ހުކުރު ނަމާދަށް ތިއްބާ ސީރިއާގެ މިސްކިތަކަށް ބޮމުގެ ހަމަލާއެއް ދީފި
27 ޑިސެމްބަރު 2025 - 02:15

ސޫރިޔާ ނުވަތަ ސީރިޔާގެ ހޯމްސްގައި ހުންނަ އިމާމް އަލީ ބިން އަބީ ތާލިބް މިސްކިތުގައި ހުކުރު ނަމާދުގެ ވަގުތުގައި ދިން ބޮމުގެ ހަމަލާއެއްގައި މަދުވެގެން އަށް މީހުން މަރުވެ، 21 މީހުން ޒަޚަމްވެފައިވާ ކަމަށް ފުރަތަމަ ލިބުނު ރިޕޯޓްތަކުން އެނގިއްޖެއެވެ.
މި ހާދިސާ ހިނގުމާއެކު އެމްބިއުލާންސްތަކުގައި އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ އެ ސަރަހައްދު ބަންދުކޮށްފައެވެ.

Ad by Hajj Corporation
ސޯޝަލް މީޑިއާގައި ދައުރުވާ މައުލޫމާތުތަކުން މި ހަމަލާގެ ޒިންމާ ހަރުކަށި ފިކުރުގެ އަންސާރުލް ސުންނާ ޖަމާއަތުގެ ބޮލުގައި އެޅުވި ނަމަވެސް، ރަސްމީ އެއްވެސް އިދާރާއަކުން އެކަން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ. އެ ޖަމާއަތުން މީގެ ކުރިން ވަނީ ހޯމްސް އާއި ތަރްތޫސް އަދި ލަޓާކިއާގެ ޝީޢީން ގިނަ ސަރަހައްދުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ.
ލޯކަލް މަސްދަރުތަކުން ޔޫރޯ ނިއުސްއަށް މައުލޫމާތު ދީފައިވާ ގޮތުގައި، ސަލާމަތީ ބާރުތަކުން ވަނީ އެ ސަރަހައްދު ވަށާލައި، މީހުން ހުސްކުރުމަށްފަހު ތަހުގީގެއް ފަށާފައެވެ. އަދި ގޮވުން ހިނގި ސަރަހައްދަށް ދާ ބައެއް މަގުތައް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. މި ހަމަލާ ދީފައިވަނީ ކްރިސްމަސް ފާހަގަކުރުމާ ގުޅިގެން ސޫރިޔާގެ ސިފައިން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރިތާ އެއްދުވަސް ފަހުންނެވެ.
ނޮވެމްބަރު މަހުގެ ފަހުކޮޅު ހޯމްސްގައި މަޝްހޫރު ބެދޫއިން ގަބީލާއެއްގެ ދެމަފިރިއަކު މަރާލުމާ ގުޅިގެން، ސޫރިޔާގެ ތިންވަނައަށް އެންމެ ބޮޑު ސިޓީގައި ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ. ސޫރިޔާގެ ރަސްމީ ނިއުސް އެޖެންސީ ސަނާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ދެމަފިރިންގެ ހަށިގަނޑު ފެނުނީ ހޯމްސްގެ ދެކުނުގައި ހުންނަ އެމީހުންގެ ގޭގެ ތެރެއިންނެވެ. އަންހެން މީހާގެ ހަށިގަނޑުގައި އަންދާލާފައި ހުރި ނިޝާންތައް ހުރިއިރު، އެ ސަރަހައްދުން ހުތުރު ބަސްތައް ލިޔެފައިވާ ލިޔުންތަކެއް ވެސް ވަނީ ފެނިފައެވެ.
މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ ސަލާމަތީ ބާރުތައް ނެރެ، ކާފިއު އިއުލާންކޮށް، އެންމެހާ ފަރާތްތަކުން ކެތްތެރިކަން އިސްކުރުމަށް އިލްތިމާސްކޮށްފައެވެ. ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކަކާ ގުޅިގެން އިއުލާންކުރި ކާފިއުއަށްފަހު ހަމަނުޖެހުންތައް ކޮންމެވެސް ވަރަކަށް މައިތިރިވެފައި ވަނިކޮށް، މި ބޮމުގެ ހަމަލާއާއެކު އަނެއްކާވެސް ވަނީ ބިރުވެރިކަން އުފެދިފައެވެ.


