ބޭރު ގައުމުތަކުގައި ދިވެހިން ތިބެގެން މަސްތުވާތަކެތި އެތެރެކުރުމުގެ މަސައްކަތްކުރޭ: ފުލުހުން
24 ޑިސެމްބަރު 2025 - 07:14

ސަރަޙައްދީ ގައުމުތަކުގައި ދިވެހިން ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަން ތަހުގީގުތަކުން ފާހަގަަކުރެވެމުންދާކަމަށް ދިވެހިން ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓުގެ ފަރާތުން ކުރައްވާ މަސައްކަތްތަކާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ޑްރަގް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލް، ޗީފް އިންސެޕްޓަރ އޮފް ޕޮލިސް އަޙްމަދު ނާއިފް ވިދާޅުވީ، ފަހަކަށް އައިސް ސަރަހައްދީ ގައުމުތަކުގައި ދިވެހިން ގާއިމުވެ ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން އެއަރ ކާގޯއާއި ސީ ކާގޯ މެދުވެރިކޮށް އަދި އިލެކްޓިރިކް ސާމާނުތަކުގައި މަސްތުވާތަކެތި ފޮރުވައިގެން ފޮނުވަމުންދާކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖެއިން ބޭރުގައި ސަރަޙައްދީ ޤައުމުތަކުގައި ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ތިން ދިވެހިން މިހާތަނަށް ފާހަގަކުރެވިފައިވާކަމަށެވެ.
އެ މީހުންގެ ތެރޭގައި ޖިނާޢީ އެކި މައްސަލަތަކުގެ ރެކޯޑް އޮތް މީހުން ތިބިކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ފުލުހުން އާންމު ކުރެއްވި ގޮތުގައި ތައިލޭންޑް އާއި މެލޭޝިއާ ފަދަ ގައުމުތަކުގައި ދިވެހިން ތިބެގެން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަމުން އަންނަކަމަށް ފާހަގަކުރެވިފައިވާކަމަށެވެ.
ނާއިފް ވިދާޅުވީ ދުނިޔޭގެ ކޮންމެ ސަރަޙައްދެއްގައި ދިވެހިން ޤާއިމްވެ ތިބެގެން ޖިނާއީ ކުށް ކުރާ ފަރާތްތައް އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެންވިޔަސް އެމީހުން ރާއްޖެ ގެނެސްގެން އެމީހުންގެ މައްޗަށް ތަހުގީގު ހިންގާނެކަމަށެވެ. މީގެ އިތުރުން ބައެއް ފަރާތްތަކުން ފިލައިގެން ރާއްޖެ ދޫކޮށް ދިއުން ފަދަ ކަންކަމުގައި އަވައްޓެރި ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްތާކުގެ އެހީ ހޯދާއިގެން އެމީހުން އަތުލައިގަތުމުގެ މަސައްކަތް ކުރާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ފުލުހުން ވަނީ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކާއި ތަހުގީގުކުރަމުންދާ މައްސަލަތަކުގެ ތަފާސް ހިސާބުތައް ހިއްސާކޮށްފައެވެ. އެގޮތުން 648 މައްސަލައެއް ފުލުހުން ތަހުގީގުކުރަމުން އަންނައިރު ދައުވާ ކުރުމަށް 335 މައްސަލައެއް ޕީޖީ އޮފީހަށް ފޮނުވާފައި ވެއެވެ. ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މަސްތުވާތެކެތި ބޭނުންކުރުމާއި މުއާމަލާތްކުރުމުގެ 53 މައްސަލައެއް ހިމެނެއެވެ.

Ad by Hajj Corporation
މީގެ އިތުރުން، މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ގެންގުޅުމާއި ބޭނުން ކުރުމުގެ މައްސަލަތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓުން 135 މައްސަލައެއް އަންނަނީ ތަހުގީގުކުރަމުންނެވެ. ފުލުހުން ބުނީ ދައުވާ އުފުލުމަށް ފޮނުވާފައިނުވާ ގިނަ މައްސަލަތަކަކީ އެމީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކުރުމުގެ ދައުވާ އުފުލުމަށް ހެއްކާއި ގަރީނާ ހުރިނަމަވެސް އެމީހުންގެ އިތުރު މައްސަލަތަކެއް ޑްރަގް ކޯޓުގައި ކުރިއަށްދާތީ އިތުރު މައްސަލަތައް ވެއްދުމުގެ އިހްތިސާސް ނެތް މައްސަލަތައް ކަމަށެވެ.


