ލާމަރުކަޒީ ފުޅާކޮށް ރައްޔިތުންނަށް އިތުރު ބާރާއި އިތުބާރު، ގިނަ މަސައްކަތްތަކެއްކޮށް އުންމީދުތައް ޙަޤީޤަތަކަށް
27 ފެބްރުއަރީ 2026 - 03:12

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަކީ ރަށްވެހި ތަރައްޤީގެ އެންމެ މުހިންމު އެއް ތަނބެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ވޭތުވެދިޔަ ދެ އަހަރަކީ ލާމަރުކަޒީ ނިޒާމަށް އާ ދިރުމެއް ގެނުވައި، ރައްޔިތުންގެ އިތުބާރު މި ނިޒާމަށް ހޯދައިދިނުމަށްޓަކައި ނުހަނު ގިނަގުނަ މަސައްކަތްތަކެއް ކުރެވުނު ދުވަސްތަކެކެވެ. މި މުއްދަތުގެ ތެރޭގައި ކައުންސިލްތަކުގެ ބާރުވެރިކަން އިތުރުކުރުމަށާއި، ޚިދުމަތްތައް ރައްޔިތުންނާ ގާތަށް ގެންގޮސްދިނުމަށް ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ.
ކައުންސިލްތަކުގެ ބާރުވެރިކަމާއި މާލީ މިނިވަންކަން

Ad by Hajj Corporation
ލާމަރުކަޒީ ނިޒާމެއްގެ އެންމެ ބޮޑު ގޮންޖެހުމަކީ ކައުންސިލްތަކަށް ބޭނުންވާ މާލީ ވަސީލަތްތައް މަދުވުމެވެ. ނަމަވެސް، މި ވޭތުވި ދެ އަހަރުގެ ތެރޭގައި ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގުތައް އިތުރަށް ފަހިކޮށްދިނުމަށް ސަރުކާރުން ވަނީ ޚާއްޞަ އިސްކަމެއް ދީފައެވެ. މީގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް (އ.ތ.މ) ޙައްޤު މަޤާމާއި ޙައިޘިއްޔަތު ހޯދައިދިނުމާއި، ކައުންސިލް މުވައްޒަފުންގެ މުސާރައަށް ގެނެވުނު ހެޔޮ ބަދަލަކީ ލާމަރުކަޒީ ޤާނޫނު ވުޖޫދުވީއްސުރެ ކައުންސިލްތަކުން އިންތިޒާރުކުރަމުން އައި އުންމީދުތަކެއްގެ ޙަޤީޤީ ސިފައެވެ. ކައުންސިލްތަކުގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ޒަމާނީ އައު އިމާރާތްތައް ބިނާކުރުމުގެ މަޝްރޫޢުތައްވެސް ވަނީ ބާރަށް ކުރިއަށް ގެންގޮސްފައެވެ.

ޚިދުމަތްތައް ރައްޔިތުންނާ ގާތަށް
ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ހޯދުމަށް މާލެއަށް ނުވަތަ ދުރު ރަށްރަށަށް ދަތުރުކުރަންޖެހޭ ޖެހުން ނިމުމަކަށް ގެނައުމަށް ސަރުކާރުން ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ކޮންމެ އަތޮޅަކުން އައި.ޑީ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ކޮންމެ ރަށެއްގައި އޭ.ޓީ.އެމް ޚިދުމަތާއި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަކީ ރައްޔިތުންގެ އިތުބާރު ސަރުކާރަށް ލިބިގެންދިޔަ މުހިންމު ސަބަބެކެވެ. ހަމައެހެންމެ، ޞިއްޙީ އަދި ތަޢުލީމީ ދާއިރާގެ ޚިދުމަތްތައް ފުޅާކޮށް، ރަށްރަށުގައި ކުޅިވަރު ކުޅޭނެ ވަސީލަތްތަކާއި ޕާކުތައް ބިނާކުރުމުގެ މަސައްކަތްތައްވެސް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ.

ޢުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ރައްކާތެރިކަން
ވޭތުވެދިޔަ ދެ އަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ ޢުމްރާނީ މަޝްރޫޢުތައް އެއްފަހަރާ ހިނގަމުންދާ ދުވަސްވަރެވެ. މަގުހެދުމާއި، ބަނދަރު ހެދުމުގެ އިތުރުން، ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ދަނީ ބާރަށް ކުރިއަށެވެ. މީގެ އިތުރުން، ރަށްރަށުގެ އަމާންކަން ދެމެހެއްޓުމަށްޓަކައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާއި، މަސްތުވާތަކެއްޗާއި ގޭންގު ކުށްތައް ހުއްޓުވުމަށް ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިކަންކަމުގެ ސަބަބުން ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރިކަމާއި ހިތްހަމަޖެހުން ލިބިގެންދެއެވެ.
ސަރުކާރުން ކުރިއަށް ގެންދާ ރަށެއްގެ މަޝްރޫޢުއެއް
މުސްތަޤުބަލުގެ ތަޞައްވުރު: މޯލްޑިވްސް 2.0
ސަރުކާރުގެ އަމާޒަކީ ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކޮށް، ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ މަގުތައް ރައްޔިތުންނަށް ފަހިކޮށްދިނުމެވެ. ޤައުމީ ތަރައްޤީގެ މައި ތަޞައްވުރު އެކުލަވައިލުމުގައި ރައްޔިތުންގެ ބައިވެރިވުން ހޯދުމަށް ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ޚިޔާލު ހޯދާފައިވުމަކީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ކުރެވުނު ވަރަށް މުހިންމު މަސައްކަތެކެވެ. މޯލްޑިވްސް 2.0 ގެ އަމާޒުތަކާއެކު، ރަށްރަށުގެ ތަރައްޤީ އައު އުސްމިންތަކަކަށް ވާޞިލުވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
ރައީސް މެދު އަދި ކުދިފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރަށްވަނީ، ފޮޓޯ: ރައީސް އޮފީސް
ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިން ދެ އަހަރު
ޖުމްލަކޮށް ބަލާއިރު، ވޭތުވެދިޔަ ދެ އަހަރަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަށްޓަކައި ވަރަށް އިޚްލާޞްތެރި މަސައްކަތްތަކެއް ކުރެވުނު ދެ އަހަރެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއެކު، ކައުންސިލްތަކާއި ސަރުކާރާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ރަށްވެހި ތަރައްޤީގެ އައު ބާބެއް ފެށިގެންދާނެ ކަމީ ދިވެހި ރައްޔިތުން ކުރާ އެންމެ ބޮޑު އުންމީދެވެ.


