސްކަޓްގައި ކުރިއަށްދާ އައިސެސްކޯގެ 3 ވަނަ އެޑިއުކޭޝަން މިނިސްޓަރުންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

3 އޮކްޓޯބަރު 2024 - 17:13
.webp&w=3840&q=75)
އޮމާންގެ މަސްކަޓްގައި އޮކްޓޯބަރު 2-3 އަށް ކުރިއަށްދާ އިސްލާމިކް ވޯލްޑް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (އައިސެސްކޯ)ގެ ތިން ވަނަ އެޑިއުކޭޝަން މިނިސްޓަރުންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.
މި ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއިލް ޝަފީއުގެ އިތުރުން ސަރުކާރުގެ އިސް އޮފިޝަލެއް ކަމަށްވާ އަހުމަދު މުހައްމަދާއެކު ގައުމު ތަމްސީލު ކުރައްވާ ސްޓޭޓް މިނިސްޓަރު ޑރ.މުހައްމަދު ވަހީދެވެ.

Ad by Hajj Corporation
މިއަހަރުގެ ކޮންފަރެންސްގެ ޝިއާރަކީ "ޓްރާންސްފޯމިން އެޑިއުކޭޝަން ސަމިޓް: ފްރޮމް ކޮމިޓްމަންޓް ޓު އެކްޝަން" އެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ އިސްލާމީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަޢުލީމަށް އަސަރުކުރާ މުހިންމު ދާއިރާތަކަށެވެ.
ރާއްޖޭގެ ތައުލީމީ ދާއިރާ އަށް ބަދަލުގެނައުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި ތަސައްވުރުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި ރާއްޖެއިން ބައިވެރިވުމަށް ތައްޔާރުވެއްޖެ އެވެ. އޭގެ ތެރޭގައި ދެމެހެއްޓެނިވި އުސޫލުތައް އެއްގޮތްކުރުމާއި، ޑިޖިޓަލް އުނގަންނައިދިނުން އިތުރުކުރުމާއި، ކުއްލި ހާލަތްތަކުގައި ވެސް ތައުލީމު ދެމެހެއްޓެނިވި ގޮތެއްގައި ދެމެހެއްޓުމަށް ސަރުކާރުން ކުރާ މަސައްކަތް ހިމެނެ އެވެ.