"އަސަރުގަދަ އަދި އެންމެ ފޮނި ބަހަކީ މަށަށް، މި ދިވެހި ބަހޭ..."
3 ޖެނުއަރީ 2026 - 06:11

ހިތަށް އަރައެވެ. ދިވެހީންނަކީ ހާދަ ނަސީބު ރަނގަޅު ބައެކެވެ. ދުނިޔޭގެ ތާރީޚު ލިޔަން ފެށިތާ 21 ޤަރުނު ވެފައިވާއިރު، އަދި އޭގެ ކުރިން އެތައް މިލިއަން އަހަރެއް ފާއިތުވެދިޔައިރު، އަދި ދުނިޔޭގައި 100 އެތައް ޤައުމެއް އޮތް އިރު، އޭގެން މަދު ޒަމާނެއްގައި މަދު ބަޔަކަށް ނޫނީ ނުލިބޭ އެތައް ނިޢުމަތެއް އަހަރުމެން ދިވެހީންނަށް ލިބިފައި ވެއެވެ. ލޮލަށް ފެންނަ އެތަކެއް ތަކެއްޗާއި އަދި ނުފެންނަ އެއަށްވުރެ ގިނަ އެތަކެއް ތަކެތި އުފެއްދެވި، އެހުރިހާ ޚަލްޤެއްގެ ކަންކަން ބަލަހައްޓަވާ، ތަދުބީރުކުރައްވާ ޚާލިޤުވަންތަ، އެހުރިހާ ޚަލްޤެއްގެ މައްޗަށް ނުހަނު އޯގާތެރި ރަޙްމާންވަންތަ ﷲ ސުބްޙާނަހޫ ވަ ތަޢާލާގެ ޙަޟްރަތުގައި ޤަބޫލުވެވިގެންވާ ހަމައެކަނި ދީން؛ އިސްލާމްދީނުގެ މަތިވެރި ނިޢުމަތެވެ. އަހަރުމެންގެ މެދުގައި އޮންނަ އުޚުއްވަތްތެރިކަމުގެ އަދާއާ ޚިލާފު، ވަރުގަދަ ގުޅުމެވެ. ޗުއްޓީއެއް ލިބޭއިރަށް، ދުނިޔޭގެ ހަތަރު އުދަރެހުން މީހުން އައިސް އެތަންތަން ފުރާލާ ދޮންވެލީގެ ޗާލު ގޮނޑުދޮށްތަކެވެ.
ނަމަވެސް، މިފަދަ ގިނަގުނަ ނިޢުމަތްތަކުގެ އަގު ވަޒަންކުރަނީ އަހަރުމެން ތެރެއިން ކިތައް މީހުންތޯއެވެ؟ އެ ނިޢުމަތްތަކަށް ދޭންވާ ޙަޤީޤީ މަޤާމުދެނީ އަހަރުމެންގެ ތެރެއިން ކިތައް މީހުންތޯއެވެ؟ މިއަދު ދައްކަން މިއުޅެނީ އެ ނިޢުމަތެއް ނެތިދިއުމުގެ ރަތް އިންޒާރު ދެމުންދާ ނިޢުމަތެއްގެ ވާހަކައެވެ. ވަކީން ޚާއްޞަކޮށް ބޮޑެތިވަމުން އަންނަ ޒުވާން ޖީލުތަކުން މި ނިޢުމަތާމެދު އިހުމާލުވަމުންދާ އަގުބޮޑު ނިޢުމަތެއްގެ ވާހަކައެވެ. އެމެރިކާ ފަދަ ތަރައްޤީއާއި ތަހުޒީބުގެ އުޑުގައި އެންމެ އަލިގަދަކޮށް ފިޔަޖަހަމުންދާކަމަށް ދަޢުވާކުރާ ޤައުމުތަކަށްވެސް ލިބިފައިނުވި ނަމަވެސް، އަހަރުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަށް ލިބިފައިވާ މުހިންމު ނިޢުމަތެއްގެ ވާހަކައެވެ. އާދެ، އަޅުގަނޑުމެންގެ މާދަރީބަހުގެ ވާހަކައެވެ. މި ޗާލު، ހިތްގައިމު ދިވެހި ބަހުގެ ވާހަކައެވެ.

Ad by Hajj Corporation
ކުރިން ދެންނެވި ފަދައިން އަހަރުމެންގެ މި ރީތި މާދަރީބަސް އުވިގެން ހިނގައިދާނެ ކަމުގެ ރަތް އިންޒާރު ވަނީ އަޅަން ފަށާފައެވެ. މި މާދަރީބަހާމެދު ޒުވާން ޖީލުތައް އިހުމާލުވާ މިންވަރު އިތުރުވަމުން އަންނަނީ، ހިތަށް ކެތްވާ ވަރަށްވުރެ ހަލުވި ދުވެއްޔެއްގައެވެ. ސާދާ ދިވެހިބަހުން ވާހަކަދެއްކުމަކީ ލަދުވެތި ކަމަކަށް ވާން ފަށައިފިއެވެ. ލޮނެއް، ހަކުރެއް ވަކިނުވާ ވަރަށް ކޮންމެވެސް އެހެން ބަހަކާއި އެއްކޮށްގެން ވާހަކަދެއްކުމަކީ އެހެން މީހުންގެ ތެރޭގައި އެމީހެއްގެ ނަން ހިނގާ، މަޝްހޫރު މީހަކަށް ވުމުގެ ހިލޭ ފާހަކަށް ވެއްޖެއެވެ. ނަމަވެސް، މިކަމުގެ ޒިންމާ އެކުދިންގެ ބޮލުގައި އެޅުވޭކަށް ނެތެވެ.
