ޗޮކްލެޓް ސިރަޕް ފުޅިތަކުގައި ރާއްޖެ އަށް ޑްރަގް އެތެރެކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި
27 ޑިސެމްބަރު 2025 - 02:05

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދުކޮށްގެން ރާއްޖެ އަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލާގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ހުކުރު ދުވަހުގެ ރޭ ބުނެފި އެވެ.

Ad by Hajj Corporation
މި މައްސަލައަކީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލައެކެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މި މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ހައްޔަރުކުރި މީހާއާއި ގުޅޭ އިތުރު މައުލޫމާތެއް ނުދެއެވެ.
"މައްސަލައާ ގުޅުން ހުރި އިތުރު މައުލޫމާތު ފަހުން ހިއްސާ ކުރާނެ ވާހަކަ ދަންނަވަން" ފުލުހުން ބުނެފައިވެއެވެ.
ކަސްޓަމްސް އިން ބުރާސްފަތި ދުވަހުގެ ރޭ އަތުލައިގަތް މި ތަކެއްޗަކީ ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދުކޮށްގެން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް އެވެ. އެ އިދާރާ އިން ބުނި ގޮތުގައި، ޝައްކު ކުރެވިގެން އެ ފުޅިތައް ސްކޭންކޮށް، ފުރަތަމަ މަރުހަލާގައި ޓެސްޓުކުރިއިރު ވަނީ ހަޝިޝް އޮއިލް އަށް ޕޮޒިޓިވް ވެފައެވެ.
މި މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން މަސައްކަތް ކޮށްފައިވަނީ ޖުމްލަ 10 ފޮށިގަނޑެއްގައި ބަންދުކޮށްގެންނެވެ. ކަސްޓަމްސް އިން އެ ތަކެތި ޓެސްޓު ކުރަމުންދިޔަ މަންޒަރުތައް ރޭގެ ވަގުތެއްގައި ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ވަނީ ވަގުތުން ދައްކާފައެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، މިއީ ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އަތުލައިގަނެވުނު ތަކެއްޗެވެ.


