ލަންކާ އާއި ރާއްޖެއާ ދެމެދު ސިއްހަތާއި ކުޅިވަރުގެ ދާއިރާއިން އެއްބަސްވުންތަކެއްގައި ސޮއިކުރަނީ
11 ޑިސެމްބަރު 2025 - 16:29

ސްރީ ލަންކާ އާއި ރާއްޖެއާ ދެމެދު ސިއްހަތާއި ކުޅިވަރުގެ ދާއިރާއިން އެއްބަސްވުންތަކެއްގައި ސޮއިކުރަން ތައްޔާރުވެފައިވާކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
މި އަހަރުގެ ފަހުކޮޅު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ލަންކާއަށް ދަތުރުފުޅެއްވެސް ކުރައްވާނެކަމަށް ލަންކާގެ މަސްދަރުތަކުން ހާމަކުރެއެވެ.

Ad by Hajj Corporation
ނަމަވެސް ރައީސް ލަންކާއަށް ވަޑައިގަންނަވާނެ ސީދާ ތާރީހެއް އެގައުމުންވެސް އަދި ރާއްޖޭގެ ސަރުކާރުންވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.
ލަންކާގެ ނޫސްތަކުން ބުނީ މި ދަތުރުފުޅުގައި ދެގައުމުގެ ސަރުކާރުން މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ނިންމާފައިވާކަމަށާއި އެގޮތުން ސްރީލަންކާގެ ކެބިނެޓުން ފާސްކުރުމާއެކު ސިއްހަތާއި ކުޅިވަރުގެ ދާއިރާއިން އެއްބަސްވުންތަކެއްގައިދެގައުމުގެ ދެމެދު ސޮއިކުރެވިގެންދާނެކަމަށެވެ.
މި އެއްބަސްވުންތަކުގެ ތެރެއިން ސިއްހަތާ ބެހޭ އެއްބަސްވުމުގައި ސޮއިކުރާނީ ކޮލަންބޯ ޔުނިވަރސިޓީ އާއި ދިވެހިރާއްޖޭގެ ސިއްޙަތު ވުޒާރާއާ ދެމެދުގައިކަމަށާއި މި އެއްބަސްވުމުގެ ދަށުން ސިއްހީ ދާއިރާއިން ކާމިޔާބީތައް ހޯދުމާއި ޕޯސްޓްގްރެޖުއޭޓް އިންސްޓިޓިއުޓް އޮފް މެޑިސިންގެ އެހީތެރިކަމާއެކު، ސްރީލަންކާއިން ދިވެހި މެޑިކަލް އޮފިސަރުންނާއި ދަތުގެ ސަރޖަންތަކަށް ތަމްރީނު ދިނުމަށް ހަމަޖެހިފައިވާކަމަށް ލަންކާގެ މަސްދަރުތަކުން ރިޕޯޓުކުރެއެވެ.
މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާއަށް ބޭނުންޖެހޭ މިންވަރަށް ލަންކާއިން ޑޮކްޓަރުންނާއި ނަރުހުން ލިބޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެކަމަށް ލަންކާގެ މީޑިއާތަކުން ވަނީ ބުނެފައެވެ.
މީގެ އިތުރުން، ދެ ގައުމުގެ ދެމެދު ޒުވާނުންނާއި ކުޅިވަރުގެ ތަރައްޤީއަށް ހާއްސަ އެއްބަސްވުމެއްގައި ސޮއިކުރުމަށްވެސް ކެބިނެޓުން ވަނީ ފާސްކޮށްފައެވެ. މި އެއްބަސްވުމުގެ މަޤްސަދަކީ ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރުގެ ފެންވަރު ރަނގަޅުކުރުމާއި، ދާއިރާއިން މީހުން ބިނާކުރުމާއި، ދެ ގައުމުގެ ކުޅިވަރު މުއައްސަސާތަކުގެ އެއްބާރުލުން އިތުރުކުރުމަށް އޮނިގަނޑެއް ޤާއިމުކުރުމެވެ.
މި ދެ އެއްބަސްވުމުގެ ސަބަބުން ސްރީލަންކާއާއި ދިވެހިރާއްޖޭގެ ދެމެދު އިތުރަށް ގުޅުން ބަދަހިވެގެންދާނެކަމަށް ލަންކާގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު ޚާއްސަ ވިޔަފާރި ފެރީގެ ޚިދުމަތެއް ގާއިމުކުރުމުގެ މަސައްކަތް ދެޤައުމުން ކުރިއަށް ގެންދާކަމަށްވެސް މީގެ ކުރިން ނޫސްތަކުން ރިޕޯޓުކުރިއެވެ. ރާއްޖެއާއި ލަންކާގެ ބައެއް މަސްދަރުތަކާ ހަވާލާދީ ލަންކާގެ ނޫސްތަކުން ބުނާގޮތުގައި މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ދަތުރުފަތުރުގެ ހަރަދު ކުޑަކޮށް، ލަންކާއިން އުފައްދާ މުދާ ދިވެހިރާއްޖެއަށް އެކްސްޕޯޓުކުރުމަށް ފަސޭހަކުރުމެވެ. ލަންކާ މީޑީއާއިން ރިޕޯޓުކުރާ ގޮތުގައި މިކަމުގެ މަޝްވަރާތައް ދެ ގައުމުގެ ދެމެދުގައި ފެށިފައިވަނީ ލަންކާގެ ރައީސް ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، މި އަހަރުގެ ޖުލައިމަހު ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއެކު ރަސްމީ މަޝްވަރާތައް ކުރައްވައި، ދެ ޤައުމުގެ މެދުގައި މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމުގެ ފަހުމުނާމާއަކާއި މުއާހަދާއެއްގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުތައް ވަނީ ބާއްވާފައެވެ.
ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ އަޒުމް އައު ކުރައްވަމުން ދެ ގައުމުގެ ވެރިން ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވާފައެވެ.
މިއީ ސްރީލަންކާގެ ރައީސް ޑިސަނާޔަކެ، މިދިޔަ ސެޕްޓެމްބަރ މަހު އެ ޤައުމުގެ ރައީސްކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު ދިވެހިރާއްޖެއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.


