ޒަމާންތަކެއްގައި ދެމިތިބުމަށް އޮތް އެންމެ އާރުލާ ސަބަބަކަށްވާނީ ދިވެހި ތާރީޚު: ރައީސް
27 ފެބްރުއަރީ 2026 - 15:00

އަންނާން އޮތް ޒަމާންތަކުގައި ދެމިތިބުމަށް އޮތް އެންމެ އާރުލާ އެއް ސަބަބަކަށްވާނީ ދިވެހި ތާރީޚު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޤައުމީ ތާރީޚު ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޤައުމީ ތާރީޚު ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، މާޒީއާއި ގުޅޭގޮތުން އަޑުއިވިފައިވާ ވާހަކަތަކުގެ އެންމެ ޖުމްލައަކުން ނުވަތަ ކާބަފައިންގެ ޒަމާނުން ފެންނަން ހުރި އެންމެ ތަސްވީރަކުން އަދި މިއަދު ފެންނަން ހުރި ޤަދީމީ އެންމެ އާޘާރަކުންވެސް އެތައް ހާސް ވާހަކައެއް ކިޔައިދޭ ކަމަށެވެ. އަދި އެފަދަ ކޮންމެ ކަމަކުން އަދުގެ ޖީލަށް މަގު ދައްކައިދެނީ ޙަޔާތުގެ އެތައް ޢިބުރަތަކާއި ޙިކްމަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހީން މިވަޠަނުގައި އުޅޭތާ އެތައް ސަތޭކަ އަހަރެއް ވެއްޖެއްކަން ބުނެދިނީ ދިވެހި ތާރީޚު ކަމަށެވެ. އަދި އަމިއްލަވަންތަ މިނިވަން ޤައުމެއްގެ ގޮތުގައި އަންނަން އޮތް ޒަމާންތަކުގައި ދެމިތިބުމަށް އޮތް އެންމެ އާރުލާ އެއް ސަބަބަކަށް ވެގެންދާނީވެސް ދިވެހި ތާރީޚު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
2018 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ދަނީ ޤައުމީ ތާރީޚުގެ ދުވަސް ފާހަގަކުރަމުންނެވެ. މިފަދަ ދުވަހެއް ފާހަގަކުރަނީ، ތާރީޚާއި ސަޤާފަތާއި، އާދަކާދަތަކަށް ލޯބި ކުރާ މުޖުތަމަޢެއް އުފައްދާ ދިވެހި ތާރީޚު ކުރިއަރުވާ ދެމެހެއްޓުމަށެވެ. ހަމައެއާއެކު ޤައުމީ އަބުޠާލުންގެ ޒިކުރާ އައުކުރުމާ އެބޭފުޅުންގެ ޚިދުމަތުގެ ޒިކުރާ އައު ކުރުމަށެވެ.

Ad by Hajj Corporation


