އަންނަ އަހަރު ސައިބަރ ކުށްތައް ހުއްޓުވުމަށް ޚާއްސަ ޤާނޫނެއް ހަދަނީ
24 ޑިސެމްބަރު 2025 - 10:41

ރާއްޖޭގައި ސައިބަރ ކުށްތައް މަދުކުރުމަށްޓަކައި އަންނަ އަހަރު ސައިބަރ ސެކިއުރިޓީއާއި ގުޅޭ ޤާނޫނެއް އެކުލަވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ އޮންލައިން ޕްލެޓްފޯމްތަކުގައި ހިންގަމުންދާ ކުށްތައް ހުއްޓުވުމަށް ކުރިއަށް އޮތް އަހަރު ވަރަށް ގިނަ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި ސައިބަރ ކުށްތައް އިތުރުވުމުގެ މައްސަލަވެފައިވަނީ އާންމުންގެ ކަންބޮޑުވުމާއި ގުޅިފައިވާކަމަކަށެވެ. އެގޮތުން އެކި ބާވަތުގެ ސްކޭމްތަކުގައި ގިނަ ޢަދަދެއްގެ ފައިސާ ފޭރުމާއި، އޮންލައިން އެކި ޕްލެޓްފޯމްތަކުގައި ހަނގާކުރުމާއި ފޮށުމާއި އެނޫންވެސް ނޭދެވޭ އެތައް ޢަމަލެއް ހިންގަމުންދާކަމުގެ ޝަކުވާވަނީ ބޮޑުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޒުވާނުންނާއެކު ކުރިއަށްގެންދެވި "ކޮފީ ވިތް ޕްރެޒިޑެންޓް"ގައި ޒުވާނުންވަނީ މިކަންބޮޑުވުން ހިއްސާކުރައްވާފައެވެ.

Ad by Hajj Corporation
ރައީސް ވިދާޅުވީ، ސައިބަރ ކުށް މަދުކުރުމަށްޓަކައި އަންނަ އަހަރު މުހިއްމު ގިނަ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އަންނަ އަހަރު އެކަމަށް ޚާއްސަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ސައިބަރ ސެކިއުރިޓީއާ ގުޅޭގޮތުން ޤާނޫނީގޮތުންވެސް މާބޮޑުވެސް ރައްކާތެރިކަމެއް އަދި ނެތެވެ.
ރައީސް ވިދާޅުވީ މިދިޔަ އަހަރު ޤާއިމުކުރެވުނު ނޭޝަނަލް ސަރިބަރ ސެކިއުރިޓީ އޭޖެންސީ އެންމެ ރަނގަޅަށް ހިންގައިގަންނާނީ މިޤާނޫނު ވުޖޫދުކުރެވުމުންކަމަށެވެ. ސައިބަރ އިންސިޑެންޓް ރެސްޕޮންސް ޓީމެއް ޤާއިމުކުރުން އަދި ސައިބަރ ކްރައިމްއާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް މީހުން ބިނާކުރުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.


