ކޯޓަށް ހާޒިރުކުރުމަށް މަންޑޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
27 ޑިސެމްބަރު 2025 - 01:58

ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގިކަމުގެ ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް ކުރާ ދައުވާތަކުގެ ހުކުމް އިއްވުމުގެ ޝަރީއަތަށް އޭނާ ބަންދުކޮށްގެން ހާޒިރު ކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ފުލުހުން މިކަން ހާމަކޮށްފައިވަނީ ހުކުރު ދުވަހުގެ ރޭގައެވެ.
ފުލުހުންގެ ބަންދުގައި ބަހައްޓައިގެން މިއަދުގެ މެންދުރު ދޭއް ޖަހަންވާއިރަށް މަންޑޭ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް އެ ކޯޓުން ނެރުނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޝަރީއަތަށް އޭނާ ހާޒިރުނުވުމާ ގުޅިގެންނެވެ. އެ ދުވަހުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ، "މާތް ﷲއަށްޓަކައި ވެސް ޝަރީއަތް ފަސްކުރަން" މަންޑޭގެ ފަރާތުން އެދިފައިވާ ކަމަށާއި، ނަމަވެސް ޝަރީއަތް އޮންނާނެކަން އޭނާއަށް ކުރިން އަންގާފައިވާނެ ކަމަށެވެ.

Ad by Hajj Corporation
މަންޑޭ ކޯޓަށް ހާޒިރުނުވުމާ ގުޅިގެން ގާޒީ ވިދާޅުވީ، އެހެން މީހުންނާ މެދުވެސް އަމަލުކުރާ އުސޫލުން މަންޑޭއާ މެދު އަމަލުކުރައްވާނެ ކަމަށެވެ.
ކޭ ޕާކް މަޝްރޫއުގެ ހިއްސާދާރެއްގެ ގޮތުގައި ހުރި މަންޑޭގެ މައްޗަށް ފްލެޓް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި މައްސަލާގައި 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން އުފުލާފައިވެ އެވެ.
މި މައްސަލާގައި މަންޑޭގެ އިތުރުން ރ. އަލިފުށީ ކިނާރާ ޖައިޝާން ސައީދުގެ މައްޗަށް 95 ދައުވާއެއް ކޮށްފައިވެ އެވެ. މީގެ ތެރެއިން އޮޅުވާލުމުގެ އެއް ދައުވާ ޖައިޝާންގެ މައްޗަށް ސާބިތުވާ ކަމަށް ގާޒީ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ނިންމަވައިފަ އެވެ. އެ ދައުވާއާ ގުޅިގެން ޖަލު އަދަބެއް އަންނާނެ ކަމަށް ބެލެވޭތީ، މައްސަލަ ނިމެންދެން ޖައިޝާން ބަންދުކުރުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މަންޑޭ ކޯޓަށް ހާޒިރު ނުވެގެން ހުކުމް އިއްވުން ފަސްކުރަން ޖެހިފައިވާއިރު، މީގެ ކުރިން މިދިޔަ ޖޫން މަހު ވެސް އޭނާ ކޯޓަށް ހާޒިރު ނުވާތީ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރި އެވެ. ނަމަވެސް ފަހުން ކޯޓުން އޭނާ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.


