ރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް ވަދެ އުޅުނު ލަންކާގެ ދެ މަސްބޯޓު އަތުލައިގެންފި
18 ޑިސެމްބަރު 2025 - 10:45

ދިވެހިރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އެމްއެންޑީއެފްއިން ބުނީ މި ބޯޓުތައް ހިފަހައްޓާފައި ވަނީ، ސަރަހައްދީ ގައުމުތަކުން ހިއްސާކުރި މައުލޫމާތުގެ ޒަރިއްޔާއިން، އެއްކުރި މައުލޫމާތުގެ އަލީގައި އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް އެއަރ ކޯރއިން ހިންގި ސަރވެއިލަންސް އޮޕަރޭޝަނެއްގެ ތެރެއިންކަމަށެވެ.

Ad by Hajj Corporation
ސްރީލަންކާއަށް ނިސްބަތްވާ މި ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ޑިސެންބަރު 17ވަނަ ދުވަހުގެ ހެނދުނު 08:30 ހާއިރު، ހއ. ކެލާގެ އިރުން 51 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަނިކޮށްކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.
އެމްއެންޑީއެފްއިން ބުނީ މި ދެ ބޯޓު މިހާރު ވަނީ ކުޅުދުއްފުށީ ސިޓީ ބަނދަރަށް ވައްދައި ފުލުހުންނާ ހަވާލުކޮށްފައިކަމަށެވެ.
ފުލުހުން މިހާރު ދަނީ މިކަމާ ގުޅޭ ތަހުޤީޤު ކުރިއަށްގަންދަމުންނެވެ.


