އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނުގެ ކުޑަކުއްޖާ ހިންދު ރަޖަބްގެ ވާހަކައަށް ތައްޔާރުކުރި ފިލްމު އޮސްކާ އެވޯޑަށް ނޮމިނޭޓްވެއްޖެ
23 ޖެނުއަރީ 2026 - 15:09

ޣައްޒާގައި އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި އުމުރުން ފަސް އަހަރުގެ ފަލަސްތީނު އަންހެން ކުއްޖެއް ކަމަށްވާ ހިންދު ރަޖަބްގެ އެންމެ ފަހު ވަގުތުކޮޅުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ "ދަ ވޮއިސް އޮފް ހިންދު ރަޖަބް" އެކަޑަމީ އެވޯޑްސް (އޮސްކާ) ގެ ބެސްޓް އިންޓަނޭޝަނަލް ފީޗާ ފިލްމު ކެޓަގަރީން ނޮމިނޭޓްވެއްޖެއެވެ.
ޓިއުނީޝިއާގެ ފިލްމު އުފެއްދުންތެރިޔާ ކައުތަރު ބިން ހަނިއްޔާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ، 29 ޖެނުއަރީ 2024 ގައި ޣައްޒާ ސިޓީގައި އިސްރާއީލު ސިފައިންގެ ހަމަލާތަކެއް އަމާޒުވި އެ އާއިލާގެ ކާރުގެ ތެރޭގައި ތާށިވި ހިންދު ރަޖަބްގެ ހަގީގީ ހާދިސާގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. ހިންދު ފެނިފައިވަނީ އޭނާއަށް ވީނުވީއެއް ނޭނގި ދެ ހަފުތާއެއްހާ ދުވަސް ފާއިތުވި ފަހުން މަރުވެފައި އޮއްވައެވެ.

Ad by Hajj Corporation
ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނާ ގޮތުގައި، ހިންދު އޭނާގެ އާއިލާއާއެކު (އޭގެ ތެރޭގައި 15 އަހަރުގެ ދެބެންގެ ދެދަރި ލަޔާން ހަމާދޭ ހިމެނޭ ގޮތަށް) އުތުރު ޣައްޒާގައި ހިނގަމުންދިޔަ ހަނގުރާމައިން ސަލާމަތްވުމަށް ދަތުރުކުރަނިކޮށް، އިސްރާއީލުގެ ހަމަލާތައް އެމީހުންނަށް އަމާޒުވީއެވެ. މި ފިލްމު ބިނާވެފައިވަނީ ހިންދު އެހީއަށް އެދި ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީއަށް ކުރި އެންމެ ފަހު ފޯނު ކޯލުގެ އަސްލު އޯޑިއޯ ރެކޯޑިންގެ މައްޗަށެވެ.
ހިންދު މަރުވި ފަހުން ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފެތުރުނު މި ރެކޯޑިންގެ ސަބަބުން ބައިނަލްއަގުވާމީ ދުނިޔޭގެ ނުރުހުން އަމާޒުވެ، އިންސާފަށް ގޮވާލާ ގޮވާލުންތައް އިތުރުވިއެވެ. ހިންދުގެ ގާތަށް ދިއުމަށް މަސައްކަތް ކުރި ދެ ޕެރަމެޑިކުން ވެސް ވަނީ އެމީހުން ދަތުރުކުރި އެމްބިއުލާންސަށް ހަމަލާދިނުމުގެ ސަބަބުން ޝަހީދުވެފައެވެ.
އިސްރާއީލު ސިފައިން ވަނީ މި މަރުތަކުގެ ޒިންމާ އުފުލަން ދެކޮޅު ހަދާފައެވެ. ނަމަވެސް، ލަންޑަނުގައި ހުންނަ ރިސާޗް ގްރޫޕެއް ކަމަށްވާ ފޮރެންސިކް އާކިޓެކްޗާއިން ކުރި ތަހުގީގަކުން ފަހުން ހާމަވި ގޮތުގައި، ހިންދު ރަޖަބްގެ ކާރަށް އެތައް ސަތޭކަ ވަޒަނެއް އަރާފައިވާއިރު، އިސްރާއީލުގެ ޓޭންކެއް އޮތީ އެ ކާރާ ވަރަށް ކައިރީގައެވެ.
މި ފިލްމު ފުރަތަމަ ދައްކާފައިވަނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވެނިސް އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައެވެ. މި ފިލްމަށް ބައިނަލްއަގުވާމީ ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ.


