ނިއުރޭޑިއަންޓް - ޒަޚަމްތަކުން ސަލާމަތްވެ، ބިޔަބޮޑު ބާޒު އެންމެ މައްޗައް އުދުހިގަންނަން ތައްޔާރުވެފައި
1 ޖެނުއަރީ 2026 - 12:40

2025 ވަނަ އަހަރު ނިމުނީ ކުޅިވަރުގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައެވެ. އެގޮތުން އެންމެ ފާހަގަކުރެވޭ އެއްކަމަކީ ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބްތަކުގެ ތެރޭގައި ހިމެނޭ އަދި އެންމެ ސަޕޯޓަރުން ވެސް ގިނަ ކްލަބުކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ދިވެހި ޕްރިމިއަ ލީގުން ޖާގަ ލިބިގެންދިޔަ ހަބަރެވެ.
ކުޅުންތެރިންނަށް މުސާރަ ނުދިނުމުގެ ތުހުމަތުގައި 2019ގައި އެއްވަނަ ޑިވިޒަނުން ރެލިގޭޓްކުރި ރާއްޖޭގައި މިހާތަނަށް އުފެދުނު ކުޅިވަރުގެ އެންމެ ކާމިޔާބު ކްލަބަށް 6 އަހަރަށްފަހު އަލުން ފުރުސަތު ފަހިވެގެންދިއުމަކީ ހަމަގައިމުވެސް ދިވެހި ފުޓުބޯޅައަށް ލިބިގެންދިޔަ އިތުރު ދިރުމެކެވެ. 2019 ވަނަ އަހަރު ސަސްޕެންޑްކުރި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ސަސްޕެންޝަނުން ސަލާމަތްވެ، މީގެ ތިން އަހަރު ކުރިން އެނބުރި އައިސް ދެ ސީޒަނެއްގައި ދެ ވަނަ ޑިވިޝަނުގައި ވާދަކުރި އެވެ. އެކަމަކު، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާ ގޮތެއްނުވި އެވެ.

Ad by Hajj Corporation
ދެ ވަނަ ޑިވިޝަނުގެ ތިން ވަނަ ޓީމުގެ ގޮތުގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކުރަން އެފްއޭއެމް ހިންގާ ކޮމިޓީން ނިންމި ތާރީހީ ދުވަހަކީ 2025 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 31 ވަނަ ދުވަހުއެވެ.
ނިއު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކުރަން ނިންމީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، ދިވެހި ޕްރިމިއާ ލީގުން ވަކިވާން ނިންމިކަން އެފްއޭއެމްއަށް އެންގުމާ ގުޅިގެން ހުސްވި ޖާގައަށެވެ.
ނިއުރޭޑިއަންޓްގެ ޗެއާމަން އަޙްމަދު މުބީން
އެފްއޭއެމް އިން ބޭއްވި ހިންގާ ކޮމިޓީގެ ބައްދަލުވުމަށް އެންމެ ފަހުން ދެވަނަ ޑިވިޝަނުގައި ސެމީ ކުޅުނު ނިއު އާއި ޓެންޓް ސްޕޯޓްސް އިން މުޅި މުބާރާތުގައި ނެރެފައިވާ ނަތީޖާތަކަށް ބަލައި، އެފްއޭއެމްގެ ކޮމްޕެޓިޝަން ކޮމިޓީން ސްޕޯޓިން ކްރައިޓީރިއާ އިން ވެސް ޔަގީންކުރުމަށް ފަހު، ކަނޑައެޅިފައިވަނީ ތިން ވަނަ ޓީމަކީ ނިއު ކަމަށެވެ. ނިއުއިން ސެމީއިން އެފަހަރު ބަލިވެފައިވަނީ 2-0 އިންނެވެ. އަދި ޓެންޓް ސްޕޯޓްސް ކުލަބު ސެމީއިން ބަލިވީ 5-1 އިންނެވެ. މީގެ އިތުރުންވެސް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޓެންޓާއި ނިއު ވާދަކުރި މެޗު ކާމިޔާބުކުރީ ނިއުރޭޑިއަންޓުންނެވެ. އަދި ޓެންޓް އާއި އެއް ގްރޫޕެއްގައި އޮވެ، ގްރޫޕްގައި ކުރީ ހޯދީވެސް ނިއުރޭޑިއަންޓުންނެވެ. މިހުރިހާ ކަމަކަށް ބަލައި އެފްއޭއެމް އިން ނިންމާފައިވަނީ ދެވަނަ ޑިވިޝަނުގެ ތިންވަނައަށް އެންމެ ރަނގަޅު ޓީމަކީ ނިއުރޭޑިއަންޓް ކަމެވެ.
