ސަރުކާރަށް އެއްބާރުލުން ދޭނެ ކައުންސިލަރުން އިންތިޚާބުކޮށްފިނަމަ ވައުދުތައް ފުއްދެވުމުގައި ވަރަށް ފަސޭހަވާނެ: ރައީސް
27 ފެބްރުއަރީ 2026 - 05:43

ސަރުކާރަށް އެއްބާރުލުން ދޭނެ ކައުންސިލްތަކެއް އިންތިޚާބުކޮށްފިނަމަ، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމުގައި ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އާޓިފިޝަލް ބީޗުގައި ބޭއްވި "ދިވެހީންގެރާއްޖެ ތަރާވީސް" ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވީ އިޚްލާސްތެރިކަމާއި ތެދުވެރިކަމާއެކު މުޅި ރާއްޖެއަށް ހަމަހަމަކަމާއެކު ތަރައްޤީ ގެނައުމަށް ކަމަށެވެ. އަދި މި މަސައްކަތުގައި ކައުންސިލްތަކުގެ އެއްބާރުލުން އިންތިހާއަށް ބޭނުންވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު އެކުލަވާލެއްވި ސްޓެރެޓެޖިކް އެކްޝަން ޕްލޭނަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، މިދިޔަ ދެ އަހަރު ދުވަހު އެ ޕްލޭންގައި ހުރި ކަންކަން ހާސިލުވެފައި ނުވާ ކަމަށެވެ. "މިދިޔަ ދެ އަހަރު ދިޔައީ ގޯސްކޮށް،" މާލެ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ މެންބަރަކު ވަޑައިގެންނެވި ފަހުން ކަންކަން ހުއްޓިފައި އޮތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން ގޮތް ނިންމާއިރު، ކަންކަން ހުއްޓިފައި އޮތް އޮތުން ދެމިގެންދާނެ ގޮތަކަށް ފުރުސަތު ދޭނީތޯ ނުވަތަ ކަންކަން ކުރިއަށްދާނެ މަގު ފަހިކުރާނީތޯ ވިސްނާލުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. އެމަނިކުފާނު ވިދާޅުވީ ނަތީޖާ ނެރެދިނުމުގައި ކައުންސިލްތަކަކީ ހުރަހަކަށް ވެގެންނުވާނެ ކަމަށެވެ.
"ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ މޭޔަރަކަށް ހޮވައިދިނުމަކީ، ކައުންސިލެއް ހޮވައިދިނުމަކީ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާނެ ކޮމެޓީއެއް ހޮވައިދިނުމަކީ އަޅުގަނޑު މާލޭގެ ލޮބުވެތި ރައްޔިތުންގެ ކިބައިން ވަރަށް އިޚްލާސްތެރިކަމާއެކު އެދޭ އެދުމެއް،"ރައީސް ވިދާޅުވިއެވެ. މާލޭގެ އިތުރުން އެހެން ސިޓީތަކާއި ރަށްރަށުން ވެސް ސަރުކާރަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓުން ހޮވުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، ގޮންޖެހުންތަކާއެކުވެސް މިދިޔަ ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، އެމަނިކުފާނު ވެވަޑައިގެންފައިވާ ހުރިހާ ވައުދުތަކެއް ފުއްދެވުމަށްޓަކައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.


