އޮޕަރޭޝަން ރިވެލި: ބަނގުރާ ކައްކައި, ވިއްކަމުންދިޔަ ތަނަކުން ދެ ބިދޭސީން ހައްޔަރުކޮށްފި
27 ޑިސެމްބަރު 2025 - 08:56

އޮޕަރޭޝަން “ ރިވެލި” ގެ ދަށުން ފުލުހުން ކުރަމުންދިޔަ މަސައްކަތުގައި، ބަނގުރާ ކައްކައި، ވިއްކަމުން ދިޔަ ތަނަކުން ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އައު އަހަރާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން “ ރިވެލި” ގެ ދަށުން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގައި ބަނގުރާ ކައްކައި، ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ތަނެއް ބަލައި ފާސްކޮށް ދެ ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އިންޑިޔާ ދެމީހުންނެވެ. އެއީ 22 އަހަރުގެ މޮހަންދާސް ރަޖެންދިރަން އާއި 41 އަހަރުގެ ބަލަސުބްރަމަނިޔަން ސެލަމް އެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ޑިސެންބަރު 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ބަލައިފާސްކުރުމުގެ ތެރެއިންނެވެ.
މި ގެ ބަލައިފާސްކުރިއިރު އެގޭގެ 3 ފަންގިފިލާ އިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއި ބަނގުރާ ފެނިފައިވާ ކަމަށާއި މި ގެއަކީ އެމީހުން ކުއްޔަށް ނަގައިގެން އުޅެމުންދާ ގެއެއްކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވިއެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވާ 2 މީހުން ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ މިހާރު ވަނީ ހަވާލުކޮށްފައެވެ.
ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޗުއްޓީ ދުވަސްވަރާ ދިމާކޮށް ފުލުހުން ހިންގާ ސިލްސިލާ އޮޕަރޭޝަން "ރިވެލި" ފަށާފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ. މި އަހަރުގެ އޮޕަރޭޝަން މާލެ ސަރަހައްދުގެ އިތުރުން، ކައިރި ރަށްތަކާއި ރިސޯޓުތަކުގައިވެސް ކުރިއަށްދާނެއެވެ.
ޗުއްޓީ ދުވަސްވަރަކީ އެކި ކަންކަމަށް މާލެއިން މީހުން އެކި ތަންތަނަކަށް ދަތުރުކުރާ، އަދި މާލެއަށްވެސް ގިނަ ބަޔަކު ދަތުުރުކުރާ ދުވަސްވަރަކަށްވާތީ ފުރައިގެންދާއިރު، އަގުބޮޑު ތަކެތި ގޭގައި ނުބެހެއްޓުމާއި، ގޯތި ގެދޮރުގެ ރައްކާތެރިކަމަށް ފިޔަވަޅު އަޅާފައިވޭތޯ ޔަގީންކުރުމާއި ގެ ބެލެހެއްޓުމަށް އިތުބާރުކުރެވޭ މީހަކާ ހަވާލުކުރުމަށް ފުލުހުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.


