ފީފާ ވޯލްޑް ކަޕް 2026:"ޕްރައިޑް" މެޗަށް މިޞްރުން ބުނީ ނޫނެކޭ
11 ޑިސެމްބަރު 2025 - 13:40

އަންނަ އަހަރު ޖޫން މަހު ފެށިގެންދާ ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ސްޓޭޖުގައި މިޞްރު އަދި އިރާން ބައްދަލުކުރާ މެޗުގައި އެއްޖިންސުން ގުޅުން ހިންގުން، ނުވަތަ "ޕްރައިޑް" ޕްރޮމޯޓުކުރަން ހަރަކާތްތަކެއް ރޭވިފައިވާތީ އެކަމާ ނުރުހުން ފާޅުކޮށް، މިޞްރުގެ ފުޓްބޯލް އެސޯސިއޭޝަނުން ފީފާއަށް ސިޓީއެއް ފޮނުވައިފިއެވެ.
މި މެޗު ކުޅެވިގެންދާ ސިޓީ ކަމަށްވާ ސިއޭޓަލްގެ ކޮމިޓީއަކުން، ޖޫން 26 ވަނަ ދުވަހު ކުޅެވިގެންދާ މެޗުގައި އެއްޖިންސުން ގުޅުންހިންގުން ޕްރޮމޯޓުކޮށް ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވަނީ 1969 ވަނަ އަހަރު ހިނގައިދިޔަ ސްޓޯންވޯލް ހަމަނުޖެހުންތަކާ ގުޅުވައިގެންނެވެ. މި ހަމަނުޖެހުންތައް ހިނގައިދިޔައީ، އެއްޖިންސުން ގުޅުން ހިންގާ މީހުން އެއްވެ އުޅުނު، ނިއު ޔޯކް ސިޓީގެ ގްރީންވިޗް ވިލެޖުގައި ހުންނަ "ސްޓޯންވޯލް އިން" އަށް 1969 ވަނަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު ފުލުހުން ވަދެގަނެ، އެތައް ބަޔަކު ހައްޔަރުކުރުމުންނެވެ. އެދުވަހު ސްޓޯންވޯލް އިންއަށް ފުލުހުން ވަދެގަނެ، މީހުން ހައްޔަރުކުރަން ފެށުމުން މާޝާ ޕީ. ޖޯންސަން އަދި ސްޓޯމޭ ޑިލާވެރީ އިސްވެތިބެ ފުލުހުންނާ ކުރިމަތިލާ، މަސްލަހަތު މުޅިން ގޯސްކޮށްލިއެވެ. މި ހާދިސާއާ ގުޅުވާ، 1999 ވަނަ އަހަރު އެމެރިކާގެ އޭރުގެ ރައީސް ބިލް ކްލިންޓަންގެ ގަރާރަކުން، ޖޫން މަހަކީ "ޕްރައިޑް މަހުގެ" ގޮތުގައި ފާހަގަކުރަން ފެށިއެވެ.

Ad by Hajj Corporation
ކަންދިމާކުރި ގޮތުން ފީފާގެ ވެސް ބަހަކާނުލާ މިކަން ފާހަގަކުރަން ނިންމި މެޗު ދިމާވީ، މިޞްރާއި އީރާނު ބައްދަލުކުރާ މެޗާއެވެ. ނަމަވެސް މި ދެ ގައުމަކީވެސް އިސްލާމީ ދެ ގައުމުކަމުން، އެއްޖިންސުން ގުޅުން ހިންގުމަކީ މި ދެ ގައުމުގައިވެސް މަނާކަމެކެވެ. ވަކީން ހާއްސަކޮށް އިރާނުގައި މިއީ މަރުގެ އަދަބު ކަނޑައެޅިފައިވާ ކަމެކެވެ.
ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި މިޞްރު ފުޓުބޯޅަ އެސޯސިއޭޝަނުން އަންގާރަ ދުވަހު ވަނީ މިކަން ހުއްޓުވައިދިނުން އެދި ފީފާގެ ޖެނެރަލް ސެކްރެޓަރީ މެޓިއަސް ގްރެފްސްޓޯމް އަށް ސިޓީއެއް ފޮނުވާފައެވެ. މިޞްރުން ވަނީ އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓުކުރުމަށް ކުރާ އެއްވެސް ކަމެއްގައި އެގައުމުން އެއްވެސް ހައިސިއްޔަތަކުން ބައިވެރި ނުވާނެކަން ސާފުކޮށް މި ސިޓީގައި ބަޔާންކޮށްފައެވެ.
