ފަތުރާ ދޮގު ޚަބަރުތަކުގެ ސަބަބުން ދައުލަތަށް އޭގެ ގެއްލުން ފޯރާފައި އެބަހުރި: ރައީސް
5 އޮކްޓޯބަރު 2024 - 06:21

މުޖުތަމައުގައި ދޮގު ޚަބަރުފެތުރުން އާއްމުވެފައިވާކަމަށާއި މިގޮތަށް ފަތުރާލާ ދޮގު ޚަބަރުތަކުގެ ސަބަބުން މުޅި ދިވެހި ދައުލަތަށް އޭގެ އިންތިހާ ގެއްލުން ފޯރާފައި އެބަ ހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation
ރައީސް ވިދާޅުވީ ރާއްޖެ އިސްލާމްވީ ދުވަހަކީ އާއިލީ ގުޅުންތަކާއި، ޖަމާއަތުގެ އެކުވެރިކަމާއި، ގައުމީ އެއްބައިވަންތަކަމާއި އެކުވެރިކަން އާލާކުރަންވީ ދުވަސްކަމަށެވެ.
މާތްވެގެންވާ އިސްލާމްދީން އެކަށައަޅުއްވާފައިވަނީ ވެރިންގެ ކޮނޑުގައި މަސްއޫލިއްޔަތުތަކެއް އެޅުއްވުމަށްފަހުގައިކަމަށާއި އަދި އެއާއެކުއެކީހެން ރައްޔިތުންގެ ކޮނޑުގައިވެސް މަސްއޫލިއްޔަތުތަކަކާއި ވާޖިބުތަކެއް އެޅިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ކީރިތި ޤުރުއާނުގައި ބަޔާންވެފައިވާ އިސްލާމީ މުޖުތަމައަކާއި މިއަދު ފެންނަ މުޖުތަމައާ ތަފާތުކަން ހާމަކުރައްވައި ރައީސް ވިދާޅުވީ ހަގީގީ މުސްލިމުންގެ ސިފަތައް އިޔާދަކޮސް އަލުން ތަރުތީބުވަންޖެހޭ ހާލަތައް މިއަދު ދިވެހި މުޖުތަމައު ވެއްޓިފައިވާކަމަށެވެ.
ކީއްވެތޯ، މީހުންގެ މުދަލަށާއި ޖާނަށް ގެއްލުންތައް ދެވެމުންދަނީ؟ ކީއްވެތޯ މީހުންގެ އަބުރު ކަތިލަމުން، އާއިލީ ގުޅުންތަކަށް ވިހަލަމުންދަނީ؟ ކީއްވެތޯ ކުޑަކުދީންގެ ކަރާމާތަށް ޙުރުމަތްތެރިކޮށް ނުހިތެނީ؟ ކީއްވެތޯ އަމިއްލަ ބުއްދިފިލައިދާ ފަދަ ޢަމަލުވުންތަކާއި، އަމިއްލަ ޤައުމު ހަލާކުވެދާ ފަދަ ބަދުއަޚްލާޤީ ޢަމަލުތައް އާންމުވަމުންދަނީ؟ ކީއްވެތޯ ދޮގާއި މަކަރާއި ހީލަތުން ބޮޑެތި ފަސާދަތައް އުފަންކުރުވަމުން ދަނީ؟ ކީއްވެތޯ ފިތުނައިގެ އަލިފާނުން މުޅި ޤައުމީ ފޭރާން އަޅިޔަށް ހަދާލާއިރު، އެއީ، މިނިވަންކަމުގެ ޙައްޤުކަމަށް ހީކުރެވެނީ؟ މި ކަންކަމާ އިސްލާމްދީނާ ކުޑަ ވެސް ގުޅުމެއް ނެތެއް ނޫންތޯ؟ ކަނޑައެޅިގެން ދީނާ ޚިލާފު ނޫންތޯ؟ މި ކަންކަމާ ގުޅިފައިވާ ހަމަލާތަކުގެ ސަބަބުން އޮހޮރެމުންދަނީ ކިތައް އާއިލާގެ ކަރުނަތޯ؟ މިއީ، ކިތައް މުސްލިމު އަޚުން އުޚުތުންނެއްގެ ތަދާއި ލަދާއި ވޭނާއި ކެކުޅުންތޯ؟
މި ބާވަތުގެ ޖަރީމާތަކުގެ ތެރެއިން ހަމައެކަނި ދޮގުހެދުމާއި، ދޮގު ޚަބަރުފެތުރުމަށް ބަލައިލިޔަސް، އެ ދެއްކެނީ އަދުގެ ދިވެހި މުޖުތަމަޢުގައި މޫލައިފައި އޮތް ބޮޑު ހަލާކެއްގެ ވާހަކަކަން ފާހަގަކުރައްވަިއ ރައީސް ވިދާޅުވީ ބައެއްފަހަރަށް ފަތުރާލާ ދޮގު ޚަބަރުތަކުގެ ސަބަބުން، މުޅި ދިވެހި ދައުލަތަށް، އޭގެ އިންތިހާ ގެއްލުން ފޯރާފައިއެބަހުރިކަމަށެވެ.
