އަނެއްކާވެސް ކ. އަތޮޅުން ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ
21 ޑިސެމްބަރު 2025 - 06:19

މާލެ އަތޮޅު ކަނޑޫމާ ތިލަ ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، ކ. އަތޮޅު ކަނޑޫމާ ތިލަ ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާކަމުގެ މައުލޫމާތު 2025 ޑިސެންބަރު 21 ވަނަ ދުވަހުގެ 10:17 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

Ad by Hajj Corporation
މިކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށާއި މަރުވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށާއި މިކަމުގެ މައުލޫމާތު ލިބޭ މިންވަރަކުން ހިއްސާކުރަމުން ގެންދާނެކަމަށް ވެސް އޮފިސަރު ވިދާޅުވިއެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި މަހުގެ 18 ވަނަ ދުވަހު ވެސް ކ. އަތޮޅުން ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވެއެވެ. ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮއްވައި ފެނިފައި ވަނީ ޗައިނާ އަށް ނިސްބަތްވާ އުމުރުން 38 އަހަރު ޗެންގް ޖިއާ އެވެ.
ފުލުހުން ބުނީ މި މީހާ ކަނޑަށް ވެއްޓިފައިވަނީ އެ ދުވަހުގެ 12:48 އެހާކަންހާއިރު ހުޅުމާލެ ބޭރުގައި އޮތް ބާޖަކުން ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި, އޭނާ ކަނޑަށް ވެއްޓުމުން ލޯންޗުގައި ތިބި މީހުން އޭނާ ސަލާމަތްކުރަން މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ ވަގުތު އޭނާ ކަނޑުގައި އޮއްވާ ފެނުނު ނަމަވެސް ފަހުން ނުފެނިގެން އެ ސަރަހައްދުން ދަތުރުކުރި އެހެން ލޯންޗަކަށް ވެސް މައުލޫމާތު ދީ އެ މީހާ ހޯދުމުގެ މަސައްކަތްކޮށް، ކޯސްޓްގާޑަށް އެކަމުގެ މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުންޏެވެ.
ކޯސްޓްގާޑުން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިިކޮށް މަރުވެފައި އޮއްވާ ފެނިފައިވަނީ 18 ވަނަ ދުވަހުގެ 13:32 އެހައިކަންހާއިރެވެ.
ފާއިތުވި ހަފުތާތަކުގައި ރާއްޖެއަށް މޫސުން ގޯސްވެ، ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކެއް ހިނގައިފައިވެއެވެ.
ރާއްޖޭގައި ހިނގައިފައިވާ ބައެއް ހާދިސާތަކުގައި ކަނޑަށް މީހުން ގެއްލި، ބައެއް މީހުން ނުފެނި އެތައް ދުވަހެއްވެ، ހޯދުމުގެ މަސައްކަތް ހުއްޓާލާ ހިސާބަށް ވެސް ގޮސްފައިވެއެވެ.


