ގެއްލުމުން އަރައިގަންނަން 7 ބިލިއަން ޑޮލަރު ބޭނުންވާނެ، އެންމެ ބޮޑު އަދަދެއްގެ އެހީއެއްވި ގައުމަކަށް ރާއްޖެ
7 ޑިސެމްބަރު 2025 - 12:58
.webp&w=3840&q=75)
ސްރީ ލަންކާ އަށް އެރި ތޫފާން ދިތުވާގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނަށް އެންމެ ބޮޑު އެހީއެއް ވެދީފައިވަނީ ރާއްޖެއިންކަން އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ލަންކާއަށް ކުރިމަތިވި މޫސުމީ ކާރިސާއިން އަރައިގަތުމަށް އެ ގައުމަށް އެކި ގައުމުތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާއިރު މިހާތަނަށް އެހީގޮތުގައި ލިބިފައިވަނީ 6.5 މިލިއަން ޑޮލަރެވެ.

Ad by Hajj Corporation
މިފައިސާގެ ތެރެއިން ރާއްޖެއިން އެގައުމަށް ދިން އެހީގެ އަދަދު 2.4 މިލިއަން ޑޮލަރަށްވުރެ ގިނައެވެ.
ލަންކާއަށް ކުރިމަތިވި ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހި ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެންދިއުމާ ގުޅިގެން ލަންކާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ރާއްޖޭގެ މީޑިއާތަކުން ކުރިއަށްގެންދިޔަ "ސިލޯނާއެކު ދިވެހީން ޓެލެތޯނުން" ލިބުނު 800،352 ޑޮލަރު މިހާރު ލަންކާ ސަރުކާރާ ހަވާލުކޮށްފައިވާއިރު ދިވެހި ސަރުކާރުން އެހީގެ ގޮތުގައި ދެއްވުމަށް ކަނޑައެޅުއްވި 50 ހާސް ޑޮލަރުވެސް އެ ގައުމާއި ވަނީ ހަވާލުކޮށްފައެވެ. އަދި އެ ގައުމަށް 25،000 ކޭސް މަސް ދަޅުވެސް ވަނީ މިހާރު ހަދިޔާކޮށްފައެވެ.
މީގެ އިތުރުން ލަންކާގައި ދިރިއުޅޭ ދިވެހިންވެސް ދަނީ އެގައުމުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިވުމަށް އެކި ކަހަލަ ހަރަކާތްތައް ހިންގަމުންނެވެ.
އެގައުމަށް ލިބުނު 6.5 މިލިއަން އެމެރިކާ ޑޮލަރުގެ ބޭރުގެ އެހީގެ ތެރޭގައި ހިމެނޭ އެހެނިހެން މުހިންމު އެހީތަކުގެ ތެރޭގައި، އެމެރިކާއިން ހަދިޔާކުރާ 2 މިލިއަން ޑޮލަރުގެ އެހީ ފާހަގަކޮށްލެވެއެވެ. ޗައިނާއިން 1.1 މިލިއަން ޑޮލަރުގެ އެހީ ދީފައިވާއިރު، މީގެ ތެރޭގައި ޗައިނާ ސަރުކާރާއި ރެޑް ކްރޮސްއިން ލަންކާ ރެޑް ކްރޮސްއަށް ދިން 100,000 ޑޮލަރު އަދި ޗައިނާގެ ވިޔަފާރިތަކުން އެއްކުރި 32,500 ޑޮލަރު އަދި ކުއްލި އެހީގެ ގޮތުގައި 1 މިލިއަން ޑޮލަރު ހިމެނެ އެވެ.
މީގެ އިތުރުން އިނގިރޭސިވިލާތުން 675,000 ޔޫރޯ އާއި އޮސްޓްރޭލިއާއިން 1 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.
ތޫފާނުގެ ސަބަބުން ކުރިމަތިވި ގެއްލުންތަކުން އަރައިގަތުމަށް އެ ގައުމަށް 7 ބިލިއަން ޑޮލަރު ބޭނުންވާނެކަމަށް އަންދާޒާކުރެވޭކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފައެވެ.


