އެވިޑް ކޮލެޖްގެ ރައްދު: އެމްކިޔުއޭއިން ފެތުރީ ދޮގެއް؛ އެއީ ނަން ކިލަނބު ކުރުމުގެ އަމަލެއް!
6 ޖެނުއަރީ 2026 - 13:54

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ - އެމްޔުއޭއިން އެވިޑް ކޮލެޖާ ގުޅޭ ގޮތުން މިފަހުން ފެތުރީ ދޮގެއް ކަމަށާއި އެއީ އެ ކޮލެޖްގެ ނަން ކިލަނބު ކުރުމުގެ އަމަލެއް ކަމަށް އެވިޑް ކޮލެޖުން ބުނެފިއެވެ.
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން އެވިޑް ކޮލެޖާ ގުޅޭ ގޮތުން ދާދި ފަހުން ގެޒެޓްކުރި ނޫސްބަޔާނާ ގުޅޭ ގޮތުން، އެ ކޮލެޖުން ބުނި ގޮތުގައި، ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދު އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދާ ޚިލާފްވާގޮތަށް އެވިޑް ކޮލެޖުން ދިވެހިރާއްޖޭން ބޭރުގައި ޕްރޮގްރާމެއް ނުހިންގައެވެ.

Ad by Hajj Corporation
އެހެންނަމަވެސް ސްރީލަންކާގެ ބައެއް ޕަރޓްނަރ ކޮލެޖްތަކުން، އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ހުއްދަ ހޯދައި، އެވިޑް ކޮލެޖަކީ، ޔޫޖީސީއިން ގަބޫލުކުރާ ތަނަކަށްވުމާއެކު. އެ އުސޫލުގެ ދަށުން އެ ކޮލެޖުތަކުން ކޯސްތައް ހިންގަމުން ގެންދިޔައީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދު އާންމުކުރުމުގެ ކުރިން ކަމަށް އެ ކޮލެޖުން ވަނީ ބުނެފައެވެ.
އެވިޑް ކޮލެޖުން ބުނި ގޮތުގައި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދު، 10 ސެޕްޓެމްބަރ 2025 ގައި ގެޒެޓް ކުރެވުމާއެކު، 14 ސެޕްޓެމްބަރ 2025 ގައި އެވިޑް ކޮލެޖުން ވާނީ އެ ކޮލެޖްގެ ޕަރޓްނަރ ކޮލެޖްތަކަށް އުސޫލް އެއް ކަނޑަ އަޅައިފިކަން އަންގާ، އެއާއެއްގޮތަށް ކަންކަން ގެންދިއުމަށް އަންގާފައެވެ. އަދި މިމައުލޫމާތު ވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާއި ތަކުރާރުކޮށް ހިއްސާކޮށްފައެވެ.
ނޫސް ބަޔާނުގައި ބުނި ގޮތުގައި، އެވިޑް ކޮލެޖްގެ ޕަރޓްނާރ ކޮލެޖްތައް ސްރީލަންކާގައި ހުރި ކަމުގައިވިޔަސް، ސިލޯން ކޮލެޖް އޮފް އެޕްލައިޑް ސްޓަޑީސްއަކީ އެވިޑް ކޮލެޖްގެ އެފިލިއޭޓެޑް ޕަރޓްނަރ އެއް ނޫނެވެ. މިމައުލޫމާތުވެސް މީގެ ކުރިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އާ ހިއްސާކޮށްފައިވާކަން ފާހަގަކޮށް އެވިޑް ކޮލެޖުން ބުނީ، ނޫސް ބަޔާނުގައި ސިލޯން ކޮލެޖް އޮފް އެޕްލައިޑް ސްޓަޑީސްގެ ނަން އޮތުމުން އެފަރާތުން އެކަމާ ހިތްހަމަ ނުޖެހުންފާޅުކޮށް އަދި އެ ކޮލެޖްގެ ނަން ކިލަނބު ވުމާގުޅިގެން ގާނޫނީ ފިޔަވަޅު އެޅުމާމެދު މަޝްވަރާ ކުރަމުންދާކަން ހާމަކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، އެވިޑް ކޮލެޖުން ފާހަގަކުރި ގޮތުގައި އެ ކޮލެޖުން ވަނީ ދެފުއްފެންނަ ގޮތަށް ކޮލެޖްގެ ޕަރޓްނަރ ކޮލެޖްތައް ރާއްޖޭން ބޭރުގައި ހުންނަކަމާ އަދި ގަޥާއިދު ގެޒެޓް ކުރުމާއެކު އެގަވާއިދަށް ތަބާވާނެކަން އަންގައި އަދި ގަވާއިދުގެ ކުރިން ކުރިޔަށް ގެންދިޔަ އެފިލިއޭޝަން ތަކާމެދު ކަންކުރާނެ ގޮތުގެ ލަފައަކަށް ވެސް އެމްކިޔުއޭގައި އެދިފައެވެ.