މި ސިޓީގައި މިޞްރުން އިތުރަށް ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، މިކަމަކީ މިޞްރުގެ އިތުރުން އިރާނުގެވެސް ސަގާފީ، ދީނީ އަދި އިޖުތިމާއީ މިންގަނޑުތަކާވެސް ހިލާފުކަމެއް ކަމަމުން، ދެގައުމުގެ ސަޕޯޓަރުންގެ މަސްލަހަތަށްޓަކައި މި މެޗަކީ ހަމައެކަނި ފުޓުބޯޅައަށް ފޯކަސްކުރެވިފައިވާ މެޗަކަށް ހަދައިދިނުމަށް އެދިފައިވެއެވެ. އަދި، ފީފާ އަކީ ހުރިހާ ގައުމެއްގެ ސަގާފަތަށްވެސް އިހުތިރާމުކުރުމުގެ މައްޗަށް ބިނާވެފައި އޮތް އިދާރާއެއްކަމުން އެ ދެގައުމުގެ ސަގާފަތަށްވެސް އިހުތިރާމުކުރުމަށް މިޞްރުގެ ސިޓީގައި އެދިފައިވެއެވެ.
މިޞްރުގެ އިތުރުން، އިރާނުންވެސް މިކަމާ ދެކޮޅު ހަދާފައިވާކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން، މިކަމަކީ ވަކި ބަޔަކަށް ފައިދާވާގޮތަށް ކުރަން ހަމަޖެހިފައިވާ، ތާކުންތާކު ނުޖެހޭ ކަމެއް ކަމަށް އިރާނުގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް، މެހްދީ ތާޖް ބުނެފައިވާ ކަމަށް އިރާނުގެމީޑިއާއަކާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.
ކަން މިހެން އޮތްނަމަވެސް، މިކަން އިންތިޒާމުކުރާ ޖަމިއްޔާއިން އޮތީ ދޫދޭ ގޮތަށް ނޫންކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ. ފާހަގަކޮށްލެވޭގޮތުން 2022 ވަނަ އަހަރު ޤަޠަރުގައި ބޭއްވިގެންދިޔަ ވޯލްޑް ކަޕުގައި ވަނީ މިފަދަ އެއްވެސް ޝިއާރެއް އެއްވެސް މީހަކު ފާޅުކުރުން މަނާކޮށްފައެވެ. އެގޮތުން، އިނގިރޭސިވިލާތް ފަދަ ބައެއް ގައުމުތަކުން ބޭނުންކުރަން އުޅުން "ވަން ލަވް" ކެޕްޓަން ބޭންޑު ބޭނުންކުރުން މަނާކުރިއެވެ. މީގެ އިތުރުން، ސަޕޯޓަރުން ވެސް އެފަދަ އެއްވެސް ޝިއާރެއް ފާޅުކުރަން އުޅެފިނަމަ އެކަން ވަގުތުން ހުއްޓުވާފައިވެއެވެ.
މިކަމާގުޅިގެން ސިއާޓަލްގައި ވޯލްޑް ކަޕްގެ މެޗުތައް ރޭވުމަށް ހަވާލުކޮށްފައިވާ ކޮމިޓީން ބީބީސީއަށް ބުނެފައިވަނީ، އެމީހުންގެ ދައުރަކީ ދަނޑުތެރޭގައާއި ދަނޑުން ބޭރުގައިވެސް ވީހާވެސް ފުރިހަމައަށް މެޗުތަކުގެ ކަންތައް އިންތިޒާމުކުރުން ކަމަށާއި ރޭވިފައިވާ ގޮތަށް ހުރިހާ ކަމެއްވެސް ކުރިއަށްދާނެ ކަމަށެވެ.
ނަމަވެސް މިހާތަނަށްވެސް ފީފާއިން މިކަމާ ގުޅޭގޮތުން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.


