މަޤާމުތައް އަދާކުރާ ރިޓަޔާޑް ފުލުހުންނަށް ޢިނާޔަތް ދިނުން ހުއްޓާލައިފި
25 ޑިސެމްބަރު 2025 - 11:12

ފުލުހުންގެ ވަޒީފާއިން ރިޓަޔަރ ކުރުމަށްފަހު އެހެން މަޤާމަކަށް އައްޔަން ކުރާ ނުވަތަ އިންތިޚާބުވާ މީހުންނަށް ފުލުހުންގެ ރިޓަޔަމަންޓް އެލަވަންސް ނުލިބޭ ގޮތަށް ހަދައިފިއެވެ.
ސަރުކާރުގެ އިސް މަޤާމުތަކަށް ރިޓަޔަރޑް ބޭފުޅުން އައްޔަނުކުރާ ހިސާބުން އެބޭފުޅުން އެ މަޤާމުގައި ހޭދަކުރާ މުއްދަތަށް ރިޓަޔަމެންޓް އިނާޔަތް ނުލިބޭގޮތަށް ހެދުމަށް ކަމާގުޅޭ މުއައްސަސާތަކަށް އަންގަވާފައިވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވީ ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުއެވެ.

Ad by Hajj Corporation
ރައީސް ވިދާޅުވީ ރިޓަޔަރޑް ބޭފުޅުން އިސް މަޤާމުތަކަށް އައްޔަންކުރައްވަނީ އެބޭފުޅުންނަކީ އަޚުލާޤީ ގޮތުން ރަނގަޅު، އިންޓެގްރިޓީ ހުރި، ހިންގުންތެރި އަދި ޤާބިލު ބޭފުޅުން ކަމަށްވާތީ ކަމަށާއި، ސަރުކާރަކީ ޤާބިލު، ހިންގުންތެރި، ފަސްބައި ސާފު، ނަޒާހަތްތެރި ސަރުކާރަކަށް ހެދުމުގެ މަޤްސަދުގައި ކަމަށެވެ.
ނަމަވެސް ރިޓަޔަރޑް ބޭފުޅުން މަގާމުތަކަށް އައްޔަންކުރުމުން، އެލަވަންސާއި މުސާރަ ދޭންޖެހި ޚަރަދު ބޮޑުވާ މައްސަލަ ރައްޔިތުންގެ ފަރާތުން ހުށަހެޅެމުންދާކަމަށާއި އެކަމަށް ހައްލެއް ގެނައުމަށް ސަރުކާރުގެ އައްޔަންކުރާ އެއްވެސް މަޤާމަކަށް ނުވަތަ އިންތިޚާބީ މަޤާމަކަށް ރިޓަޔަރޑް ބޭފުޅަކު އައްޔަންވެއްޖެނަމަ ނުވަތަ އިންތިޚާބުވެއްޖެނަމަ، އެ މަޤާމުގައި ހޭދަކުރާ މުއްދަތަށް ރިޓަޔަމެންޓް އެލަވަންސް މެދުކެނޑޭނެނެކަމަށާއި ޑަބަލް އިނާޔަތް އެބޭފުޅުންނަށް ނުލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ. ފުލުހުންނާއި ސިފައިންނާއި އަދި ސިވިލް ސާވިސް ކޮމިޗަނުން މިހާރުވެސް އެބޭފުޅުންގެ ގަވާއިދުތައް މިގޮތަށް ބަދަލުކުރައްވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
ފުލުހުންގެ ރިޓަޔާމަންޓް ޤަވާއިދަށް ގެނެސްފައިވާ އިސްލާޙުގައި ވަނީ، ރިޓަޔަރކުރުމަށްފަހު، މަހުންމަހަށް ދޭ އިނާޔަތް ލިބޭ ފަރާތެއް ދައުލަތުގެ މަގާމަކަށް އިންތިޚާބުވެއްޖެ ނަމަ ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާއަކަށް އައިސްޖެ ނަމަ، އެ މަގާމުގައި ނުވަތަ އެ ވަޒީފާގައި ދެމިހުންނަ މުއްދަތުގައި އެ ފަރާތަކަށް ލިބެމުންދިޔަ ރިޓަޔަރމަންޓް އިނާޔަތް ދިނުން އެ މުއްދަތަށް މެދުކަނޑައިލަންވާނެކަމަށެވެ. އަދި މިގޮތުން މެދުކަނޑައިލުމަށްފަހު ރިޓަޔަރމަންޓުގެ އިނާޔަތުގެ ގޮތުގައި މަހުންމަހަށް ފައިސާ އަލުން ލިބިދެވޭނީ، ރިޓަޔަރވުމަށްފަހު އަދާކުރަން ފެށި ދައުލަތުގެ ނުވަތަ ސަރުކާރުގެ ވަޒީފާއިން ވަކިވާ މަހާ ޖެހިގެން އަންނަ މަހުން ފެށިގެންކަމަށް ވަނީ ބަޔާންކޮށްފައެވެ.
