ގަވާއިދާ ޚިލާފަށް ހިންގަމުންދިޔަ 52 މަސާޖު ޕާލާ ބަންދުކޮށްފައިވާކަން ރައީސް އިޢުލާންކުރައްވައިފި
16 ޑިސެމްބަރު 2025 - 16:29

މާލޭ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ހިންގަމުންދިޔަ 52 މަސާޖު ޕާލާ ބަންދުކޮށްފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ.
ރައީސް ޑރ. މުޢިއްޒު މިފަދައިން ވިދާޅުވީ، ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation
އެމަނިކުފާނު ވިދާޅުވީ ގަވާއިދާ ޚިލާފަށް ހިންގާ މަސާޖު ޕާލާތަކުގެ މައްސަލައަކީ މާލެއަށް ދިމާވެފައިވާ އިޖުތިމާޢީ ބޮޑު މައްސަލައެއް ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އުސޫލުތަކުގެ ތެރެއިން ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަންއާ ގުޅިގެން އަބަދުވެސް މިފަދަ ތަންތަން ބަލާ ފާސްކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް، މާލޭގެ ރައްޔިތުންނާއެކު މިހާތަނަށް ބޭއްވި ބައްދަލުކުރެއްވުންތަކުގެ ތެރެއިން އެކަންކަމުގެ ކަންބޮޑުވުންތައް ރައްޔިތުން ހިއްސާކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު އެކަންކަން މިފަދަ މަސާޖު ޕާލާތައް ހުއްޓުވުމުަށްޓަކައި އިތުރަށް އިސްކަން ދީގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިވީ ހަފުތާއެއްގެ ތެރޭގައި 52 މަސާޖު ޕާލާ ބަންދުކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އޭގެ ތެރޭގައި 24 ތަނަކީ ޚާއްސަ އޮޕަރޭޝަންތަކުގެ ތެރެއިން ބަންދުކުރި ތަންތަނެވެ. އަދި ކަމާ ބެހޭ ފަރާތްތައް ގުޅިގެން އޮޕަރެޝަންތައް ކުރިއަށްގެންގޮސް ތަންތަން ބަންދުކުރަން ފެށުމުން އަމިއްލައަށް އެ ވިޔަފާރިކުރާ މީހުން 28 ތަނެއް ބަންދުކުރި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އިތުރު ވަޞީލަތްތަކާއެކު މިކަމަށް ޚާއްސަ މަސައްކަތެއް މިމަހުގެ 9 ވަނަ ދުވަހު ފަށާފައިވާކަން ފާހަގަކުރައްވާފައެވެ.