ދިވެހި ޕްރިމިއާ ލީގު 2025/26 ގެ ގަވާއިދުގެ 12.2 ގައިވާ ގޮތުން، ލީގަށް ކޮލިފައިވާ ޓީމެއް މުބާރާތުގެ ކުޅުން ފެށުމުގެ ކުރިން މުބާރާތުން ވަކިވެއްޖެނަމަ، ދެ ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރެވެ އެވެ. އަދި، މުބާރާތުން ވަކިވި ޓީމެއްގެ ޖާގަަ އަށް ދެ އެ ރީޖަނަލް ލީގުގެ އެންމެ ރަނގަޅު ނަތީޖާ ނެރުނު ޓީމަށް ފުރުސަތު ދިނުމާ މެދު އެފްއޭއެމް ހިންގާ ކޮމިޓީން ގޮތެއް ނިންމަންވާނެ އެވެ.
ނިއުގެ ތަޖުރިބާކާރު ކޯޗު އަލީ ސުޒެއިން
މާލީ ހާލަތު ހުރި ގޮތުން ފުރަތަމަ ޑިވިޝަނުގައި ވާދަކުރެވެން ނެތް ކަމަށް ސަސް އިން އެފްއޭއެމްއަށް ވަނީ އަންގާފައެވެ. އެފްއޭއެމް އިން ބުނެފައިވަނީ، ސަސްގެ މި ނިންމުމާ އެކު، އެ އެސޯސިއޭޝަންތަކުގެ މުބާރާތުގެ ގަވާއިދުގެ މަތިން ސަސްއާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އެ ގޮތުން، އެފްއޭއެމް ހިންގާ ކޮމިޓީން ނިންމާފައިވަނީ ސަސް، 200،000 ރުފިޔާ އިން ޖޫރިމަނާކޮށް، ތިން ވަނަ ޑިވިޝަނަށް ރެލިގޭޓް ކުރުމަށެެވެ.
ނިއު ވަރުގަދަކުރުމަށް މެނޭޖުމަންޓުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އެނބުރި ގަލޮޅު ދަނޑަށް އައިސް ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ 12 ވަނަ ހަފްތާގެ ކުޅުން ނިއު އިން ނިންމާލީ އެންމެ ފަހުން ކުޅުނު މެޗުގައި ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅޭ މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ ތިންވަނައިގައި އޮވެގެންނެވެ. މި މޮޅާއެކު ނިއުއަށް 12 މެޗުން 23 ޕޮއިންޓް ލިބިފައިވެއެވެ.
މިހާތަނަށް ރާއްޖެ ދުށް އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު ނިއުގެ ޖާރޒީގައި 3 އަހަރަށް ފަހު ފެނިލުން// ފޮޓޯ:ޕީއެސްއެމް
ރާއްޖޭގެ އެންމެ ކާމިޔާބު ފުޓުބޯޅަ ކްލަބް ކަމަށްވާ ނިއުރޭޑިއަންޓުން ވަނީ މިހާތަނަށް ރާއްޖޭގެ 48 މުބާރާތެއް ކާމިޔާބުކޮށް، 12 ފަހަރު އެފްއޭ ކަޕް އަދި 13 ފަހަރު ގައުމީ ތަށި ހޯދާފައެވެ. އަދި ދިވެހި ލީގު ޖެހިޖެހިގެން 3 ފަހަރު ކާމިޔާބުކޮށްފައިވާއިރު، އަންހެނުންގެ 2 މުބާރާތެއްގެ ތަށިވެސް ވަނީ ހޯދާފައެވެ.