ދޮގާއި، އާޑަފުރައްސާރަޔާއި، ނެތިނުބައިކިޔުމުގެ ބާޒާރުގައި، އެތައް ބަޔަކު އަވަދިނެތި އެބައުޅޭ. ލިބޭ ވަގުތީ ދުނިޔެވީ މަންފާއަކަށް. ކުޑަ ލާރިކޮޅަކަށް މިފަދަ ދަށު ދަރަޖައިގެ ޢަމަލުތައް ހިންގޭއިރު، އެ ކުރެވެނީ ކިހާވަރެއްގެ ނުބައިކަމެއްކަން ވަޒަންކޮށްލުމުގެ ހެޔޮ ވިސްނުން ހަމަ ނާންނަނީބާ؟ އެއީ، މުޖުތަމަޢަށް ލެވޭ ކިހާވަރެއްގެ ނުބައި ޒަހަރެއްކަން އެ މީހުން ހަމަ ނުދަންނަނީބާ؟ ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ދީނީ އަޚްލާޤީ އިޖުތިމާޢީ މިންގަނޑުތައް ފުނޑުފުނޑުކޮށް، ފަނާކޮށްލަން ބައިވެރިވުމާއި، އެ ކަންކަމުން ނިކުންނާނެ ނުބައި ނަތީޖާ، އެފަދަ މީހުންނަށް ހަމަ ނުވިސްނެނީބާ؟ މުޅި ޤައުމުގެ އަޚްލާޤީ ފޭރާން އިންދިރާސްކޮށްލުމަކީ ކޮންފަދަ ބޮޑު އިހާނަތެއްތޯ؟ ކޮން ފަދަ ބޮޑު ޚިޔާނަތެއްތޯ؟ ދޮގު ވާހަކަތަކުގެ ސަބަބުން ލޮޅުންއެރީ ކިތައް އާއިލީ ގުޅުމަށްތޯ؟ ހުތުރު ފުރައްސާރަތަކުގެ ސަބަބުން މާޔޫސްވީ ކިތައް ޚިދުމަތްތެރީންތޯ؟ ދެބައޮޑުވުމާއި، ނެތިނުބައިކިޔުމުގެ ސަބަބުން، ރޫޅި ކުދިކުދިވީ ކިތައް އެކުވެރި ރަޙްމަތްތެރިކަންތޯ؟ މިފަދަ ކޮންމެ ކަމަކުން އުފެދޭ ވޭނާއި ކެކުޅުން، އެތައް ޒަމާނަކަށް، އެތައް ޖީލަކަށް ދެމިގެންދޭ. ވަކިވަކި މީހުންނަށް ގެއްލުން ލިބޭ ފަދައިން، ވަކިވަކި އާއިލާތަކަށް ގެއްލުން ލިބޭ.
މުޖުތަމައުގެ ތެރޭގައިދޮގުފެތުރުމަކީ މުނާފިޤުން ފަށައިގެން ކަމެއްކަން ފާހަގަކުރައްވައި ރައީސް ވަނީ ކޮންމެ މީހަކު ވާންވީ، އަނެކުންނަށް، އަނެކުންގެ ހިތަށް ފިނިކަމާއި ހަމަޖެހުން ގެނެސްދޭ މިތުރަކަށް، މުސްލިމަކަށް، ފުރިހަމަ މުއުމިނަކަށްކަމަށް ވިދާޅުވެ އެކަމަށް އިލްތިމާސްކުރައްވާފައެވެ.
ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގެ ގޮތުގައި ފާހަގަކުރަނީ ރަބީޢުލްއާޙިރު މަހުގެ 2 ވަނަ ދުވަހެވެ.