މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުން މިރޭ
24 ޖެނުއަރީ 2026 - 11:30

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ދޭން ނިންމި މަސް ދަޅު ކޭސް މާލެ ސަރަަހައްދުގައި މިރޭ ބަހަން ފަށާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މާލޭ ސަރަޙައްދުގައި މަސްދަޅުކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އަށް ށެވެ.

Ad by Hajj Corporation
މަސްދަޅު ކޭސް ބެހުމުގައި ރަށްރަށާއި، ސިޓީތަކުގައި (މާލެ ފިޔަވައި) ގޭބިސީގޮތުގައި ބަލާފައިވާަނީ، ވަކިން ކައްކާކައިބޮއި ހަދާ ކޮންމެ ދިވެހި ޢާއިލާއެކެވެ. އަދި މާލެ ސަރަހައްދުގައި ބަލާފައިވަނީ ކޮންމެ ޑޮމެސްޓިކް މީޓަރެއް ( ވަކި ގޭބިސީއެއްގޮތުގައި) އެވެ.
އެ މިނިސްޓްރީން ގޭބިސީ ލިސްޓް އެކުލަވައިލެވުނުއިރު ރަށްރަށާއި ސިޓީތަކުގެ ގޭބިސީގެ ޖުމުލަ ޢަދަދަކީ 56,918 އެވެ. ގްރޭޓަރ މާލެ ސަރަޙައްދުގެ ޑޮމެސްޓިކް މީޓަރގެ ޢަދަދަކީ 61,755 އެވެ. ވުމާއެކު މުޅި ޖުމުލަ ގޭބިސީގެ ޢަދަދަކީ 118,673 އެވެ.
މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ބެހުމަށް 15 މަރުކަޒެއް ވަނީ ހަމަޖެހިފައެވެ. އެއީ މާލޭގައި 8 މަރުކަޒު، ވިލިމާލޭގައި 1 މަރުކަޒު އަދި ހުޅުމާލޭގައި 6 މަރުކަޒެވެ.
މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ތަންތަނަކީ،
މާލެ؛
- މިފްކޯ މަރުކަޒު
- ސޯޝަލް ސެންޓަރު
- އެމްޓީސީސީ ސޯވިލު
- ހެންވޭރު ބޯޅަދަނޑު
- ގަލޮޅު ދަނޑު (1)
- ގަލޮޅު ދަނޑު (2)
- ގަލޮޅު ދަނޑު (3)
- ގަލޮޅު ދަނޑު (4)
ހުޅުމާލެ- ފޭސް 1
- ޢުމަރު ޒާހިރު ބިލްޑިންގ
- ޕޮލްކޯ ޓަވަރ ތިރި
- މުޙައްމަދު ޤާސިމް ޕްރީ ސްކޫލް
ހުޅުމާލެ ފޭސް 2؛
- ކާމިލުދީދީ ސްކޫލް
- ހިޔާޓަވަރު 10
- ވިނަރެސް ފްލެޓް
ވިލިމާލެ؛
- ވެމްކޯސައިޓް
11 ފެބުރުވަރީ 2026 ގެ ނިޔަލަށް ރޯދަހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
ރޯދަހަދިޔާ ބެހުމުގެ މަސައްކަތުގައި އެމްއެންޑީއެފް، އެމްޕީއެލް، ވެމްކޯ، އެމްޑަބުލިޔުއެސްއީ އަދި މިފްކޯ ޙަރަކާތްތެރިވާނެއެވެ. މަރުކަޒުތައް ޤާއިމުކުރުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީ، ސްޕޯޓްސް މިނިސްޓްރީ، އެޑިއުކޭޝަން މިނިސްޓްރީ، މިފްކޯ، އެޗްޑީސީ އަދި ވެމްކޯ ޝާމިލުވެއެވެ.
މަސްދަޅުކޭސް ލިބުމުގައި މައްސަލައެއް ދިމާވެގެން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުން ވެއްޖެނަމަ ވަޓްސްއަޕް މެދުވެރިކޮށް މެސެޖަކުން ހުށަހެޅޭނެ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.
މިކަމަށް ޚާއްޞަކުރެވިފައިވާ ނަންބަރަކީ 7741446 އެވެ.


