ދުނިޔޭގެ 18 ސުކޫލަކާ ވާދަކޮށް ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ފ. އަތޮޅު ތަޢުލީމީ މަރުކަޒަށް!
13 ޖެނުއަރީ 2026 - 15:46

ދުނިޔޭގެ 18 ސުކޫލަކާ ވާދަކޮށް 150،000 ޑޮލަރުގެ އަގުހުރި ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ފ. އަތޮޅު ތައުލީމީ މަރުކަޒުން ހާސިލުކޮށްފިއެވެ.
ފ. އަތޮޅު ތަޢުލީމީ މަރުކަޒުން މި އެވޯޑް ހާސިލްކޮށްފައިވަނީ ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒްގެ ގްލޯބަލް ހައި ސްކޫލްސް، ސައުތު އޭޝިއާ ކެޓަގަރީންނެވެ.
މި އެވޯޑަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 18 ސްކޫލަކާ ވާދަކޮށް ފާފު އަތޮޅު ތަޢުލީމީ މަރުކަޒުން ހުށަހެޅީ އިއާދަކުރަނިވި ހަކަތައާއި، ފެން ރައްކާކުރުމާއި، ދެމެހެއްޓެނިވި ދަނޑުވެރިކަން އެއްކޮށްލައިގެން ތައްޔާރުކޮށްފައިވާ މޮޑެލްއެކެވެ. މި މޮޑެލްގެ ދަށުން އަވިންނާއި ވައިން ހަކަތަ އުފެއްދުމާއި، ވާރޭފެން ނަގައި ރައްކާކުރުމުގެ އިތުރުން، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކާށި، ބަނބުކެޔޮ އަދި ބައެއް ބާވަތްތަކުގެ ބޭސްވެރިކަމަށް ބޭނުންކުރާ ގަސްގަހާގެހި ވަނީ އިންދާފައެވެ.

Ad by Hajj Corporation
މިކަމަށް ނަމޫނާއަކަށް އެ ސްކޫލުން ބެލީ މީގެ ކުރިން އައްޑޫ ހައި ސްކޫލުން ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ކާމިޔާބުކުރި މޮޑެލްއެވެ.
މިހާރު ފާފު އަތޮޅު ތަޢުލީމީ މަރުކަޒުން ކަރަންޓަށް މަހަކު 100،000 އަށްވުރެ ގިނަ ރުފިޔާ ހޭދަކުރެއެވެ. ނަމަވެސް، މި މޮޑެލްގެ ދަށުން ސޯލާ ޕެނަލްތައް ހަރުކުރުމުން އެ ޚަރަދު ސަލާމަތްވުމުގެ އިތުރުން، އިތުރަށް އުފެދޭ ހަކަތަ ފެނަކަ ގްރިޑަށް ވިއްކައިގެން ސްކޫލަށް އާމްދަނީ ހޯދޭނެއެވެ. މި އާމްދަނީ ބޭނުންކޮށްގެން މުޅި ސްކޫލް އޭސީ ކުރުމަކީވެސް ސްކޫލްގެ އަމާޒެކެވެ.
މި އިނާމަކީ ޔޫއޭއީގެ ފައުންޑަރ ކަމަށްވާ ޒައިދު ބިން ސުލްތާން އަލް ނަހްޔާންގެ ހަނދާނުގައި ކޮންމެ އަހަރަކުވެސް ދެމެހެއްޓެނިވި ހަކަތައާއި، ފެނާއި، ކާބޯތަކެއްޗާއި، ސިއްހަތު އަދި ތައުލީމާ ގުޅޭ އީޖާދީ މަޝްރޫޢުތައް ފާހަގަކުރުމަށްޓަކައި ދެމުންގެންދާ އެވޯޑެކެވެ.
މީގެ ކުރިން ދިވެހިރާއްޖެއިން އައްޑޫ ހައި ސްކޫލް އަދި ހިރާ ސްކޫލުން މި އިނާމު ހާސިލުކޮށްފައިވެއެވެ
ފ. އޭއީސީގެ ޕްރިންސިޕަލް އަބްދުﷲ އަޙްމަދު ވިދާޅުވިގޮތުގައި އެ ސްކޫލުތަކުގެ ކާމިޔާބީ އަކީ މި އިނާމަށް ޕްރޮޖެކްޓެއް ހުށަހަޅަން ޝައުގުވެރިވި ސަބަބެއް ކަމަށެވެ. އެގޮތުން، ސްކޫލުގެ މެނޭޖްމަންޓާއި އޭލެވެލް އަށް ކިޔަވާ ދަރިވަރުން ހިމެނޭހެން މި ޕްރޮޖެކްޓްގެ ޕްރޮޕޯސަލް ތައްޔާރުކޮށް، ހުށަހެޅީއެވެ.
މި އިނާމަށް ފ. އޭއީސީ އިން ހުށަހަޅާފައިވަނީ އެ ސްކޫލުގައި ބޭނުންކުރާ ހަކަތަ، އެއްކޮށް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށެވެ. އެކަމަށްޓަކައި ސްކޫލުގައި ސޯލާ ޕެނަލް ހަރުކުރެވި، ކަރަންޓަށް މަހަކު ހޭދަ ކުރާ ފައިސާއިން ބޮޑު އަދަދެއް ސަލާމަތްކުރެވޭނެކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.
މި އިނާމަށް 156 ގައުމަކުން 5,980 ޕްރޮޖެކްޓް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން ފައިނަލިސްޓުންގެ ގޮތުގައި 33 ޕްރޮޖެކްޓް ވަނީ ހޮވާފައެވެ.


