އަންގާރަ ދުވަހުގެ ރޭ, ރައީސް ގަލޮޅު ރައްޔިތުންނާ ބައްދަލުކުރައްވަނީ
14 ޑިސެމްބަރު 2025 - 05:06
.jpg&w=3840&q=75)
މާލޭގެ ގަލޮޅު އަވަށު ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރެއްވުން އަންނަ އަންގާރަ ދުވަހުގެ ރޭ އޮންނާނެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ގާތުން ރައްޔިތުންގެ ޚިޔާލާ މަޝްވަރާ އަދި ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ބާއްވާ ބައްދަލުވުން އަންނަ އަންގާރަ ދުވަހުގެ ރޭ ގަލޮޅުގެ ރައްޔިތުންނާއެކު ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

Ad by Hajj Corporation
އެގޮތުން މި ބައްދަލުކުރެއްވުން އޮންނާނީ އަންގާރަ ދުވަހުގެ ރޭ 20:30ގައި އިމާދުއްދީން ސްކޫލްގައެވެ. އެހެންކަމުން ސަރުކާރުގެ ފަރާތުން މި ބައްދަލުވުމަށް ގަލޮޅުގެ ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވާކަމަށް ހީނާ ވިދާޅުވިއެވެ.
ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމުގެ ސިޔާސަތުގެ ދަށުން ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދެވުމަށް ބައްދަލުކުރެއްވުންތައް ރައީސް ދަނީ ބާއްވަވަމުންނެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފައިވާއިރު މިހާރު އެމަނިކުފާނު ގެންދަވަނީ މާލޭގެ އެކި އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ.
މާލެ ސަރަޙައްދުގައި އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ވިލިމާލޭގެ ރައްޔިތުންނާއެވެ. އެއަށްފަހު މައްޗަންގޮޅިއާއި މާފަންނާއި ހެންވޭރުގެ ރައްޔިތުންނާ ވެސް އެމަނިކުފާނު މިހާރު ވަނީ ބައްދަލުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ރައްޔިތުންނާ ގާތުން ކަންބޮޑުވުންތައް އަޑު އެއްސެވުމަށް ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަމުންނެވެ.


