ޤައުމީ އަންހެން ވޮލީ ޓީމަށް ރައީސް މަރުހަބާ ދަންނަވައިފި
25 ޑިސެމްބަރު 2025 - 10:56

މިހާރު ކުރިއަށްދާ ވިމެންސް ކާވާ ކަޕު 2025ގެ, ސެމީ ފައިނަލް މެޗުގައި ބަންގްލަދޭޝް ބަލިކޮށް ދިވެހިރާއްޖޭން ފައިނަލަށް ދަތުރުކުރުމާ ގުޅީގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޤައުމީ އަންހެން ވޮލީ ޓީމަށް މަރުހަބާ ދަންނަވައިފިއެވެ.
ލީގު ބުރުގެ ތިން މެޗުން ވެސް ބަލިވެ، ފުލަށް ދިޔަ ބަންގްލަދޭޝާއެކު، ތާވަލުގެ އެއްވަނައިގައި އޮތް ދިވެހިރާއްޖެ ކުޅުނު ސެމީ ފައިނަލް މެޗް ރާއްޖޭން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

Ad by Hajj Corporation
މި ކާމިޔާބީއާ ގުޅިގެން ދިވެހިރާއްޖޭގެ ޤައުމީ އަންހެން ވޮލީބޯޅަ ޓީމަށް މަރުހަބާ ދަންނަވައި ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ އަންހެން ވޮލީބޯޅަ ޓީމު، ކާވާ ކަޕް 2025 ގައި މޮޅު ކުޅުމެއް ދައްކައި، މުބާރާތުގެ ފައިނަލަށް ދަތުރުކުރުމަކީ ވަރަށް ބޮޑު ފަޚުރެއްކަމަށެވެ.
އެއާއެކު މިރޭ އޮންނަ ފައިނަލްމެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ދިވެހީންނަށް ލިބުމަކީ ހުރިހާ ދިވެހީންގެވެސް އުންމީދުކަމަށް ވިދާޅުވެ ރައީސް ވަނީ ދިވެހި ރައްޔިތުން ދިވެހި ޤައުމީ ޓީމާއެކު ތިބިކަމުގެ ޔަގީންކަން ދެއްވާފައެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި, ދިވެހިރާއްޖޭން ވަނީ ތިން ސެޓުގައިވެސް އާދަޔާ ޚިލާފު މޮޅު ކުޅުމެއް ދައްކާފައެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރި މަތީގައި ގައުމީ ޓީމުން ކުޅުނުއިރު މެޗުގައި ފެނިގެންދިޔައީ ޒުވާން ކުޅުންތެރިންގެ ހުނަރުވެރިކަމެވެ.
ރާއްޖެއިން ސެޓުތައް ގެންދިޔައީ، 25-17، 25-12 އަދި 25-12ގެ ނަތީޖާ އަކުންނެވެ.
މިމެޗުގައި ޒުވާން އައު ކުޅުންތެރިންނަށް ފުރުސަތު ދިންކަން ފާހަަގަކޮށްލަންޖެހެއެވެ.
މިމެޗުގައި ބެންޗުގައި ތިބި ހުރިހާ ކުޅުންތެރިންނަށްވެސް ކުޅުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ކޯޗު ވަނީ ފަހިކޮށްދީފައެވެ.
ކޯޗު މުހައްމަދު ނަދީމް (ނަދީމްބެ)ގެ އިރުޝާދުގެ ދަށުން ކުޅޭ ގައުމީ އަންހެން ވޮލީ ޓީމުން މެޗަކަށް ފަހު މެޗެއް ކުޅުން ރަނގަޅު ކުރަމުން އައިއިރު ރާއްޖެއަށް ދެން އޮތީ ރަން މެޑައްޔަށް ކުރާ އުންމީދު ހަގީގަތަކަށް ހެދުމެކެވެ.


