11 އައްޑާ ބަންދުކޮށް 997 މީހަކު ހައްޔަރުކޮށް، 875 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މި އަހަރު އަތުލައިގެންފައިވޭ
24 ޑިސެމްބަރު 2025 - 06:07

މަސްތުވާތަކެއްޗާ ދެކޮޅަށް ދިވެހި ފުލުހުންގެ ޚިދުމަތުން މި އަހަރުގެ ތެރޭގައި ހިންގި އޮޕަރޭޝަންތަކާއި ކުރި މަސައްކަތުން، 875 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ޑްރަގް އެންފޯސްމަންޓުން ކުރަމުންދާ މަސައްކަތްތަކާއި ތަހުގީގުކުރަމުންދާ މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި މައުލޫމާތު ހިއްސާކޮށްފައިވާއިރު ފުލުހުން ބުނީ، މި އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިހިނގާ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރެވުނު މަސައްކަތުން، މަގުމަތީގެ އަގު 875،235،623.50ރ ގެ މަސްތުވާތަކެތި، ބަނގުރާ ވެސް ހިމެނޭހެން އަތުލައިގެންފައިވާ ކަމަށެވެ.

Ad by Hajj Corporation
އެއީ 498.99 ކިލޯގެ މަސްތުވާތަކެއްޗާއި 6860 ދަޅު/ފުޅި ބަނގުރަލެވެ. އޭގެތެރެއިން އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 871،243،131ރ އަށް އަރާއިރު ބަނގުރަލުގެ އަގު 3،992،492.50ރ އަށް އަރައެވެ.
ފުލުހުން ބުނީ، މި މުއްދަތުގެ ތެރޭގައި، މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކުގައި 16،024 މީހަކު ހުއްޓުވައި ބޮޑީ ޗެކް ކޮށްފައިވާ ކަމަށެވެ. އަދި މަސްތުވާތަކެއްޗާ ދެކޮޅަށް188 އޮޕަރޭޝަން ހިންގާފައިވާއިރު 997 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި 137 ބިދޭސީން ހިމެނޭއިރު، އެ ފަރާތްތަކަށް އަޅަންޖެހޭ ޑީޕޯޓޭޝަންގެ ފިޔަވަޅު އެޅުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފައެވެ.
މިފަދަ މައްސަލަތަކުގައި ހައްޔަރުކުރި މީހުންގެ ތެރެއިން 301 މީހަކު ވަނީ ނޭޝަނަލް ޑްރަގް އެޖެންސީގެ ރިމާންޑަށާއި ރިހެބަށް ފޮނުވާފައެވެ.
މި މުއްދަތުގެ ތެރޭގައި، މަސްތުވާތަކެތީގެ ކެފޭތައް ނުވަތަ އައްޑާތަކުގެ ގޮތުގައި ބޭނުންކުރާ 11 ތަނެއް ފުލުހުން ވަނީ ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްފަހު ބަންދުކޮށްފައެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން މި އަހަރުގެ ތެރޭގައި އަތޮޅުތެރޭގައި ހިންގި އޮޕަރޭޝަންތަކުގެ މައުލޫމާތު ވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކޮށްފައިވެއެވެ.
ޑްރަގް އެންފޯސްމަންޓުން ވަނީ އަތޮޅު ތެރޭގައި މި އަހަރު ފަސް އޮޕަރޭޝަނެއް ހިންގާފައެވެ. އެގޮތުން ފުރަތަމަ އޮޕަރޭޝަން ހިންގާފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހު، ޅ. އަދި ބ. އަތޮޅުގައެވެ. މި އޮޕަރޭޝަނުގައި 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު 16 މީހަކު ހައްޔަރުކޮށް، 54.471 ގުރާމުގެ މަސްތުވާތަކެއްޗާއި 180 ފުޅި/ދަޅު ބަނގުރާ އަތުލައިގެންފައިވެއެވެ.
އެފަދަ ދެވަނަ އޮޕަރޭޝަނެއް ޑްރަގް އެންފޯސްމަންޓުން ހިންގީ މާޗު މަހު ހއ. އަދި ބ. އަތޮޅުގައެވެ. މި އޮޕަރޭޝަނުގައި 3 ތަނެއް ބަލައި ފާސްކޮށްފައިވާއިރު 4 މީހަކު ހައްޔަރުކޮށް2.742 ގުރާމް މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ.
އަތޮޅު ތެރޭގައި މި އަހަރުގެ ތެރޭގައި ޑްރަގް އެންފޯސްމަންޓުން ހިންގި ތިންވަނަ އޮޕަރޭޝަނަކީ ލޯކަލް ޓުއަރިޒަމްގައި އެންމެ ފާޙަގަކޮށްލެވޭ ރަށް ކަމަށްވާ، ކ. މާފުށީގައި ހިންގި އޮޕަރޭޝަނެވެ. މި އޮޕަރޭޝަނުގައި 13 ތަނެއް ބަލައި ފާސްކޮށްފައިވާއިރު 20 މީހަކު ހައްޔަރުކޮށްފައިވެއެވެ. މާފުށީ އޮޕަރޭޝަނުގައި 6.012 ގްރާމް މަސްތުވާތަކެތި އަތުލައިގެންފައިވާއިރު 4817 ދަޅު/ފުޅި ބަނގުރާ ވަނީ އަތުލައިގެންފައެވެ.
ޑްރަގް އެންފޯސްމަންޓުން އެފަހުން ވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނ. އަތޮޅުގައި ވެސް ޙާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެ އޮޕަރޭޝަނުގައި 7 ތަނެއް ބަލައި ފާސްކޮށްފައިވާއިރު 8 މީހަކު ހައްޔަރުކޮށް،6.213 ގުރާމުގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ.
ޑްރަގް އެންފޯސްމަންޓުން އަތޮޅު ތެރޭގައި މި އަހަރު ހިންގި އެންމެފަހު އޮޕަރޭޝަން ހިންގީ ގއ. އަދި ގދ. އަތޮޅުގައެވެ. އެ އޮޕަރޭޝަނުގައި 12.11 ކިލޯގެ މަސްތުވާތަކެއްޗާއި އެއް ފުޅި ބަނގުރާ އަތުލައިގެންފައިވާއިރު، އޮކްޓޯބަރު މަހު ހިންގި މި އޮޕަރޭޝަނުގައި 13 މީހަކު ހައްޔަރުކޮށްފައިވެއެވެ.
ފުލުހުންނަށް ހުށަހަޅާ މައްސަލަތަކާއި ތަޙްޤީގުކުރަމުންދާ މައްސަލަތަކުގެ ތަފާސްހިސާބުތައްވެސް ވަނީ މި ބައްދަލުވުމުގައި ހިއްސާކޮށްފައެވެ. އެގޮތުން 648 މައްސަލައެއް ތަޙުގީގުކުރަމުން އަންނައިރު ދަޢުވާ ކުރުމަށް 335 މައްސަލައެއް ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.