ޅެމެއްގައި ކިޔާތީ އަހަމެވެ. "މޮޑެވިފައިވާ ފުއްގަނޑެެއްހެން، ސިފަ ނުވޭހޭ ޅަ އިރުގައި؟ ބޮޑުވަމުންދާނީ އެ ދަރިފުޅު، ހޭނި ގޮތަކަށް ޅަފަތުގައި.." ތެދެކެވެ. ކުއްޖާ ބޮޑުވަމުން އަންނާނީ އޭނާގެ މަންމަގެ ބަނޑުގައި ގަރުބަގަންނަ ހިސާބުން ފެށިގެން ވަށައިގެންވާ މާޙައުލުން ދަސްވާ ދަރެސްތަކާ އެކުއެވެ. ކުއްޖާ ޔަހޫދީއަކަށް، ނަޞާރާއަކަށް، ނުވަތަ މަޖޫސީއަކަށް ހަދަނީ މައިންބަފައިންނެވެ. ހަމަ އެފަދައިން، ރަނގަޅު އަޚްލާޤެއްގެ މަތީގައި ފުރިހަމަ މުސްލިމެއްގެ ގޮތުގައި ތަރުބިއްޔަތުކުރަނީވެސް މައިންބަފައިންނެވެ. ކުއްޖާއަށް ދަސްވާ އެެއްޗެއް ދަސްވުމުގެ ބިންގާ އަޅައިދެނީވެސް މައިންބަފައިންނެވެ. މި ބިންގާ ސީދާކުރުމަކީ އެމީހުންގެ ޒިންމާއެކެވެ. މިއަދު، މި ޒިންމާ އަދާކުރެވޭތޯ ސުވާލުކުރަން އެބަޖެހެއެވެ.
މި ސުވާލުގެ ޖަވާބު އެންމެ ރަނގަޅަށް ލިބޭނީ ތުއްތު ކުއްޖެއް ބޮޑުވަމުން އަންނަ ގެއަކަށް ވަދެލުމުންނެވެ. އަޅުގަނޑުމެން ބޮޑެތިވަމުން އައި އިރު، ހެނދުނުގެ އިރު އަރާނީ، މަޙްމޫދު ޚަލީލުލް ޙުޞަރީގެ ހިތްގައިމު ކިޔެވުމުގެ އަޑުންނެވެ. މަދަރުސާގައި ހޭދަކުރާ ވަގުތު ލިބޭ ހުސްގަޑިތަކުގައި ސިކުނޑީގައި އެނބުރެނީ ދެ ސުވާލެކެވެ. "ހާ ށަވިޔަންޏަށް ހާ ށަވިޔަނި ކިޔުނީ ކީއްވެބާއޭ؟ އާބާފިއްޔާ އޫބޫފިއްޔަށް ދެމެނީ ކީއްވެބާއޭ؟" ވާނީވެސް އެހެންތާއެވެ. މަދަރުސާ ނިންމާފައި ގެއަށްދާއިރު އަމަތު އާންޓީ، ތާނައިގެ ކޮންމެވެސް އަކުރެއްގެ ވާހަކަ ނުހަނު ޝައުގުވެރިވާ ފަދައިން ކިޔައިދެއްވާނެ އެވެ. ނިދަން އޮށޯންނަ ގަޑީ، މަންމަ ނުވަތަ ބައްޕަ ކިޔައިދޭނީ ސަންތި މަރިޔަނބު ނުވަތަ ފޫޅުދިގު ހަންޑި ވާހަކައެވެ.
މިހާރު މިފަދަތޯއެވެ؟ ހެނދުނު ހޭލާ ގޮތަށް "ކޮކޯމެލަން" އެވެ. ސައިގަޑީ "މިސް ރޭޗަލް" އެވެ. ނިދާ ގަޑީ "ޕޯ ޕެޓްރޯލް" އެވެ.
ކުދިން ދިވެހި ބަހާ ފެއަށްޖެހޭ ވާހަކަ ބެލެނިވެރިންވެސް ކަރުނައަޅާފައި ދައްކައެވެ. ނަމަވެސް ދަންނަވަންތޯއެވެ؟ މިކަން ޙައްލުކުރެވޭނީ މައްސަލައިގެ ބުޑުން ފަށައިގެން އިޞްލާޙުކޮށްގެނެވެ. ދިވެހި ބަހުގައި އެކުލެވިގެންވާ ބަލާޣާތާއި ފަޞާޙަތް، ޅަ ޢުމުރުގައި ކުދިންނަށް ކިޔައިދީގެންނެވެ. ކުދިންގެ "މަމީ" އަށް، "ޑެޑީ" އަށް ނުވެ، މަންމަ އާއި ބައްޕައަށް ވެގެންނެވެ. ކުއްޖާގެ ހިތް، ގޭތެރެއިން ފެށިގެން ދިވެހި ބަހަށް ލަންބުވައިގެންނެވެ. އަހަރުމެންގެ މި ބަހަކީ ފަޞާޙާތަށް މަޝްހޫރު އުރުދޫ އަދި ޢަރަބި ބަހަށް ދޫކުރާ ބަހެއް ނޫންކަން ކުދިންނަށް ވިސްނައިދީގެންނެވެ. ﷲ ތަޢާލާ އަހަރުމެންނަށް ދެއްވާފައިވާ މި އަގުބޮޑު ނިޢުމަތަށް ޝުކުރުވެރިވާ، މި ނިޢުމަތް ދިރުވާ ބަޔަކަށް ވެގެންނެވެ.
އާނއެކެވެ.
އަސަރަކާ އަދި ފޮނިކަމެއް، އެކި ބަސްބަހުން ހަމަ ފެނުނަކަސް،
އަސަރުގަދަ އަދި އެންމެ ފޮނި ބަހަކީ މަށަށް، މި ދިވެހި ބަހޭ.


