ވެނެޒުއެލާއަށް ދަތުރުކުރަމުން ދިޔަ ތެޔޮ ޓޭންކަރު ފަހަތުން އެމެރިކާއިން ނުދިޔުމަށް ރަޝިޔާއިން އެދެފި
2 ޖެނުއަރީ 2026 - 04:54

ވެނެޒުއެލާއާއެކު ތެލުގެ ވިޔަފާރިކުރާ ކަމަށް ބެލެވޭ ތެޔޮ ޓޭންކަރެއްގެ ފަހަތުން އެމެރިކާގެ ކޯސްޓު ގާޑު ދިއުން ހުއްޓާލުމަށް ރަޝިޔާއިން އެމެރިކާގައި އެދެފިއެވެ.
ބެލާ1 ގެ ނަން ދީފައިވާ މި އުޅަނދުގެ ފަހަތުން އެމެރިކާއިން ދަތުރުކުރަމުންދާތާ ދެ ހަފްތާއެއް ހާ ދުވަސް ވަނީ ވެފައެެވެ. އީރާނުން ފުރައިގެން ދަތުރުކުރަމުންދާ މި އުޅަނދަށް އެރުމަށް އެމެރިކާއިން އެންމެ ފުރަތަމަ މަސައްކަތްކޮށްފައިވާ ވަނީ ކެރީބިއަން ކަނޑުންނެވެ. އެއީ އެ އުޅަނދުގައި ވަކި ޤައުމެއްގެ ދިދަ ނުޖަހާ ދަތުރުކުރަމުން ދިއުމުންނެވެ. ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރާ ބެހޭ ޤާނޫނުގައި ބުނާ ގޮތުން ދިދަ ނުޖަހާ އުޅަނދެއް ދަތުރުކުރާ ނަމަ އެ އުޅަނދަކަށް ބޭރު ޤައުމުތަކުގެ އިދާރާތަކަށް އެރޭނެއެވެ. ނަމަވެސް އޭގެ ފަހުން އެ އުޅަނދުގައި ވަނީ ރަޝިޔާގެ ދިދަ ކުރަހާ، އެއީ ރަޝިޔާގެ ހިމާޔަތުގައި ދަތުރުކުރަމުންދާ އުޅަނދެއް ކަމަށް ބުނެފައެވެ.
ވެނެޒުއެލާއާ ދެކޮޅަށް އެމެރިކާއިން ވަނީ ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މިދިޔަ ހަފްތާގެ ތެރޭގައި އެމެރިކާއިން ވަނީ ވެނެޒުއެލާގެ ތެލާއި ހަކަތައާބެހޭ ދާއިރާގައި ޙަރަކާތްތެރިވާ ކަމަށް ބުނާ ހަތަރު ކުންފުންޏަކާއި އެ ކުންފުނިތަކާ ގުޅުންހުރި ތެޔޮ ޓޭންކަރުތަކާ ދެކޮޅަށް ވެސް ފިޔަވަޅު އަޅާފައެވެ. ފާއިތުވި ދުވަސްތަކުގައި ވެނެޒުއެލާއަށް ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށް އެމެރިކާއިން އަމާޒުކުރާ މިންވަރު ވަނީ އިތުރުވެފައެވެ.
ބެލާ 1ގެ މިސްރާބު ބަދަލުކޮށް، މިހާރު ދަނީ އެމެރިކާގެ ކޯސްޓު ގާޑުގެ އަތުގައި ނުޖެހިވޭތޯ މަސައްކަތް ކުރަމުންނެވެ. އެ އުޅަނދު މިވަގުތު ދަތުރުކުރަމުން ދަނީ އެޓްލާންޓިކް ކަނޑުގައެވެ. އެމެރިކާއިން އެ އުޅަނދުގެ ފަހަތުން ދިޔުން ހުއްޓާލުމަށް އެދިފައިވާ ރަޝިޔާއަކީ ވެނެޒުއެލާއާއެކު ގާތް ސިޔާސީ އަދި އިޤްތިޞާދީ ގުޅުމެއް ދަމަހައްޓާ ޤައުމެކެވެ. ވެނެޒުއެލާގެ ހަކަތައިގެ ދާއިރާއަށް އެމެރިކާއިން ފިޔަވަޅު އެޅުން ރަޝިޔާއިން މީގެ ކުރިން ވެސް ކުށްވެރިކޮށްފައިވެއެވެ.
ރަޝިޔާއިން ތެޔޮ ޓޭންކަރު ފަހަތުން ނުދިއުމަށް އެމެރިކާގައި އެދިފައި މި ވަނީ އެމެރިކާއާއި ރަޝިޔާއާ ދެމެދު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމާ ގުޅޭ މަޝްވަރާތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ.


