ޒުވާނުންގެ އަޑު އަހާނަން، އެއީ ޤައުމު ކުރިއެރުވުމުގައި އެންމެ މުހިއްމު ބައިވެރިން: ރައީސް
23 ޑިސެމްބަރު 2025 - 16:04

ޒުވާނުންގެ އަޑު އައްސަވާނެ ކަމަށާއުި ޒުވާނުންނަކީ ޤައުމު ކުރިއެރުވުމުގައި އެންމެ މުހިއްމު ބައިވެރިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހުށަހެޅުމަށް ބޭއްވި "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓު" ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.
"ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓު" ފޯރަމް ފެށުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ޒުވާނުންނަކީ ޤައުމު ކުރިއެރުވުމުގައި އެންމެ މުހިއްމު ބައިވެރިންކަމަށެވެ. އަދި މުސްތަގުބަލު އުޖާލާ ކުރެވޭނީ މިއަދު ޒުވާނުންގެ އަޑު އަހައިގެން ކަމަށާއި އެއީ އެމަނިކުފާނު ގަބޫލުކުރައްވާ ހަަމަކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ޒުވާނުންގެ ކޮންމެ ވާޙަކައަކީވެސް މުހިއްމުވާނެ ވާހަކައެކެވެ. ޒުވާނުންނާއި ބައްދަލުވާތީ ވަރަށް އުފާކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.

Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮންމެ ފަންތިއެއްގައި ނިންމުންތައް ނިންމުމުގައި ޒުވާނުންގެ ބައިވެރިވުން ހިމެނުމަކީ ނުވަތަ އެކަމުގެ ފުރުސަތު އޮތުމަކީ ދެމެހެއްޓެނިވި އަދި މާނަވީގޮތެއްގައި ތަރައްޤީއަށް ވާޞިލުވުމަށް މުހިއްމުކަމެއްކަމަށެވެ.
ރައީސް ވިދާޅުވީ ޒުވާނުން ބޭނުންވާ ކަންކަން ފުޅާ ދާއިރާއެއްގައި ހިއްސާކުރެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.
މި ފޯރަމްގެ ތެރެއިން ޒުވާނުން ބޭނުންވާ ހިޔާލާއި އެކި ހުށަހެޅުންތައް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާއިރު، ފޯރަމްގެ ތެރެއިން ޒުވާނުން ހުށަހަޅާ ކަންކަމާއި ގުޅޭގޮތުން ރައީސް ވާހަކަފުޅު ދައްކަވާނެއެވެ.