އެހެންނަމަވެސް، އެވިޑް ކޮލެޖްގެ ނަން ކިލަނބު ވާގޮތަށް، ސަރުކާރު ބަންދު ދުވަހެއްގައި، ނޫސްބަޔާން ނެރި، އިއުލާންގެ ތާރީހު ގޯސްކޮށް ބަޔާންކޮށް، އާންމުންނަށް އޮޅޭފަދަކޮތަކަށް އިއުލާން ނަންބަރާ ތާރީޚްގައި ކުށް ހިމެނޭ ގޮތަށް ނެރިފައިވާކަމުގެ ކަންބޮޑުވުން އެ ކޮލެޖުން ފާޅުކުރިއެވެ.
މީގެ އިތުރުން ވެސް ހަތަރު ނުކުތާއެއް އެ ކޮލެޖުގެ ބަޔާނުގައި ވެއެވެ. އެއީ:
- ދެ އިއުލާންގައި ވެސް އެއް މައުލޫމާތެއް އޮތުމާ، ބާތިލްކުރެއްވީ ކޮން އިއުލާނެއްކަމާ، އާ ކުރެއްވީ ކޮން އިއުލާނެއްކަންވެސް އޮޅުން ނުފިލާކަމަށް ދެންނެވީމެވެ. މިއީ ކަންކަން އަވަސްކޮށް، އޭގެ ފުންމިނަށް ނުބައްލަވާ، އެއްވެސް ޒިންމާދާރުކަމެއް އަދި އަހައްމިއްޔަތުކަމެއް ނެތި، ގޯސް ނިޔަތެއްގައި، އިހުމާލުވެ، ގެއްލުން ދިނުމުގެ މަގްސަދުގައި ރޭވުންތެރިކަމާއެކު ހިންގަވާ ކަންތައްތަކެއް ކަމުގައި ފާހަގަ ކުރެވެއެވެ.
- އުސޫލެއް ކަނޑައެޅުމުގެ ކުރިން ރާއްޖޭން ބޭރުގެ ޕާޓްނާ ވެފާވާކޮލެޖްތަކާ ބެހޭ ކަންކަމާ ބެހޭގޮތުން އެމް ކިޔޫ އޭ އާ ބައްދަލުކޮށް އެފަރާތުން ވަނީގޮތެއް ކަނޑައަޅާފައެވެ. ނަމަވެސް އުސޫލް ގެޒެޓް ކުރުމުގެ ފަހުން އެ ފަދަ ކަމެއް ކުރިޔަށް ދިޔަތޯ ބެއްލެވުމެއްނެތި އެވިޑް ކޮލެޖްފަދަ ތައުލީމާއި ތަމްރީނުގެ ޚިދުމަތެއް ފޯރުކޮށްދޭ ތަނަކަށް ފިޔަވަޅު އެޅުމަކީ ބޭއިންސާފުން އަދި އަދާލާތުގެ ހަމަތަކާއި ހިލާފަށް އަނިޔާ ދިނުންކަމުގައި އެވިޑް ކޮލެޖުން ދެކެމެވެ. އަދި އާންމު މުޖުތަމަޢުގެ ނަޒަރުގައި، އެވިޑް ކޮލެޖުގެ ނަން ކިލަނބު ކުރުމުގެ އަމަލެކެވެ.
- އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ފަރާތުން އެވިޑް ކޮލެޖާމެދު އަމަލުކުރަމުންދާ ގޮތާއި، ތަންފީޒުކުރުމަށް އެކުލަވާލާފައިވާ ބައެއް ގަވާއިދުތަކާއި އެގަވާއިދުތަކުގެ ބައެއް މާއްދާތަކާއި ގުޅޭގޮތުން، އެވިޑް ކޮލެޖުގެ ފަރާތުން ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މިހާރު މަޝްވަރާ ކުރެވެމުންދާކަމުގައިވެސް ދެންނެވީމެވެ.
- އެވިޑް ކޮލެޖުގެ އިލްތިމާސަކީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ފަރާތުންވެސް، އަދުލުވެރިކަމާއެކު، ޤާނޫނީ އިމުގެ ތެރެއިން އަމަލުތައް ތަރުތީބުކުރައްވާ، ތައައްސުބާއި ތައައްސުފުން އެއްކިބާވެ، ޤާނޫނީ ޒިންމާ އަދާކުރުމެވެ.


