ސުނާމީގެ ސަބަބުން ލ.ގަމަށް ބަދަލުވި ފަރާތްތަކަށް ދޭންޖެހޭ ބަދަލުގެ ފައިސާ މި ސަރުކާރުން ދީފި
10 ޑިސެމްބަރު 2025 - 18:39

2004 ވަނަ އަހަރު ރާއްޖެ އަށް އެރި ސުނާމީގެ ސަބަބުން ލ.ގަމަށް ބަދަލުވި ފަރާތްތަކަށް ދޭންޖެހޭ ބަދަލުގެ ފައިސާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރުން މިއަދު ދީފިއެވެ.
މިކަން ހާމަކުރަށްވައި ގަމު ދާއިރާގެ މެމްބަރު ޔޫސުފް ނަޝީދު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް ޑރ.މުޙައްމަދު މުޢިއްޒަށް ފައްފަށުން ޝުކުރުއަދާކުރާފައެވެ.

Ad by Hajj Corporation
''އެމަނިކުފާނުގެ ރިޔާސީ ވަޢުދެގެތެރެއިން، ސުނާމީ ކާރިސާއާގުޅިގެން ލ.ގަމަށް ހިޖުރަކުރަންޖެހުނު ޢާއިލާތަކަށް ދެއްވުމަށް ވަޢުދުވެލެއްވި ފައިސާގެ ބަދަލު ސީދާ އެރައްޔިތުންނަށް ދޭންފެށި މި ސަރުކާރުން އެ ވަޢުދުމިވަނީ ފުއްދަވައިދެއްވާފައި. މި ފައިސާ ދޭނެކަމަށް ބުނެ ވޭތުވެދިޔަ ކޮންމެ ސަރުކާރަކުން ސިޔާސީބޭނުމަކަށް އެރައްޔިތުން ގަނަތެޅުވިތެޅުވުން މިއަދު މިވަނީ ނިމުމަކަށްއައިސްފައި'' ޔޫސުފް ނަޝީދު ވިދާޅުވެފަވެއެވެ.
ބަދަލުގެ ގޮތުގައި އެ ފަރާތްތަކަށް، ކޮންމެ ގެޔަކަށް 50،000 ރުފިޔާ ވަނީ ދީފައެވެ.
މި ފަރާތްތަކަށް މި ޙައްޤު ހޯދައިދިނުމަށް ގަމުދާއިރާގެ މެމްބަރު ޔޫސުފް ނަޝީދު ވަނީ ވަރަށް ބުރަ މަަސައްކަތެއް ކުރަށްވާފައިކަމަށް އެ ދާއިރާގެ ގިނަ ބަޔަކު ބުނެއެވެ.
2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ގައި އިންޑިއާ ކަނޑުގައި އުފެދުނު ބާރުގަދަ ބިންހެލުމަކަށްފަހު ރާއްޖެއަށް ކުރިމަތިވި ސުނާމީއަކީ، ޤައުމަށް ދިމާވި އެންމެ ބޮޑު ގުދުރަތީ ކާރިސާއެވެ. މި ހާދިސާގައި 100 އަށްވުރެ ގިނަ މީހުން މަރުވެ، ގިނަ ބަޔަކު ގެއްލުނެވެ. އަދި 100 އަށްވުރެ ގިނަ ރަށްރަށަށް އަސަރުކޮށް، 13 ރަށެއް މީހުން ދިރިއުޅެވޭ ވަރަށް ނެތިގެން ދިޔައެވެ. ގިނަ އަދަދެއްގެ ގެދޮރު ސުންނާފަތިވެ، 12،000 އަށްވުރެ ގިނަ މީހުންނަށް ވަގުތީ ހިޔާ ބޭނުންވިއެވެ.
އިޤްތިޞާދީ ގޮތުން ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ދަނޑުވެރިކަމުގެ ބިންތައް ލޮނުއެރި ހަލާކުވިއެވެ. ބަނދަރުތަކާއި ފާލަންތަކާއި މަގުތަކާއި ސިއްޙީ މަރުކަޒުތަކާއި ސްކޫލްތައް ފަދަ އުމްރާނީ ތަރައްޤީތަކަށް ވެސް ބޮޑެތި އަސަރުތަކެއް ކުރިއެވެ. ތިމާވެށީގެ ގޮތުން ބޯފެނުގެ މަސްދަރުތައް ލޮނުވެ، ގިނަ ގަސްތައް ހަލާކުވެ، ރަށްރަށަށް ގިރާ ސަރަހައްދުތައް އިތުރުވިއެވެ.
ލ. އަތޮޅަކީ ސުނާމީގެ އެންމެ ބޮޑު އަސަރުކުރި އެއް އަތޮޅެވެ. މި އަތޮޅުގެ ގަން، ފޮނަދޫ، އިސްދޫ، ކަލައިދޫ، މުންޑޫ، ހިތަދޫ، މަޑުވެލި، މާބައިދޫ ފަދަ ރަށްރަށަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. ޚާއްސަކޮށް ފޮނަދޫގެ ގިނަ ސަރަހައްދުތަކެއް ފެނުގެ ދަށަށް ގޮސް، އަތޮޅުގެ މައި ރަށް ގަމުގައި ހުރި އުމްރާނީ ތަރައްޤީތަކަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. އަތޮޅުގެ ގިނަ ރަށްރަށުގައި ބޯފެނުގެ މައްސަލަތައް ކުރިމަތިވެ، މީހުން މަރުވެ، ގެއްލި، ގިނަ ގެދޮރުތައް ހަލާކުވެފައިވެއެވެ. މަސްވެރިކަމާއި ދަނޑުވެރިކަމަށް ވެސް ބޮޑެތި ގެއްލުންތައް ލިބުނުއިރު، ފަރުތަކާއި އައްސޭރިފަށްތަކަށް ވެސް ސުނާމީގެ އަސަރުކުރިއެވެ.
މި ހާދިސާއަށްފަހު، ދިވެހި ސަރުކާރާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަމާއެކު ރާއްޖެއާއި ލ. އަތޮޅު އަލުން ބިނާކޮށް، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވުނެވެ.


