ދިވެހި އަދަބިއްޔާތު ދިރުވުމުގެ މަސައްކަތަށް އިތުރު ބޮޅެއް: ސަމާސާ އަދަބުގެ ޅެން ހެދުމުގެ މުބާރާތެއް!
13 ޖެނުއަރީ 2026 - 04:57

ދިވެހި އަދަބިއްޔާތާއި ދިވެހި ޤައުމިއްޔަތު ދިރުވުމަށް މިސަރުކާރުން ކުރަމުން ގެންދާ ތަފާތު، ގިނަ މަސައްކަތްތަކުގެ ތެރެއިން، ސަމާސާ އަދަބުގެ ޅެން ހެދުމުގެ މުބާރާތެއް، ދިވެހިބަހުގެ އެކެޑެމީން އިއުލާނުކޮށްފިއެވެ.
އެކެޑެމީން ބުނީ މި މުބާރާތަކީ މިއަހަރުގެ ޅެންވެރީންގެ ދުވަހާ ގުޅުވައިގެން، ދިވެހި ޅެންވެރިކަމާއި އަދަބިއްޔާތައް ޝައުގުވެރިކުރުވުމާއެކު ދިވެހިބަހުން ސަމާސާ އަދަބުގެ ޅެންހެދުމުގެ ހުނަރު އާލާކޮށް އެ ފަންނުގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ.

Ad by Hajj Corporation
މި މުބާރާތުގައި ބައިވެރިކުރާ ޅެންތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި، ހުރެގެން ނުވާނެ ސިފަތައްވެސް އެކެޑެމީން އާންމުކޮށްފައިވެއެވެ.
ޅެމުގައި ހުންނަންޖެހޭ ޝަރުތުތައް:
- އެއް މައިގަނޑު ނަމަކަށް ހަދާފައިވާ 8 ބައިތާއި 12 ބައިތާ ދެމެދުގެ ޅެމަކަށްވުން
- ޅެމުގެ މައިގަނޑު ނަން ލިޔެފައި އޮތުން
- ޅެން ހުށަހަޅާ ޅެންވެރިޔާގެ އަމިއްލަ ޅެމަކަށްވުން
- އެހެން މުބާރާތަކަށް ހުށަހަޅާފައިވާ ޅެމަކަށް ނުވުން
- ކުރިން ޝާއިއުކޮށްފައިވާ އެއްޗަކުން، ނުވަތަ އެހެން މުބާރާތަކަށް ހުށަހަޅާފައިވާ އެއްޗަކުން ބޮޑު ބައެއް ނަގައިގެން ހަދާފައިވާ ޅެމަކަށް ނުވުން
ޅެމުގައި ހުރެގެން ނުވާނެ ސިފަތައް:
- އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނާ ހިލާފު ވާހަކަ
- މީހެއްގެ ނުވަތަ ބައެއްގެ ކަރާމާތަށް ގެއްލުން ލިބޭފަދަ ވާހަކަ
- މުޖުތަމައުގެ އަހުލާގީ މިންގަނޑުތަކާއި ހަމަތަކާ ހިލާފު ވާހަކަ
- މުޖުތަމައުގައި ބައިބައިވުން އުފެދިދާނެފަދަ ވާހަކަ
މީގެ އިތުރުން މުބާރާތުގައި ހޮވާނެ ވަނަތަކާއި، މުބާރާތުގައި އިންސާފު ކުރާނެ ގޮތާއި މިންގަނޑުތައްވެސް އެކެޑެމީން އާންމުކޮށްފައި ވެއެވެ.
މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކަށް އެކެޑެމީން ކަނޑައަޅާފައިވަނީ، އަންނަ ފެބްރުވަރީ މަހުގެ 1 ވާ އާދީއްތަ ދުވަހުގެ 13:00 އެވެ.
މުބާރާތުގައި ބައިވެރިވުމަށް ފޮނުވާ ޅެންތައް ހުށަހެޅޭނީ، އީމެއިލް މެދުވެރިކޮށް ނުވަތަ ދިވެހި ބަހުގެ އެކަޑެމީގެ ކައުންޓަރާ ހަވާލު ކޮށްގެން ކަމަށް އެކެޑެމީން ބުނެއެވެ. އެގޮތުން، މެއިލްކުރާނަމަ ވޯޑު ފައިލް ނުވަތަ ޕީޑީއެފް ފައިލް ހީރަސްކުރުމަށްފަހު، info@dba.gov.mv އަށް މެއިލް ކުރުމަށް އެކެޑެމީން އެދެއެވެ.
ޅެން ހުށަހަޅާއިރު، ޅެން ހުށަހަޅާ މީހާގެ ފުރިހަމަ ނަމާއި ގުޅޭނެ ނަންބަރު ޖަހަން ޖެހެއެވެ. އަދި ޅެމާއެކު އެ މީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ވެސް ހުށަހަޅަން ޖެހެއެވެ.
މި މުބަރާތަށް ހުށަހަޅާ ޅެންތަކުގެ ތެރެއިން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވުމަށް ހަމަޖެހިފައިވެއެވެ. އަދި ވަނަވަނައަށްދާ ޅެން، ދިވެހި ބަހުގެ އެކެޑެމީއިން ޝާޢިޢުކުރާނެކަމަށް އެ އެކެޑެމީއިން ބުނެއެވެ.
މިއަހަރުގެ ޅެންވެރީންގެ ދުވަހާ ގުޅުވައިގެން ސަމާސާ އަދަބުގެ ޅެން ހެދުމުގެ މުބާރާތެއް އިއުލާނުކޮށްފައިވާއިރު، ޅެންވެރިންގެ ދުވަސް މިއަހަރު އެޝާއިރަކަށް ހާއްސަކުރެވިފައިވާ ޢަބްދުﷲ ޞާދިޤް (ސޯދުބެ) އަކީ ސަމާސާ އަދަބުގެ މައިދާނުގައި ބަބުޅާ، ފަނޑުވުމެއްނެތް ތަރިއެކެވެ. އާންމު ދިރިއުޅުމުގައިވެސް ސޯދުބެއަކީ ސަކަ މިޒާޖެއް ހުންނަ، މަޖާ ބޭފުޅެކެވެ.


