ރައީސް ޑރ. މުޢިއްޒަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާ ބޭފުޅެއް: ޝިޔާމް
26 ފެބްރުއަރީ 2026 - 20:24

ރައީސް ޑރ. މުހައްމަދު މުޢިއްޒަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށާއި ރައްޔިތުންގެ އަޑުއައްސަވައިގެން ނޫނީ ބޮޑު ނިންމެވުމެއް މިހާތަނަށް ނިންމަވާފައި ނުވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޕީއެންސީ އިން ބޭއްވި ތަރާވީހުގައި ވަޒީރު ވިދާޅުވީ ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި އެއް ކަމަކީ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައްޔިތުންގެ ވޯޓަކަށް ނުގޮސް ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް އޮތް "ލޫޕްހޯލް" ތައް ބަންދުކުރެއްވުން ކަމަށެވެ. އަދި ގައުމުގެ ސިޔާދަތާއި، ސަރަހައްދާއި، ރައްޔިތުންނާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ސީދާ ބަސް ހޯދުމަކީ ރައީސް އިސްކަންދެއްވާ ކަމެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation
މީގެ އިތުރުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނިންމެވި ނިންމެވުމަށް އިޝާރާތްކުރައްވާ ވަޒީރު ވިދާޅުވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރައްޔިތުންނަށް ފައިދާވާނެ ކަމެއް ކަމަށެވެ. ނަމަވެސް މީގެ ކުރިން އެއްވެސް ސަރުކާރަކުން މިފަދަ ކަމެއްގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް މަސައްކަތް ކޮށްފައި ނުވާކަން ފާހގަކުރެއްވިއެވެ.
ވަޒީރު ވަނީ މީގެ ކުރިން ގާނޫނުއަސާސީއަށް ބަދަލު ގެންނަނީ މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ރައްޔިތުންގެ އަޑު އެހުމެއް ނެތި ކަމަށެވެ. ސަރުކާރުން މިހާތަނަށް އެޅި ބައެއް ހަރުދަނާ ފިޔަވަޅުތަކަށް ބަލައިލާ ޝިޔާމް ވިދާޅުވީ، ވޭޕް މަނާކުރުމާއި ސިނގިރޭޓުގެ ޓެކްސް ބޮޑުކުރުން ފަދަ ނިންމެވުންތަކާ ގުޅިގެން ވިޔަފާރިވެރިންނާއި އެކި ޕްރެޝަރު ގްރޫޕުތަކުން ނުރުހުން ފާޅުކުރި ކަމަށެވެ.
އެކަމަކު އެއީ ޖީލެއް ސަލާމަތްކުރުމަށް ރައީސް ނިންމެވި ހިތްވަރުގަދަ ނިންމެވުމެއް ކަމަށާއި އަދި ޑޮލަރުގެ މައްސަލައިގައި ނިންމެވި ނިންމެވުންތަކަށްވެސް ފާޑުކިޔުން އަމާޒުވި ނަމަވެސް، އެއީ ގައުމުގެ އިގްތިސާދީ ދުވެލި ރަނގަޅު ކުރުމަށް އެޅުއްވި ވަަރަށް ފިޔަވަޅެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.


