ޓީވީ ޕްރޮގްރާމްއެއްގައި ޒުވާން އަންހެން ކުއްޖަކު ދެއްކި ވާހަކައަކަށް ޖޯކު ޖެހުން، މިކުރެވެނީ ވެސް ހަމަ ގަނާ!
2 ޖެނުއަރީ 2026 - 11:26
.jpeg&w=1920&q=75)
މިހާރު މުޅި ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ، ރާއްޖޭގެ ޓިވީ ޕްރޮގްރާމެއްގެ ޓްރެއިލާގެ ތަންކޮޅެކެވެ. އެ ޓްރެއިލާއިން ފެންނަނީ ރާއްޖޭގެ ޒުވާން އިންފްލުއެންސަރއެއް އެ ޕްރޮގްރާމްއަށް ދީފައިވާ އިންޓަރވިއުއެއްގެ ތަންކޮޅެކެވެ.
ދައުރު ވަމުންދާ ޓްރެއިލާގައި އަންހެން ކުއްޖާ ބުނެދީފައިވަނީ، އޭނާ އަކީ މާލޭގައި އުޅެބޮޑުވި ކުއްޖެއް ކަމުން، ރާއްޖެތެރޭގެ މާހައުލު އޭނާ އަށް ކުޑަކޮށް ތަފާތު ކަމަށާއި، ރޭގަނޑުގެ ވަގުތުގައި ބިރުގަންނަ ކަމަށެވެ. ބެލެވޭ ގޮތުގައި ގިނަ ބައެއްގެ ފާޑު ކިޔުން އެ ކުއްޖާއަށް އަމާޒުވެގެންދިޔައީ، ދިވެހި ބަހާ އިނގިރޭސި ބަސް މަސްހުނި ކޮށްގެން ވާހަކަ ދެއްކުމާ، އެ ކުއްޖާ "މާލެ" މި ބަސް ކިޔާފައިވާ ގޮތުންނެވެ.

Ad by Hajj Corporation
މުޅި ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން ދަނީ އޭއައި މެދުވެރިކޮށް އަދި މި ނޫން ވެސް ގޮތްގޮތަށް އެ ކުއްޖާ އަށް މަލާމާތް ކުރާ ވީޑިއޯތަކެވެ. ޓިކްޓޮކްގައި މަޝްހޫރު "ކޮންޓެންޓް ކްރިއޭޓަރުންެ" ގެ އިތުރުން އެކިކަހަލަ ޕޭޖްތަކުން ވެސް ތަފާތު ގޮތްގޮތަށް ވީޑިއޯ ހަދާ ފާޅުގައި ގަނާ ކުރާ މަންޒަރެވެ.
މިކަން ކަމާ ދެކޮޅަށް އެއްޗެއްބުނެ ކުއްޖާ ދިފާއުކުރި ޕޭޖެއްވެސް އަދި މަޝްހޫރު "ކޮންޓެންޓް ކްރިއޭޓަރ" އެއްވެސް އަދިއެއް ނުފެނެއެވެ. ގަނާ ކުރުމުގައި އެންްމެ ކުރީ ސަފުގައި ތިބީ ވެސް މި ދެންނެވި މީހުންކަން ފާހަގަކުރެވެއެވެ. މިކަހަލަ ކަންކަމުގައި ގަނާކޮށް މަލާމާތް ކުރުމުގައި ރާއްޖެ އޮންނާނީ އަބަދުވެސް އެންމެ ކުރީގައެވެ.
މީގެ އަހަރެއް ހާ ދުވަސް ކުރިން ވެސް ހަމަ މިފަދައިން ޓިކްޓޮކްގައި ޒުވާން އަންހެން ކުއްޖަކަށް ޖޯކު ޖަހާ މުޅި ސޯޝަލް މީޑިއާގައި އެކުއްޖާގެ ވީޑިއޯތަށް ދައުރު ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. ޓިކްޓޮކް ލައިވްއެއްގައި އެ ކުއްޖާއަށް "ގަރުދިޔަ" ނުބައިކަމަށް ބުނެވުމުން އެ ކުއްޖާ ވެސް ވީ ބޮޑު ޖޯކަކަށްށެވެ. މިހާރު އެ ކުއްޖާވެސް ވަނީ ޓިކްޓޮކް ޕްލެޓް ފޯމާ އެއްކޮށްހެން ދުރަށް ގޮއްސައެވެ.
މިހާރު ދައުރު ވަމުންދާ ވީޑިއޯގައި އެ އަންހެން ކުއްޖާ ބުނެދީފައިވަނީ، އޭނައަށް ރާއްޖެތެރޭ މާހައުލު ބިރުވެރިކަމަށެވެ.އެއްވެސް ހާލެއްގައި ރާއްޖެތެރެއަށް ފާޑު ކިޔާ އެފަދަ އެއްޗެއް ބުނެފައެއް ނުވެއެވެ. އެ ކުއްޖާ ބުނި އެއްޗެއްގެ މާނަ އޮޅުވާލާ އެއަށް ޖޯކު ޖެހުމުން އެނގިގެންދަނީ، ދިވެހީން ތިބެނީ މީހަކަށް ގަނާކޮށް އާޑަފުރައްސާރަކުރާނެ ފުރުސަތެއް ނުލިބިފާކަމެވެ.
ރާއްޖޭގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި، ފާޅުގައި ގަނާކޮށް އާންމު އިޖްތިމާއީމިންގަނޑާ ހިލާފު މިފަދަ ބައިވަރު އަމަލު ތަކެއް ހިންގަމުންދާކަން ފާހަގަ ކޮށްލެވެއެވެ. ހާއްސަކޮށް ޓިކްޓޮކްގައި މިފަދަ މައްސަލައެއް ނުހިނގާ ދުވަހެއް މަދު ވާނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ގަނާކުރުން ނުވަތަ ހަނގާކުރުމަކީ މީހަކަށް ނަފްސާނީ ގޮތުން ނޭދެވޭ އަސަރެއްކުރާ ފަދަ ކަމެއްކުރުމެވެ. މީހަކާ ދިމާއަށް އަމަލުން ނުވަތަ ބަހަކުން ވިޔަސް އެ މީހަކު ހިތްހަމަނުޖެހޭ ގޮތަށް މުއާމަލާތުކުރުމަކީ ވެސް ހަމަ ގަނާ ކުރުމެވެ.
އެހެންކަމުން އެ އަންހެން ކުއްޖާ އަށް މިހާރު ފާޅުގައި އެ ކުރަމުންދަނީ ގަނާ ނޫން ވަކި ކޮންއެއްޗެއްތޯ؟


