ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން 8.5 މިލިއަން ރުފިޔާ ހޯދައިފި
25 ޑިސެމްބަރު 2025 - 11:17

ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން 8.5 މިލިއަން ރުފިޔާ އަނބުރާ ހޯދާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
އެންޓިސްކޭމް ސެންޓަރުން ހިއްސާކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް އެންޓި ސްކޭމް ސެންޓަރުން ޖުމުލަ 1,663 މައްސަލަ ބަލާފައިވެއެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 8.5 މިލިއަން ރުފިޔާ ވަނީ އަނބުރާ ހޯދިފައެވެ. މީގެ ތެރެއިން 539 މައްސަލައެއްގައި ގެއްލުނު ހުރިހާ ފައިސާއެއް އަނބުރާ ހޯދިފައިވާއިރު 143 މައްސަލައެއްގައި ގެއްލުނު ފައިސާގެ އެއްބައި ވަނީ ހޯދާފައެވެ.

Ad by Hajj Corporation
މި މުއްދަތުގެ ތެރޭގައި އެޅުނު ގާނޫނީ ފިޔަވަޅުތަކުގެ ތެރޭގައި ކޯޓު އަމުރުގެ ދަށުން 754 އެކައުންޓު ފްރީޒްކުރުމާއި، 48 ގަޑިއިރުގެ ތެރޭގައި 2,946 އެކައުންޓު ފްރީޒްކުރުމާއި، 72 ވަސީލަތް (ޑިވައިސް) ހިފެހެއްޓުމާއި، 18 ސަރޗް އެންޑް ސީޒް އޮޕަރޭޝަން ހިންގާފައިވެއެވެ. އަދި 14 މީހުން ހައްޔަރުކޮށްފައިވާއިރު ސްކޭމާ ގުޅުންހުރި 54 ލިންކު ނައްތާލައި، 727 ޑިވައިސް ބްލެކްލިސްޓްކޮށް އަދި 237 ސިމްކާޑު ބްލޮކްކޮށްފައިވެއެވެ.
ސްކޭމް ހިންގާ ގޮތާއި އޭގެ ބާވަތްތަކަށް ބަލާއިރު ގިނަ ސްކޭމްތައް ހިންގާފައިވަނީ ފޭސްބުކް މާކެޓްޕްލޭސް، ވައިބަރ، ޓެލެގްރާމް، އައިބޭ، ވަޓްސްއެޕް، އިންސްޓަގްރާމް އަދި ފޯންކޯލް ފަދަ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށްގެން ކަމަށް މި ބައްދަލުގައި ފާހަގަކޮށްފައިވެއެވެ. އަދި އެންމެ އާންމު ސްކޭމްގެ ބާވަތްތަކުގެ ތެރޭގައި އީ-ކޮމާސް، ކަރަންސީ އެކްސްޗޭންޖް އަދި އިންޕަރސޮނޭޝަން ސްކޭމްގެ އިތުރުން ވިޝިންގ، އަންއޮތޮރައިޒްޑް ޓްރާންޒެކްޝަންސް، އިންވެސްޓްމަންޓް ސްކޭމް، ފިޝިންގ، ޖޮބް އޮފަރ ސްކޭމް އަދި ބިޒްނަސް އީމެއިލް ކޮމްޕްރޮމައިޒް ހިމެނޭކަަން ފާހަގަކޮށްފައިވެއެވެ.
މި ބައްދަލުވުމުގައި ސައިބަރ ކްރައިމް ސެންޓަރުން ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު 2024 ވަނަ އަހަރާއި މި އަހަރާ އަޅާބަލާއިރު ސައިބަރ ކްރައިމްގެ މައްސަލަތައް މި އަހަރު 90.2 އިންސައްތަ އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. އަދި މިވަގުތު ތަހުގީގު ކުރެވެމުންދާ މައްސަލަތަކުގެ އަދަދު 2024 ވަނަ އަހަރާ އަޅާބަލާއިރު ވަނީ އިތުރުވެފައެވެ. އަދި ކޮންފެޝަން ޕޭޖްތަކާ ގުޅިގެން ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި ބަރަހަނާ މަންޒަރު މެދުވެރިކޮށް ބިރު ދެއްކުމާއި، ބްލެކްމެއިލް ކުރުމާއި، ޑިފެމޭޝަން އަދި ސައިބަރ ބުލީކުރުމުގެ މައްސަލަތައް ހިމެނެއެވެ. ސައިބަރ ހާދިސާތަކާ ގުޅިގެން 1095 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. ސޯޝަލް މީޑިއާ އަދި މޯބައިލް ފޯން ހެކް ކުރުމުގެ 71 މައްސަލަ ހުށަހެޅިފައިވެއެވެ. މިގޮތުން 3 އެކައުންޓް ސީޒްކުރެވި، 19 އެކައުންޓް ޓޭކްޑައުން ކުރެވިފައިވާއިރު، 30 މައްސަލަ މިވަގުތު ތަހުގީގު ކުރެވެމުންދެއެވެ.
އެންޓި ސްކޭމް ސެންޓަރާއި ސައިބަރ ކްރައިމް ސެންޓަރުން ބައިނަލްއަގުވާމީ ގުޅުންތައް ބޭނުންކޮށްގެން ވެސް ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައިވާކަން މި ބައްދަލުވުމުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ވެސް. އެންޓި ސްކޭމް ސެންޓަރާއި ސައިބަރ ކްރައިމް ސެންޓަރުން މި އަހަރުގެ މިހާތަނަށް ކޮށްފައިވާ އެހެނިހެން މަސައްކަތްތަކުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.