އަދި ރިޓަޔަރވުމަށްފަހު އަލުން އަދާކުރަން ފެށި ދައުލަތުގެ އިންތިޚާބީ މަގާމު ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާ އަދާކުރަން ފަށައިފައިވާކަން ފުލުހުންގެ ޚިދުމަތަށް ލިޔުމުން އަންގަންވާނެކަމަށްވެސް ބުނެފައިވެއެވެ.
އަންގަންޖެހޭ އެންގުން ނާންގައި އޮތުމުގެ ސަބަބުން އެފަދަ ވަޒީފާއެއްގައި ހުރި މުއްދަތުގައި އެ ފަރާތަކަށް ރިޓަޔަރމަންޓް އިނާޔަތުގެ ފައިސާ ދޫކުރެވިއްޖެ ނަމަ، ދިވެހި ފުލުހުންގެ ޚިދުމަތުން އަންގާ ގޮތެއްގެ މަތީން ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް އެ ފައިސާ އަނބުރާ ދައްކަންވާނެކަމަށާއި މި ގަވާއިދުގައިވާ ގޮތުގެ މަތީން ދިވެހި ފުލުހުންގެ ޚިދުމަތުން ރިޓަޔަރވެފައިވާ ފަރާތެއް ދައުލަތުގެ އިންތިޚާބީ މަގާމަކަށް ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ކުންފުންޏެއްގެ ވަޒީފާއަކަށް އެނބުރި އައުމަށްފަހު، އެފަދަ ފަރާތަކަށް އައު ވަޒީފާއިން ވަކިވާއިރު އިތުރު ނުވަތަ އެހެން ރިޓަޔަރމަންޓް ޕެކޭޖެއް ހަމަޖައްސައިދޭ ނަމަ، ރިޓަޔަރވި ފަރާތުން ހަމަޖައްސައިދޭ ރިޓަޔަމަންޓް އިނާޔަތް ނުވަތަ އައު ވަޒީފާއިން ލިބޭ ރިޓަޔަރމަންޓް އިނާޔަތް އިޚުތިޔާރުކުރަންވާނެކަމަށާއި އަދި އެ ފަރާތުން އައު ވަޒީފާއިން ލިބޭ ރިޓަޔަރމަންޓް އިޚުތިޔާރުކޮށްފި ނަމަ، ރިޓަޔަރމަންޓް އެ ފަރާތަކަށް ނުލިބޭނެކަމަށް ފުލުހުންގެ ރިޓަޔާމަންޓް ޤަވާއިދުގައިވެއެވެ.
ރިޓަޔަރކޮށްފައިވާ ފަރާތަކަށް ލިބެމުންދިޔަ ރިޓަޔަރމަންޓް އިނާޔަތް ދިނުން، މެދުކަނޑައިލުމާ ގުޅޭ އުސޫލު، މި އިސްލާޙަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރިޓަޔަރކޮށްފައިވާ ފަރާތްތަކުގެ މައްޗަށް ވެސް ހިނގާނެކަމަށް ފުލުހުންގެ ހިދުމަތުން ވަނީ ބުނެފައެވެ.


