ރައީސްގެ ދެ ކަނބަލުން ދުވާފަރަށް ދަތުރުފުޅެއް ފައްޓަވައިފި
13 ޑިސެމްބަރު 2025 - 04:55

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު، ރ. ދުވާފަރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް މިއަދު ހެނދުނު ފައްޓަވައިފިއެވެ.
މިއީ އެއް ދުވަހުގެ ދަތުރުފުޅެކެވެ.

Ad by Hajj Corporation
ރައީސް އޮފީހުން ދެއްވާފައިވާ މައުލޫމާތަށް ބަލާއިރު، މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ދުވާފަރުގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ފެށުމާއި، ނިމިފައިވާ ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަކުރެއްވުމެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު އާއި ފަސްޓް ލޭޑީ، މިރޭ ދުވާފަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
މީގެ އިތުރުން، މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދުވާފަރުގައި މިހާރު ކުރިއަށްދާ އެކި އެކި ހަރަކާތްތަކުގައި ވެސް ރައީސްގެ ދެ ކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ހާމަކުރައްވައެވެ.
ދުވާފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެރަށުގެ ތަރައްޤީއަށް ހިންގާ މަޝްރޫޢުތަކުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ރައީސްގެ މި ދަތުރުފުޅަކީ ވަރަށް މުހިންމު ދަތުރުފުޅެކެވެ.
ރައީސްގެ މި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި، އެކި މުއައްސަސާތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.


