މަރްޙޫމް އަޒްމީލްގެ އާއިލާއަށް ރައީސްގެ ތައުޒިޔާ ފޮނުއްވައިފި
11 ޑިސެމްބަރު 2025 - 05:31
.png&w=3840&q=75)
ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ހިނގި ހިތާމަވެރި ހާދިސާއަކާ ގުޅިގެން ފަރުވާދެމުންދަނިކޮށް ސްޓެލްކޯގެ ސްޕަވައިޒަރ އަޙްމަދު އަޒްމީލް ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑީއާގައި ޙިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ލިޔުއްވާފައި ވަނީ، ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ހިނގި ހިތާމަވެރި ޙާދިސާއެއްގައި ބޮޑެތި އަނިޔާތަކެއް ލިބި، ރާއްޖެއިން ބޭރުގައި ފަރުވާ ދެމުން ދަނިކޮށް، ސްޓެލްކޯގެ ހީވާގި މުވައްޒަފު އަޙްމަދު އަޒްމީލް ނިޔާވި ޚަބަރު އަޑުއެހީ ނުހަނު އަސަރާއި ހިތާމައާ އެކުކަމަށެވެ.
އެ ޕޯސްޓުގައި ރައީސް ވަނީ މަރްޙޫމްމްގެ ޢާއިލާއަށާއި ސްޓެލްކޯގެ ވެރީންނާއި މުވައްޒަފުންނަށް ތަޢުޒިޔާ ދަންނަވާފައެވެ. އަދި އެ ފަރާތްތަކަށް ކެތްތެރިކަން ދެއްވައި، މަރްޙޫމް އަޙްމަދު އަޒްމީލަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާދަންނަވާފައެވެ.
26 ނޮވެމްބަރު 2025 ވަނަ ދުވަހު ހުޅުމާލޭގެ ބައު އިންޖީނުގޭގައި ކަރަންޓު ޝޯޓްވެ، ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު، އުމުރުން 43 އަހަރުގެ އަހުމަދު އަޒްމީލް ނިޔާވީ ބެންކޮކް ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށެވެ.
އަލިފާނުގެ ހާދިސާގައި އަޒްމީލްގެ ހަށިގަނޑުގެ އެކި ތަންތަން ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. އޭނާއަށް ފުރަތަމަ ފަރުވާދިނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. އެއަށްފަހު އޭޑީކޭ ހޮސްޕިޓަލްގައި ވެސް ފަރުވާ ދިނެމެވެ. އަދި އިތުރު ފަރުވާއަށް އަޒްމީލް ތައިލޭންޑަށް ގެންގޮސް ބެންކޮކް ހޮސްޕިޓަލުގައި ފަރުވާދޭން ފެށީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

Ad by Hajj Corporation


