އިޒާމް އަމިއްލައަށްފުލުހުންގެ ކަސްޓޯޑިއަލްއަށް ހާޒިރުވެއްޖެ
27 ޑިސެމްބަރު 2025 - 10:36

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އަމުރުކުރުމުން ނުވަ ފަހަރަށް އިއުލާންކޮށްގެން ވެސް ނުހޯދުނު އިޒާމް ޒާހިރް މިއަދު އަމިއްލައަށް ފުލުހުންގެ ކަސްޓޯޑިއަލްއަށް ހާޒިރުވެއްޖެއެވެ.
އިއްޔެ ފުލުހުން ބުނި ގޮތުގައި ކޯޓަށް ހާޒިރުކުރުމަށް ހޯދަމުންދިޔައީ އިޒާމް ޒާހިރުު، ސަބާހާމަންޒިލް، ގދ. ވާދޫ އެވެ. އޭނާ ހޯދުމަށް ފުލުހުން އެންމެ ފުރަތަމަ އިއުލާނުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.

Ad by Hajj Corporation
އޭނާ ހޯދަމުންދިޔައީ ރޭޕްގެ މައްސަލައަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތަކަށެވެ.
މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ،އިޒާމް ޒާހިރު މިއަދު އަމިއްލައަށް ފުލުހުންގެ ކަސްޓޯޑިއަލްއަށް ހާޒިރުވުމުން އޭނާ ހައްޔަރު ކޮށްފައިވާކަމަށެވެ.
އިއްޔެއާ ހަމައަށް އޭނާ ހޯދުމަށް ނުވަ ފަހަރެއްގެ މަތިން އިއުލާން ކުރި ނަމަވެސް ފުލުހުންނަށް އޭނާ ނުފެނި ހުރެ ބަންދުވުމަށް ހާޒިރުވީ އަމިއްލައަށެވެ. އޭނާ މި ފެނުނީ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުންނެވެ.
އިޒާމް ޒާހިރު ހައްޔަރުކޮށްފައިވަނީ ބަންދުގައި ބަހައްޓައިގެން 2025 ޑިސެންބަރު 30 ވަނަ ދުވަހު ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރު ތަންފީޒުކުރުމަށެވެ.


