ބޯހިޔާވަހިކަމުގެ ހައްލަށް ދައުރުގެ ފަހު އަހަރަށް މަޑެއް ނުކުރާނެ! ރައްޔިތުންގެ ޚިޔާލާއެކު ތަރުތީބުކޮށް ގެނެސްދޭނީ ޙަޤީޤީ ހައްލެއް
12 ޖެނުއަރީ 2026 - 10:16

ދިވެހިރާއްޖޭގެ، ޚާއްޞަކޮށް މާލޭ ސަރަޙައްދުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖުތިމާޢީ މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަމެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ އިސް އަމާޒަކީ މި މައްސަލައަށް ދައުރުގެ ކުރީކޮޅު އިޚުލާޞްތެރި އަދި ދާއިމީ ޙައްލެއް ހޯދައިދިނުމެވެ. މި މަޤްޞަދުގައި، ޖަނަވަރީ 15 ވަނަ ދުވަހު މާލޭ ސަރަޙައްދުން 7900 ފްލެޓާއި 15000 ގޯއްޗަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމަށް ވަނީ ނިންމާފައެވެ.
ރައްޔިތުންގެ ޚިޔާލާއެކު ޝަރުޠުތަކަށް ގެނެވުނު ބަދަލުތައް

Ad by Hajj Corporation
މިފަހަރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ރައްޔިތުންގެ ބައްދަލުވުންތަކުގައި ހުށަހެޅުއްވި ޚިޔާލުތަކަށް ބިނާކޮށް ޝަރުޠުތައް އިޞްލާޙުކޮށްފައިވާ ކަމެވެ. ކުރީގެ ސްކީމްތަކުގައި އެއް ކޮޓަރީގެ ފްލެޓް ލިބިފައިވާ ނަމަވެސް، އާއިލާ ބޮޑުވުމުގެ ސަބަބުން ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ފަރާތްތަކަށް މިފަހަރު ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން، ދެ ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން 18 އަހަރު ނުފުރޭ ދެ ޖިންސުގެ ދަރިން ތިބި އާއިލާތަކަށްވެސް ބޮޑު ފްލެޓަކަށް ބަދަލުވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ފްލެޓާއި ގޯތި ދޫކުރުމުގައި ގެންގުޅޭ އިންސާފުވެރި އުޞޫލު
ސަރުކާރުން ނިންމާފައިވަނީ މާލޭގެ އެކި ދަރަޖަތަކުގެ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށެވެ. އެގޮތުން ދޫކުރާ 15000 ގޯތީގެ ތެރެއިން 7000 ގޯތި މާލެއަށް އުފަން ރައްޔިތުންނަށް ޚާއްޞަކުރެވިފައިވާއިރު، މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ އެހެން ރަށްރަށުގެ ރައްޔިތުންނަށް 3000 ގޯތި ވަނީ ކަނޑައަޅާފައެވެ. އަދި ދަފުތަރުގައި ޖެހިފައިވާ ފަރާތްތަކަށާއި، މައިމުޅަވެފައިވާ ފަރާތްތަކަށްވެސް ވަކި މިންވަރެއް ވަނީ ޚާއްޞަކުރެވިފައެވެ. މިއީ މާލޭގައި ދިރިއުޅޭ ހުރިހާ ފަންތިއެއްގެ ރައްޔިތުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް އެކުލަވާލާފައިވާ އިންސާފުވެރި ބެހުމެކެވެ.
ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް އެޅޭ ފިޔަވަޅުތައް
މާލޭގެ ހަނި ގޯޅިތަކުގައި ހުރި ކުދި ގޯތިތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމަށްޓަކައި 1500 ގޯތި ވަނީ ޚާއްޞަކުރެވިފައެވެ. މިއީ އެފަދަ ތަންތަނުގައި ޢިމާރާތްކުރުމަށް ލޯނު ހޯދުމުގައި ހުރި ހުރަސްތައް ނައްތާލައި، ރައްޔިތުންނަށް ތަނަވަސް ދިރިއުޅުމެއް ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، މާލޭ ދަފުތަރުގައި ޖެހިފައިވާތާ އެންމެ އަހަރެއް ވެފައިވާ ފަރާތްތަކަށްވެސް ކުރިމަތިލެވޭ ގޮތަށް ހަމަޖެއްސުމަކީ ގިނަ ބަޔަކަށް ބޯހިޔާވަހިކަމުގެ އުންމީދު އާވެގެންދާނެ ކަމެކެވެ.
ބޯހިޔާވަހިކަމުގެ ހައްލަށް ދައުރުގެ ފަހު އަހަރަށް މަޑެއް ނުކުރާނެ!
ޖުމްލަގޮތެއްގައި ބަލާއިރު، މި ސަރުކާރުގެ އަމާޒަކީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ދައުރުގެ ފަހުކޮޅަށް މަޑުނުކޮށް، މިހާރުން މިހާރަށް ޢަމަލީ މަސައްކަތް ފެށުމެވެ. ރައްޔިތުންގެ ބޭނުންތަކާއި ޚިޔާލުތަކަށް އިސްކަންދީގެން އެކުލަވާލާފައިވާ މި މަޝްރޫޢުތަކަކީ، ދިވެހި އާއިލާތަކަށް އުފާވެރި އަދި ހަމަޖެހޭ މުސްތަޤްބަލެއް ބިނާކޮށްދިނުމަށް އެޅޭ ވަރަށް އިޚުލާޞްތެރި ފިޔަވަޅެކެވެ. މި މަސައްކަތުގެ ސަބަބުން މާލޭ ސަރަޙައްދުގެ ތޮއްޖެހުމަށް ލުޔެއް ލިބި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.


